އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ބަންގްލަދޭޝް އާއި ނޭޕާލްއަށް ފޮނުވައިފި

އިންޑިއާއިން ވަނީ ކޮވިޝީލްޑް ވެކްސިން ނޭޕާލް އާއި ބަންގްލަދޭޝްއަށްވެސް ފޮނުވާފަ -- ފޮޓޯ: އޭއެންއައި

ދިއްލީ (ޖެނުއަރީ 21): އިންޑިއާއިން ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތައް ބަންގްލަދޭޝް އާއި ނޭޕާލްއަށް ފޮނުވައިފި އެވެ.

ކޮވިޝީލްޑް ވެކްސިންއަކީ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)އިން ތައްޔާރު ކުރާ، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ކޮވިޑް-19 ވެކްސިން އެވެ.

އިންޑިއާއިން ވަނީ ކޮވިޝީލްޑް ވެކްސިން އެގައުމުގައި ބޭނުން ކުރަން މި މަހުގެ ހަތަރެއްގައި ހުއްދަ ދީފަ އެވެ. އަދި އެގައުމުން އެންމެ ފުރަތަމަ ވެކްސިން އެކްސްޕޯޓު ކުރީ ރާއްޖެ އާއި ބޫޓާންއަށް އިއްޔެ އެވެ. އެގޮތުން ރާއްޖެއަށް އެއް ލައްކަ ޑޯޒް ހަދިޔާކޮށްފައިވާ އިރު ބޫޓާންއަށް 150،000 ޑޯޒް ވަނީ ފޮނުވާފަ އެވެ.

އޭގެ ފަހުން މިއަދު އިންޑިއާއިން ވަނީ ނޭޕަލްއަށް ކޮވިޝީލްޑްގެ އެއް މިލިއަން ޑޯޒް އަދި ބަންގްލަދޭޝްއަށް ދެ މިލިއަން ޑޯޒް ހަދިޔާކޮށްފަ އެވެ. އަދި އެ ދެ ގައުމުން ވަނީ ހިލޭ ލިބުނު ޑޯޒްތަކަށް ފަހު އިތުރު ވެކްސިން ގަންނާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ބަންގްލަދޭޝްއިން ވަނީ އެގައުމުން ގަތް އިތުރު ޑޯޒްތައް އަންނަ ހޯމަ ދުވަހު ލިބޭނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ 'އަވަށްޓެރިން ފުރަތަމަ' ސިޔާސަތުގެ ދަށުން އެގައުމުން ވެކްސިން ފުރަތަމަ ފޯރުކޮށްދޭން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި މިޔަންމާ އާއި ސީޝެލްސް ވެސް ހިމެނެ އެވެ.

ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ވެކްސިންއަށް ހުއްދަ ދިނުމާ ބެހޭ ގޮތުން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ކޮވިޝީލްޑަށް މި މަސް ނުވަތަ އަންނަ މަހުގެ ތެރޭ ހުއްދަ ދިނުން އެކަށީގެންވެ އެވެ. އަދި ރާއްޖޭގެ ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެކްސިން ޖަހަން ފާށާނީ އެ ވެކްސިންގެ ރައްކާތެރިކަމަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދިނުމުންނެވެ.

ޑަބްލިޔުއެޗްއޯއިން މިހާތަނަށް ބޭނުން ކުރަން ހުއްދަ ދީފައިވާ ކޮވިޑް ވެކްސިން އަކީ ހަމައެކަނި އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ވެކްސިން އެވެ.

ނަމަވެސް އެ ވެކްސިންއަކީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ރައްކާ ކުރަން ޖެހޭ ވެކްސިންއެއް ކަމުން އެއީ އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށާއި ރައްކާ ކުރުމަށް އުނދަގޫ ވެކްސިންއެކެވެ. އެއާ ހިލާފަށް އެސްޓްރާޒެނެކާގެ ވެކްސިންއަކީ އާއްމުކޮށް ވެކްސިން ރައްކާ ކުރާ ފްރިޖުތަކުގައި 2-8 ޑިގްރީ ސެލްސިއަސްގައި ބެހެއްޓޭ ވެކްސިނެކެވެ.

comment ކޮމެންޓް