އިނގިރޭސިވިލާތުން ޓްރެވަލް ކޮރިޑޯ ހުއްޓާލަނީ

ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ވީއައިއޭއަށް ލޭންޑް ކުރަނީ --- ފޮޓޯ ވީއައިއޭ

ރައްކާތެރި ގައުމުތަކުގެ ގޮތުގައި އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގައުމުތަކުން، އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީނު ނުވާގޮތަށް ކަނޑައަޅާފައި އޮތް އޮތުން ހުއްޓާލަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ "ޓްރެވަލް ކޮރިޑޯސް" ބަންދު ކުރަން ނިންމީ ކޮވިޑް19ގެ އާ ސްޓްރެއިންތަކެއް ފެނި ހަލުވިކަމާއެކު އެ ގައުމުގައި ބަލި ފެތުރެމުންދާއިރު އެހެން ގައުމތުަކުންވެސް ބަލީގެ އާ ސްޓްރެއިންތައް ފެންނަމުންްދާތީ އެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ކޮންމެ ގައުމަކުން އެތެރެވިނަމަވެސް ކަރަންޓީނު ވާން ޖެހޭނެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއްޔެ ވިދާޅުވީ، އެ ގައުމަށް އެތެރެވާ ކޮންމެ މީހަކުވެސް 10 ދުވަހަށް ސެލްފް ކަރަންޓީނު ވާން ޖެހޭނެ ކަމަށާއި އަދި އެ ގައުމަށް އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ނަތީޖާ އަކާއެކު ކަމަށެވެ.

އިނގިރޭސި ޑިޕާޓްމެންޓް އޮފް ޓްރާންސްޕޯޓުން ބުނީ ޓްރެވަލް ކޮރިޑޯ ބަންދު ކުރަން ނިންމި ނިންމުން އަންނަ މަހުގެ 15 އާއި ހަމައަށް ދެމި އޮންނާނެ ކަމަށާއި މި ނިންމުން މުރާޖައާ ކުރާނީ އެހާތަނަށް ހާލަތަށް އަންނަ ބަދަލަކުން ކަމަށެވެ.

ޓްރެވަލް ކޮރިޑޯ އެއް ހަދައި، ރައްކާތެރި ގައުމުތަކުގެ ލސިްޓެއް އިނގިރޭސިވިލާތުން އެކުލަވާލަން ފެށީ މިދިޔަ ޖުލައި މަހުއެވެ. އެ ލިސްޓުގައި އޮކްޓޯބަރު މަހު ރާއްޖެ ވެސް ހިމެނިއެވެ. ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމަކީ އިނގިރޭސިވިލާތެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިއީ އިނގިރޭސިވިލާތުންނެވެ. އެއީ 52،716 މީހުންނެވެ. މި އަހަރުގެ ފުރަތަމަ 13 ދުވަހުގެ ތެރޭ އެގައުމުން 1،494 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.

އާ ސްޓްރެއިން އާއެކު އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ސްކޫލުތައް ބަންދުކޮށް، ޒަރޫރީ ސަަބަބުތަކަށް ފިޔަވާ އެހެން ބޭނުންތަކަށް ބޭރަށް ނުނިކުމެވޭގޮތަށް ގޭގައި ތިބެން ވަނީ އަންގައިފައެވެ. ދަތުރު ކުރުމުގައިވެސް ވަނީ ހަރުކަށި ގަވައިދުތަކެއް ނެރެފައެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އާ ސްޓްރެއިން އާއެކު އެ ގައުމުން މާލެ އަންނަ ދިވެހިންވެސް ކަރަންޓީނު ވާން ޖެހޭގޮތަށް ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް