ކެމްބްރިޖް މުސްލިމް ކޮލެޖް

މިއަދު އަޅުގަނޑުމެންގެ ގައުމަށް ކުރިމަތި ވެފައި ވާ އެންމެ ބޮޑު އެއް މައްސަލަޔަކީ، މާތް ވެގެންވާ އިސްލާމް ދީން އަޅުގަނޑުމެންގެ އަތުން ބީ ވަމުން ގެއްލެމުން ދާ ދިޔުމެވެ.

އިސްލާމް ދީން އަޅުގަނޑުމެންގެ ގައުމުގައި ނިކަމެތި ވަމުން ދަނީ އެތައް ސަބަބުތަކަކާ ހުރެއެވެ. އެއް ސަބަބަކީ އިސްލާމް ދީނާ ދެކޮޅަށް ހުޅަނގުގެ އެކިއެކި ފަރާތްތައް އިސް ވެތިބެގެން ފަތުރަމުން ދާ ޕްރޮޕެގެންޑާގެ ދަލުގައި ޖެހި، އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ދީނާ ދުރުހެލި ވަމުން ދިޔުމެވެ. އަނެއް ސަބަބަކީ އެކިއެކި ސިޔާސީ މަގުސަދުތަކުގައި ދީން ގުރުބާން ކޮށް، ދީނުގެ ދުޝްމަނުންނާ ގުޅިގެން އަޅުގަނޑުމެންގެ މުޖުތަމައުން ދީނުގެ ބާރު ކަނޑުވައިލުމަށް މަސައްކަތް ކުރާ ޚާއިނުންތަކެއްގެ މަސައްކަތެވެ. އަނެއް ސަބަބަކީ އަޅުގަނޑުމެންގެ ދަރީންނަށް އިސްލާމް ދީން ހަގީގީ މާނައިގައި އުނގަންނައިނުދެވި، ކުޑަ އިރުއްސުރެ ހުޅަނގުގެ ކްރިސްޓިއަން ނުވަތަ އަލްމާނީ އަދަބިއްޔާތާއި ފިލްމު ފަދަ ތަކެތީގެ ވަސީލަތުން ކުދީންގެ ސިކުނޑި ހުޅަނގުގެ ފިކުރަށް ދޮވެލެވޭކަމެވެ.

ނަމަވެސް މި ހުރިހައި ސަބަބުތަކަކަށް ވުރެ ވެސް މުހިއްމުކަން ބޮޑު ސަބަބަކީ، އިސްލާމް ދީން އެ ދީނުގެ ހަގީގީ އުސޫލުތަކާ އެކު އަޅުގަނޑުމެންނަށް އުނގަންނައިދޭނެ ދީނީ އިލްމުވެރީން ނެތުމެވެ. ހަރުދަނާ އިސްލާމީ ތައުލީމީ ނިޒާމެއް އަޅުގަނޑުމެންގެ ތެރޭގައި ނެތުމެވެ. އިސްލާމީ އަޚްލާގިއްޔާތާއި ރޫހާނިއްޔަތުގެ އަލިކަން މުޖުތަމައުގައި ފަތުރާނެ ހަރުދަނާ އިސްލާމީ ޝަޚްސިއްޔަތުތަކެއް އަޅުގަނޑުމެންގެ ތެރޭގައި ނެތުމެވެ.

އަޅުގަނޑުމެންގެ ތެރޭގައި އިސްލާމް ދީނުގެ އާލިމުންގެ ގޮތުގައި ތިބި މީހުންނަކީ ވަކި ގައުމެއްގައި އޮންނަ ވަކި މަޒުހަބެއްގެ އުސޫލުތައް ފިޔަވައި އެހެން ހުރިހައި ގޮތްތަކަކީ މަގުފުރެދުން ކަމުގައި ދެކޭ ބަޔަކު ކަމުގައި މިއަދު ވަނީ ވެފައެވެ. އެމީހުންނާ ތަފާތު ވިސްނުންފުޅެއްގެ އިލްމުވެރިޔަކު ހުންނެވިޔަސް، އެ ބެއިފުޅެއްގެ ބަސްފުޅަކީ "ބޮޑު ޝައިތާނެއް ނުވަތަ ޑރ. އިބިލީހެއްގެ ވަސްވާސް" ކަމުގައި ދަނީ ސިފަ ކުރެވެމުންނެވެ. އެންމެ ރީތި މިސާލަކީ ޝަހީދު ޑރ. އަފްރާޝީމަށް ކުރިމަތި ލައްވާން ޖެހިވަޑައިގަތް އަނިޔާތަކެވެ. މި ދަންނަވާ މީހުން ވަނީ ޑރ. އަފްރާޝީމް ދުނިޔޭގައި ހުންނެވި އިރު، އެމަނިކުފާނު ބަދުނާމު ކޮށް، އެމަނިކުފާނުގެ އަގު ވައްޓައިލައި، އެމަނިކުފާނުގެ ބަސްފުޅަކީ ރައްޔިތުން އިތުބާރު ނުކުރާ އެއްޗަކަށް ހެދުމަށް ޓަކައި އެކި ގޮތްގޮތުން، ނިހާޔަތަށް ހުތުރު އަދި ދަށުދަރަޖައިގެ އަމަލުތައް ހިންގައިފައެވެ.

އަޅުގަނޑުމެންގެ ގައުމުގެ އެންމެ މުހިއްމު ތަރިކަ، އަދި ދިވެހި ގައުމުގެ ސަލާމަތާއި ފާގަތިކަމުގެ އެންމެ ވަރުގަދަ އަސާސް، އަދި ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ބިންގާ ކަމުގައި ވާ މާތް ވެގެންވާ އިސްލާމް ދީނަށް އަޅުގަނޑުމެންގެ ގައުމުގައި ކުރިމަތި ވަމުންދާ ތަހައްދީތަކާ ކުރިމަތި ލުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ބޮޑު ވާޖިބެކެވެ. އެ ވާޖިބު އަދާ ކުރުމުގެ ގޮތުން އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރާން ޖެހިފައި އޮތް މަސައްކަތަކީ، ހަރުދަނާ އިސްލާމީ އިލްމުވެރީންތަކެއް އުފެއްދުމާއި، އެ ބެއިފުޅުންގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ ތައުލީމުގެ ނިޒާމު މުރާޖައާ ކޮށް ތަރައްގީ ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގައި އިސްލާމީ ދުނިޔޭގެ ވަރުގަދަ އިލްމީ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން ވަރަށް މުހިއްމެވެ. ޚާއްސަކޮށް މިސްރުގެ ޖާމިޢުލް އަޒްހަރުގެ އެހީތެރިކަމެވެ. ނަމަވެސް މި މަސައްކަތުގައި އަޅުގަނޑުމެން އެންމެ ބޮޑަށް މި ވަގުތު އެ ތަނަކާ ގުޅިގެން މަސައްކަތް ކުރާން ޖެހޭ ކަމަށް ފެންނަ ތަނަކީ އިނގިރޭސި ވިލާތުގެ ކެމްބްރިޖް މުސްލިމް ކޮލެޖެވެ.

ކެމްބްރިޖް މުސްލިމް ކޮލެޖަކީ 2009 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ގާއިމު ކުރެވުނު މުސްލިމް ތައުލީމީ މުއައްސަސާއެކެވެ. އެތަނުގެ ބާނީ އަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު މުސްލިމް އިލްމުވެރިޔާ ޝައިޚް ޢަބްދުލް ޙަކީމް މުރާދެވެ. އެ ތަން އުފެއްދުނު މަގުސަދަކީ އިނގިރޭސި ވިލާތުގައި އިސްލާމީ ތައުލީމާއި އިލްމު ކުރި އެރުވުމާއި، އިސްލާމީ މުޖުތަމައުގެ ދީނީ ލީޑަރުން އުފެއްދުމެވެ. އެ ކޮލެޖުން އިސްލާމީ އިލްމުތަކުގެ ޑިޕްލޮމާ އަދި ފުރަތަމަ ޑިގްރީ ކޯސްތައް ހިންގައެވެ.

މިހާރު އަޅުގަނޑުމެންގެ ނިޒާމުތަކުން ދެވޭ ދީނީ ތައުލީމާއި، އަޅުގަނޑުމެންނަށް އިވޭ "ދަރުސްތަކުން" ފާހަގަ ކުރެވޭ އެންމެ ބޮޑު މައްސަލަޔަކީ އިސްލާމް ދީނުގެ ރޫހާނިއްޔަތާއި އަޚްލާގިއްޔަތަށް ދޭން ވާ ހަގީގީ މަގާމު ދީފައި ނެތުމެވެ. ނަތީޖާއެއްގެ ގޮތުން، ދީނުގެ އަޅުކަމުގެ ކަންތައްތަކާ ގުޅޭ ތަފްސީލީ ހުކުމްތަކާ ހުރެ ވެވޭ އަރައިރުންތަކަށް އެތައް ވަގުތެއް ބޭކާރު ވެގެން ދެއެވެ. އެ ކަންތައްތަކެއްގެ ޝަރުއީ ހުކުމާ މެދު އިޚްތިލާފު އޮތް ކަންތައްތަކުގައި، ވަކި ބައެއްގެ ނަޒަރިއްޔާ އެންމެންގެ މައްޗަށް ގަދަބާރުން ފެއްތުމަށް ކުރެވޭ ހަރުކަށި މަސައްކަތްތަކުގެ ސަބަބުން، ދީނީ ތަހުރީކުގެ ހުރުމަތާއި ޝަރަފަށް ވެސް ދަނީ ހުތުރު ލިބެމުންނެވެ. އިންސާނީ ބުއްދިޔާއި އެ ބުއްދީގެ މަގާމާ މެދު، ވަކި ބަޔަކު ދެކޭ ގޮތްތަކެއް އެއީ ދީނުގައި އޮތް ހަމައެކަނި ގޮތް ކަމުގައި ބުނެ ދެކެވޭ ވާހަކަތަކުގެ ސަބަބުން، އިސްލާމް ދީނަކީ ބުއްދި ދެކެ ބިރު ގަންނަ ދީނެއްގެ ގޮތުގައި ދަނީ ނަން ވަމުންނެވެ. ކީރިތި މާތް ނަބިއްޔާގެ ސުންނަތަށް ނިސްބަތް ކޮށް، އަނބިމީހާޔަށް ވަގަށް އެހެން މީހުންނާ އިނުމާއި، އަނބިމީހާ ހިތުގައި ޖައްސައި ނިކަމެތި ކޮށްފައި ދެވަނަ ތިންވަނަ ކައިވަނި ކުރުމާއި، ސުންނަތަށް ނިސްބަތް ކޮށް ބޭރުފުށުގެ ކަންކަމަށް ފޯކަސް ކޮށްގެން ސުންނަތުގެ ޝަރަފާއި އަބުރަށް ހިރަފުސް އުކުން ފަދަ ކަންކަން ވަނީ އާއްމު ވެފައެވެ. އިސްލާމީ ޝަރީޢަތް ގާއިމު ކުރުމަކީ ކީރިތި ޤުރްއާނުގައި އޮތް ބައެއް ޙުކުމްތައް ތަންފީޛު ކުރުން އެކަނި ކަމަށް ރައްޔިތުންގެ ބޮލަށް ވަންނަ ގޮތަށް ދައްކާ ވާހަކަތަކުގެ ސަބަބުން، އިސްލާމީ ޝަރީޢަތް ހެޔޮ ގޮތުގައި ތަންފީޛު ކުރުމުގެ މަސައްކަތަށް އޮތް ގޮންޖެހުންތައް ދަނީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުންނެވެ. އިސްލާމީ ފިޤުހާއި އިސްލާމީ ޝަރީޢަތުގެ ތަފާތާ މެދު ވިސްނުމެއް ނެތި، ފިޤުހީ ރައުޔުތަކަކީ އިސްލާމީ ޝަރީޢަތް ކަމުގައި ހަދައިގެން އާއްމު ރައްޔިތުންގެ ސިކުނޑިތަކަށް ވައްދަމުންދާ ގޯސް ވިސްނުންތަކުގެ ސަބަބުން ވެސް ހައްލު ކުރުން އުނދަގޫ އެތައް މައްސަލަތަކެއް ދަނީ އުފެދެމުންނެވެ. ވަކި މަޒުހަބަކަށް ތަބައަ ނުވާ މުސްލިމުންނަކީ މުސްލިމުން ނޫން ކަމަށް ބުނެ، އެމީހުންނާ ދެކޮޅަށް ނަފުރަތާއި ރުޅިވެރިކަން ފެތުރުމުގެ މައްސަލަ ދަނީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުންނެވެ.

މި ކަންކަމުން އަޅުގަނޑުމެންގެ މުޖުތަމައު ސަލާމަތް ކޮށް، ހެޔޮ ގޮތުގައި އިސްލާމް ދީން ދިވެހިރާއްޖޭގައި ރައްކައުތެރި ކުރުމުގެ މަސައްކަތް ކުރެވޭނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެންނެވެ. ސަރުކާރުން އެ މަސައްކަތް ނުކުރައްވާ ނަމަ، އަމިއްލަ މީސްމީހުންގެ ތެރެއިން ވަގުތާއި ގާބިލިއްޔަތު ހުރި ބަޔަކު އަމިއްލަޔަށް އިސް ނަގައިގެން ވެސް އެ މަސައްކަތް ކުރާން އެބަޖެހެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެ މަސައްކަތުގެ އެންމެ މުހިއްމު އެއް ބައިވެރިޔަކަށް ވާން ޖެހޭ ތަނަކީ ކެމްބްރިޖް މުސްލިމް ކޮލެޖެވެ. ރަސްމީ ގޮތެއްގައި މި މަސައްކަތް ފެށުމުގެ ކުރީން ވެސް، ޝައުގުވެރިކަން ހުރި ބެއިފުޅުން އެ ކޮލެޖުގެ ޔޫޓިޔުބް ޗެނަލަށް ވަދެވަޑައިގެން، އެ ޗެނަލުގައި ހުރި ދީނީ ތަގުރީރުތައް ބައްލަވައިލެއްވުން ވަރަށް މުހިއްމު ކަމަށް ދެކެމެވެ. ޚާއްސަކޮށް ޝައިޚް ޢަބްދުލް ޙަކީމް މުރާދުގެ ދީނީ ތަގުރީރުތައް ބައްލަވައިލެއްވުމަކީ، އިސްލާމް ދީނުގެ ތައުލީމުތަކުގެ ތެރެޔަށް އިތުބާރު ހުރި އިލްމުވެރިޔެއްގެ އެހީގައި ވަދެވަޑައިގަތުމަށް އޮތް ވަރަށް ރަނގަޅު މަގެއް ކަމުގައި ދެކެމެވެ.

comment ކޮމެންޓް