ދިވެހި ރުފިޔާގެ ނިޝާނެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ދިވެހި ފައިސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރުފިޔާ އަށް ބޭނުން ކުރާނެ ނިޝާނެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި އިއުލާނެއްގައި ބުނީ ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ފަރުމާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 21 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެމްއެމްއޭ އަށް ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ދިވެހި ރުފިޔާ އަށް ބޭނުންކުރާނެ ނިޝާނެއް ފަރުމާކުރަން ނިންމީ އެހެން ގިނަ ގައުމުތަކުގައިވެސް، އެ ގައުމެއްގެ ފައިސާއަށް ހާއްސަ ކޮށްގެން ހާއްސަ ނިޝާނެއް ބޭނުން ކުރަމުން އަންނަ އިރު، ދިވެހި ރުފިޔާ އަށް ވެސް އެފަދަ ނިޝާނެއް ބޭނުން ކުރަން އެމްއެމްއޭ އިން ނިންމާފައިވާތީ ކަމަށެވެ.

އެމްއެމްއޭ އިން އަންމުކޮށްފައިވާ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ގައި ބުނެފައިވާގޮތުން ދިވެހި ރުފިޔާގެ ނިޝާނެއްގެ ގޮތުގައި ބޭނުން ކުރުމަށް ޑިޒައިނެއް ހޮވުމަށް ފަހު، އެ ޑިޒައިން ވާނީ އެމްއެމްއޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ އަކަށެވެ.

ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގައި ބޭނުންކުރަން ހޮވޭ ޑިޒައިން ފަރުމާކުރި ފަރާތަށް 20،000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ދިވެހި ރުފިޔާ ރަމްޒު ކުރުމަށް މިހާރު ބޭނުން ކުރާ ރަމްޒީ ގޮތަކީ mvr އެވެ.

comment ކޮމެންޓް