އިންތިހާބު އަވަސް ކުރާ ބިލު ބަލައިގަނެ، ކޮމިޓީއަށް

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި އެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކޮވިޑް19ގެ ބަލިމަޑުކަމާއެކު، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ. އެހެން ނަމަވެސް މިހާރު ބިލު ހުށަހެޅީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށެވެ.

މިދިޔަ ބުދަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި އޮތީ އެ ބިލުގެ އިބްތިދާއީ ބަހުސެވެ. އެ ބަހުސް ނިންމާލައި، ބިލު ވަނީ ބަލައިގެންފައެވެ.

ބިލު މަޖިލީހުން ބަލައިގަތީ، ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ ވޯޓާއެކެވެ. ބިލު މަޖިލީހުން ބަލައިގަތުމާއެކު، ބިލު ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީއަށް ވަނީ ފޮނުވާފަ އެވެ.

ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ކޮމިޓީ މަރުހަލާއަށްފަހު ތިން ދުވަސް ދޭން ޖެހެއެވެ. އެއަށްފަހު މެމްބަރުންގެ އިސްލާހުތަކާއެކު ބިލު ފާސްކުރުމަށް ވޯޓަށް އަހާނެއެވެ.

އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި ބިލު ފަރުމާކޮށްފައިވަނީ އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރުކޮށެވެ. އެގޮތުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ކޯޓަށް މައްސަލަތައް ވެއްދުމުގެ މުއްދަތުތައް ވަނީ ކުރުކޮށްފައެވެ.

ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސްތެރޭގައި އަލުން އިންތިހާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މަސައްކަތް ފަށަނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވެ އެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގައި އިންތިހާބު ބޭއްވުމަށެވެ.

comment ކޮމެންޓް