149 ކިލޯގެ ޑްރަގް މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް މަޖިލީހަށް ހާޒިރު ކުރަނީ

ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ކޮމިޓީއެއްގައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

އޭޕްރީލް 29، 2019ގައި ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލާގައި ދައުވާ ކުރި މީހުންގެ މައްސަލަ ބޭރުކޮށްލި މައްސަލައާ ގުޅިގެން ބައެއް ކަންކަން ސާފު ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެތި މައްސަލާގައި ހައްޔަރު ކުރި ފަސް މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނީ ފުލުހުންނާއި ޕީޖީ އޮފީހުގެ މައްސަލަތަކެއް ފާހަގަ ކުރުމަށް ފަހު އެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ބައްދަލުވުމަށް ހާޒިރު ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ އެމައްސަލާގައި ކަން ހިނގި ގޮތް ސާފު ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އެ ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

ލޯންޗަކުން ހުލުވާރުލަށް މަސްތުވާތަކެތި ގެނެސް، ޑިންގީއަކަށް އަރުވައިގެން ރަށަަށް ބާލައި ވަޅުލި ކަމުގެ ތުހުމަތުގައި ފަސް މީހަކަށް ދައުވާ ކުރި އެވެ. އެ މައްސަލާގައި ދައުވާ ކުރި މީހުން ހައްޔަރު ކުރި އިރު ލޯންޗުން ވެސް ޑިންގީއިން ވެސް މަސްތުވާތަކެތި ފެނިފައެއް ނުވެ އެވެ. މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނީ އެ މީހުންގެ ތަހުގީގަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލަތައް ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ. ގައްދޫ ކޯޓުން ނިންމީ އެ ދައުވާތައް ބާތިލުކުރާށެވެ.

ގައްދޫ ކޯޓުން މައްސަލަތައް ބާތިލު ކުރީ ދައުވާކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ހުކުމުގައިވެ އެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައިވުމުން ހައިކޯޓުގައި އިސްތިއުނާފްކޮށް ހައިކޯޓުން ހައްލެއް ހޯދައިގެން މެނުވީ މައްސަލަ ގައްދޫ ކޯޓަށް ހުށަނޭޅޭނެކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ދައުވާ ކުރި މީހުންނަކީ ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެ މައްސަލައަކީ ޕީޖީގެ މަގާމުގައި އައިޝަތު ބިޝާމް ހުންނެވި އިރު ދައުވާ ކުރި މައްސަލައެކެވެ.

ހުލުވާރުލުން ހޯދި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސްއެެވެ. އެއީ އަޅާފައި ހުރި ޕެކެޓުތަކާ ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސް އެވެ. އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާ ކުރެއެވެ.

މިއީ ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި ރާއްޖެއިން އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރެވެ.

comment ކޮމެންޓް