ފިރާޤު ހާސްވީވަރު އޭނާގެ މޫނުމަތިން އެކަނިވެސް އެކަން ފެންނަން ފެށިއެވެ.

އަރްޒަންގެ އިތުރުން އަރްޒަންއާއެކު އައިސްތިބި ކުދިންގެ މޫނުމައްޗަށް އެކަނި ބަލައިލުމުންވެސް ކޮންމެވެސް ގޯހެއް އުޅޭކަމުގައި އޭނާގެ ވިސްނުން ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ. އެފަދަ ގޮތަކަށް އަރްޒަންއާ ދިމާވުމަކީ އޭނާ ފަހަރެއްގައިވެސް އުންމީދުކުރިގޮތެއް ނޫނެވެ. އެހިތި މާޒީ އެހާ އަވަހަށް އޭނާގެ ކުރިމައްޗަށް އަތުވެއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ.

ހަމައެއާއެކު، އަރްޒަންއަށް ވެސް ހައިރާންކަމެއް ލިބުނެވެ. އެއީ އަންވަރުގެ ބައްޕައަށް ވުމުންނެވެ. ސަހަރާއިން އޭނާއަށް ވަނީ ފިރާޤާ ދިމާވެފައެވެ. މިއީ ކޮންފަދަ ބޮޑު އިއްތިފާޤެއް ހެއްޔެވެ؟ އެދުވަހު ޒީޝާން އެހާ އަވަހަށް އޭނާ ގާތުން ދުރަށް ދިޔައީ ކީއްވެކަން މިއަދު އަރްޒަންއަށް ފަހުމްވެއްޖެއެވެ.

"ވަދެ އިށީނދޭ..." ފިރާޤު ސޯފާތައް ދައްކައިލަމުން އިށީންނަން ބުނެލިއެވެ. އޭނާ ވަކިން ހުރި ސޯފާގައި އިށީނދެ ފަހަރަކު ކުއްޖެއްގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެ މޫނުތަކުގައި ވި ހާސްކަން އޭނާއަށް ސިއްރެއް ނުވިއެވެ.

"އަޅުގަނޑުގެ ނަމަކީ އިރުފާން... މީ އަރްޒަން، އަޔާން، ދެން މީނީ ޖިނާން" އެންމެންގެ ކުރު ތަޢާރަފެއް ދިނީ އިރުފާން އެވެ. ފިރާޤު ބޯ ޖަހައިލިއެވެ. އޭނާ ގޭތެރެއިން ކުއްޖަކަށް ގޮވައިލާ އެ ކުދިންނަށް ބޯ އެއްޗެއް ގެނެސްދިނުމަށް އެދުނެވެ. ލަސްތަކެއްނުވެ އެގޭގައި ގެންގުޅޭ ބޭރު އަންހެން ކުއްޖާ ޖޫސްތަބަކެއް ހިފައިގެން އައިސް ކުރިމަތީގައި ބަހައްޓައިފިއެވެ. ވާހަކަ ފެށުމުގެ ކުރިން އިރުފާން ވަށައިގެން ގޭތެރެއަށް ބަލައިލިއެވެ.

"މިގޭގައި އެއްވެސް އިތުރު މީހަކު ނެތް. އަންވަރުގެ އަންހެނުންވެސް ވީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ގޮސް. ދެކުދިންވެސް ގޮވައިގެން. އަންވަރުވެސް ގެއަކު ނެތް! އެހެންވީމަ ތި ދައްކަން އައި ވާހަކައެއް އަވަހަށް ފަށާލާ!" ހަޤީގަތުގައި ފިރާޤުގެ ކެތްތެރިކަން ވެސް ވަނީ ކޮޅުންލާފައެވެ. އޭނާ ވަނީ ހާސްވެފައެވެ. އަރްޒަންއަށް އަނެއްކާ ހަޤީގަތް އެނގުނީ ހެއްޔެވެ؟ މާޒީގައި ކަންތައް ވެފައިއޮތްގޮތުގެ ހިލަން އަރްޒަންއަށް ވީ ހެއްޔެވެ؟ އޭނާ ގާތަށް އެ އައީ އެހެންވެހެއްޔެވެ؟ ނޫނީ އޭނާގެ ބިރުވެރި ހުވަފެން ހަޤީގަތަކަށް ވަނީ ހެއްޔެވެ؟ އޭނާ ގަބޫލުކޮށްގެން ހުރިކަންތައް ކުށްހީއަކަށް ވަނީހެއްޔެވެ؟ އެތަކެއް ވިސްނުން ތަކަކުން ފިރާޤުގެ ސިކުނޑި ތޮއް ޖެހެމުން ދިޔައެވެ. ހާސްކަމާއެކު ނިތުގައި އަތް ހިންގައިލަމުން އޭނާ އިރުފާން ދެން ބުނާނެ އެއްޗަކަށް ސަމާލުވެލިއެވެ.

ފިރާޤު ހުށިއާރުކަމުން އިރުފާންވެސް ހައިރާންވިއެވެ. އޭނާ އެ ހޯދަނީ ގޭތެރޭގައި އިތުރު މީހަކު އުޅޭކަންކަން ފިރާޤު ނަގައިގަތްލެއް އަވަހެވެ.

"އަޅުގަނޑަށް އެނގޭ ބޭބެ މިހާރު އެއްވެސް ވަރަކަށް ފަންޑިތަ ރުޤްޔާކަހަލަ ކަންތައްކޮށް ނޫޅޭކަންވެސް." އިރުފާންގެ ފުރަތަމަ ޖުމްލައާއެކުވެސް އޭނާއަށް ބަލައިލެވުނީ އަރްޒަންއަށެވެ. އޭނާއަށް ގޯހެއް އުޅޭކަން ޔަޤީންވެއެވެ. ނޭނގެނީ ހަމަ އެކަނި ވެގެން އުޅޭ ކަމުގެ ބޮޑުކަމެކެވެ.

"އެކަމަކު އިތުރު ގޮތެއް ނެތުމުން މިއަންނަން ޖެހުނީ... އަޅުގަނޑަށް އޭތި ބަލިކޮށްލެވޭ ވަރަށް ވުރެ ބާރުގަދަ" އިރުފާން ބުނެލިއެވެ.

"މާހުތާބު..." ވައިއަޑުން ފިރާޤަށް އެހެން ބުނެވުނެވެ.

"ކީކޭ އެއްޗެކޭ ބުނިންތަ؟" އިރުފާން އަހައިލިއެވެ.

"ނޫން! ކާކާ އަޅައިގަނެގެން އުޅެނީ... ނޫނީ މީހަކަށް ގެއްލުން ދޭން އުޅެނީތަ؟" ފިރާޤަށް އަވަސް އަވަހަށް އަހައިލެވުނެވެ. އޭނާ ކަަންބޮޑުވިއެވެ.

"އަރްޒަންއާ... " އިރުފާން އަރްޒަން ދައްކައިލަމުން ބުނެލި އެވެ.

"ކީއްވެގެންކަން އެނގޭތަ؟" ފިރާޤު ސުވާލުކޮށްލި އެވެ. ސަބަބު އޭނާއަށް އެނގޭނަމަވެސް މެއެވެ. އެ ހުރިހާ ކަމެއް ގުޅިފައިވަނީ ކާކާކަން ވެސް އޭނާއަށް އެނގެއެވެ. ހަމައެއާއެކު އެ ހުރިހާކަމެއްގެ ފެށުން ގުޅިފައިވި އަސްލުވެސް މެއެވެ.

އަރްޒަންއަށް ހަޤީގަތް ކިޔައިދޭން ޖެހޭ ވަގުތު އަތުވެއްޖެކަމުގައި ފިރާޤުގެ ސިކުނޑި ވިސްނައިދެމުން ދިޔަނަމަވެސް، އޭނާ އެ ހަޤީގަތް ބުނަން ފަސްޖެހުނެވެ. ކީއްވެކަމެއް ނޭނގެ އެވެ. އަރްޒަންގެ ހިތަށް އަރާނެ އެއްޗެއް، އެ ހިތަށް ކުރާނެ އަސަރެއް އޭނާއަކަށް ނޭނގެއެވެ. މާޒީއާ ކުރިމަތިލާން ފިރާޤު ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިއަދު އެ ދުވަސްވެސް އަތުވެއްޖެއެވެ. އެފަދަ ކަންތައް ކުރުން އޭނާ ހުއްޓައިލި ނަމަވެސް، އަރްޒަން އޭތީގެ ކިބައިން ސަލާމަތް ކުރުމަކީ އޭނާ ކުރަން ޖެހޭކަމެއްކަމުގައި އޭނާއަށް ވިސްނުނެވެ

"އެ ޖިންނީގެ ނަމެއް އެއްޗެއް އެނގޭތަ؟ ފަރުވާ ކޮންމެވެސް ވަރަކަށް ކުރިނަމަ މިވަރު އެނގޭނެ ކަންނޭގެ!" ފިރާޤު އަހައިލި އެވެ.

"ޝިންޝިނާ..." އިރުފާން ބުނެލި އެވެ.

"ޝިންޝިނާ... އެއީ އަނެއްކާ ކާކުބާ؟ އަހަރެން ހީކުރާގޮތަކަށް ނޫންތަ ކަންތައްތައް މިވަނީ... އަނެއްކާ އެއީ މާހުތާބު ބާ؟" ފިރާޤަށް އޭނާގެ އަމިއްލަ ނަފްސާ ވާހަކަދެކެވުނެވެ. އޭނާއަށް އަޑުއިވުނު ނަމަކުން އޭނާއަށް ނުތަނަވަސްކަން ލިބުނެވެ. ފިރާޤު އިތުރު ކަންތައްތަކެއް އެނގެން ބޭނުންވިއެވެ. އޭނާ އިރުފާން ގާތުން ހުރިހާ ވާހަކައެއް ކިޔައިދޭން އެދުނެވެ.

އިރުފާން ވާހަކަތައް ކިޔައިދޭން ފެށިއެވެ. ޖިންނި އަޅައިގަތް ސަބަބު ނޭނގުނު ނަމަވެސް އޭތި އަރްޒަން ފަހަތުން އުޅެން ފެށީ ބޯޓު ވެއްޓުނު ހާދިސާއަށް ފަހުގައިކަން އޭނާ ކިޔައިދިނެވެ. އަދި އޭގެ ފަހުން ކަންތައްތައް ހިނގައިދިޔަ ގޮތްވެސް އިރުފާން ކިޔައިދިނެވެ.

"ސުބްޙާނަ ﷲ"

އެ ހުރިހާ ވާހަކައެއް އަޑު އެހުމަށްފަހު ފިރާޤަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. އޭނާއަށް ނޭނގި ފަރުދާގެ ފުރަގަހުގައި ހާދަ ބައިވަރު ކަމެއް ހިނގައިފިއެވެ. އޭނާ މާޒީގެ ވާހަކަ ދައްކަން އުޅެފައިވެސް ފަސްޖެހުނީ ޝިންޝިނާގެ ހަޤީގަތް ބެލުމަށްފަހު، އެ ހަޤީގަތް އަރްޒަންއާ ހިއްސާކުރާށެވެ. އޭނާ ފުރަތަމަ އިސްކަން ދޭން ޖެހޭ ކަމަކަށް ވާންވާނީ ޝިންޝިނާއަކީ ކާކުކަން ހޯދުމެވެ. ޝިންޝިނާގެ ހަޤީގަތަކީ ކޮބައިހެއްޔެވެ؟

"އަހަރެން ތިކަހަލަ ކަމެއް ނުކުރާތާވެސް ވަރަށް ދުވަސްވެއްޖެ! އެކަމަކު އެ ޖިންނި މީހުން މަރާ ކަމުގައި ވަނީނަމަ ކަންތައްތައް އެވަނީ ވަރަށް ގޯހުން ގޯހަށް ގޮސްފައި. އަހަރެމެން ވިސްނަން ޖެހޭނެ އަހަރެމެންގެ ސަލާމަތަށްވެސް. ކުރިމަތި މި ލެވެނީ ކުޑަ ކަމަކާ އެއް ނޫން. ތި ކިޔައިދިން ގޮތުން އެއީ ބާރުގަދަ އެއްޗެއް. އެފަދަ އެއްޗެއްސާ ކުރިމަތިލާން ޖެހޭނީ ވަރަށް ވިސްނައިގެން. ބައެއް ފަހަރު އެންމެ ލޯބިވާ މީހާގެ ފުރާނަވެސް ނުރައްކަލަކަށް ހުށައަޅަން ޖެހޭ... މިހާރު ތި އެންމެންނަކީވެސް ނުރައްކާތެރިކަން ވަށާލާފައިވާ ބައެއް. ވިސްނުން ތެރިކަމާއެކުކަންކަން ނުކޮށްފިއްޔާ ކަންތައްތައް މިހާރަށް ވުރެ ގޯސްވެސް ވެދާނެ. އެހެންވެއްޖެނަމަ ދެން ވަރަށް ސަކަރާތްވާނެ" ފިރާޤަށް ހަނދާންވަނީ މީގެ އަހަރުތަކެއް ކުރީގެ ހަނދާންތަކެވެ.

އޭނާގެ ކުރިމަތީގައި އިން އަރްޒަންއަށް އޭނާ އިރުއިރުކޮޅަކާ ބަލައިލައެވެ. އެވަގުތު އޭނާގެ ގާތުން ބާރުގަދަ ވައިރޯޅިއެއް ހުރަސްކޮށްލިއެވެ. ފިރާޤަށްވެސް ސިހުން ލިބުނެވެ. އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. އެއީ އޭތި ދިން އިންޒާރެއްކަން އޭނާއަށް އެނގުނެވެ. އިރުކޮޅެއްނުވެ ޓީވީ ބަހައްޓާ ރެކް މަތީގައި ހުރި ބިއްލޫރި ވާޒްއެއް ވެއްޓި ތެޅުނެވެ. އެއާއެކު އަނެއްކާވެސް ތަނަށް ނުތަނަވަސްކަން ވެރިވިއެވެ.

"ބިރުނުގަނޭ... އޭތި މިތަނުގައި އެބަ އުޅޭ..." ފިރާޤުގެ މޫނުމަތިން ޖެހިލުންވުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސާބިތުކަމެވެ.

"އަހަރެން މި ދައްކާ ވާހަކަ ކަލެއަށް އަޑު އިވޭކަން އަހަންނަށް އެނގޭ... އަހަންނާ ކުރިމަތިލަބަލަ! ވާހަކަ ދައްކަބަލަ! ޖަވާބު ދީބަލަ!" ފިރާޤު ބާރަށް ބުނެލިއެވެ. އޭނާ ދެވަނަ ފަހަރަށްވެސް ސުވާލުތައް ތަކުރާރު ކުރިއެވެ.

އަނެއްކާވެސް ފިރާޤުގެ ކައިރިން ހުރަސްކޮށްލީ ވައިރޯޅިއެކެވެ. ފިނި ފިނި ވައިރޯޅިއެވެ. އޭނާ މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔަވަން ފެށިއެވެ.

"ކަލޭ މި އިންސާނާއާ އަޅައިގަނެގެން ތިއުޅޭ ސަބަބެއް އަހަންނަށް ސާފުކޮށް ކިޔަދީ!" އެ ޖިންނި އޭނާއާ އެކުރަނީ ސަމާސާއެއް ނޫންކަމާއި އެއީ އިންޒާރެއްކަން އޭނާއަށް އެނގެއެވެ. މީގެ ކުރިންކަންތައްތައް ވީ ގޮތް ހަނދާން ނައްތައިލައިގެން ނުވާނެއެވެ. މިކަންތަކާ މާޒީއާ ގުޅުމެއްވާކަމުގައި ފިރާޤުގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

"ކުއްލިއަކަށް އަރްޒަންގެ ހަށިގަނޑަށް ފިނިވާން ފެށިއެވެ. އޭނާތުރު ތުރު އަޅަން ފެށިއެވެ. ދެން އެތަނަށް ވެރިވާން ފެށީ ދުންތަކެކެވެ. ފިނި ފިނި ދުންތަކެކެވެ. އެމަންޒަރު ފެނި ފިރާޤަށް ޔަޤީން ކުރެވުނެވެ. މިކަންތައް ގުޅިފައިވަނީ މާޒީ އާކަމެވެ. ފިރާޤު ކިޔަވަން ފެށިއެވެ. މަޑުމަޑުންނެވެ.

"ކަލޭ ހީކުރަނީތަ ކިޔަވައިގެން އަހަރެންގެ މައްޗަށް ގަދަވެވިދާނެކަމަށް؟" ކުއްލިއަކަށް އަރްޒަންގެ ހަށިގަނޑަށް ވަދެ ޝިންޝިނާ ވާހަކަ ދެއްކިއެވެ.

"ކަލޭގެ މަޤްސަދަކީ ކޮބާ؟ ހަމަ މިހާރު މި އިންސާނާ ދޫކޮށްލާ!" ފިރާޤު އޭނާގެ ހަރުކަށި ރާގުގައި ސުވާލުކޮށްލިއެވެ.

"ހަހަހަ" އެންމެނަށް ވެސް ފެނުނީ އަަރްޒަން ހީގަތްތަނެވެ.

"ކަލޭގެ މަޤްސަދު ބުނާށޭ. އެހެންނޫނީ އަހަރެން ކަލޭ އަންދައިލާނަން" ފިރާޤު ބުނެލިއެވެ. އޭނާ ކިޔެވުން އަވަސްކޮށްލިއެވެ.

"ތިހާ މޮޅިއްޔާ ހޯދަބަލަ! ކަލޭ ތީ ތިވަރު މޮޅު މީހެއް ނެތްކަމަށް ދައްކަން އުޅޭ މީހެއްނު. ކަލޭ އެހާ މޮޅުނަމަ ކަލޭގެ އަންހެނުން މިއަދު ކައިރީގައި ހުރީސް... ހަހަހަ" ޝިންޝިނާ ބުނެލިއެވެ.

"އަހަރެން ކަލޭ އަންދައިލާނަން... ހަމަ މިހާރު އެ އިންސާނާގެ ހަށިގަނޑު ދޫކޮށްލާ... " ފިރާޤު އެ ބާރުމިނުގައި ބުނެލި އެވެ. އަރްޒަން ސޯފާއިން ތެދުވެ ތިރީގައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. އެއަށްފަހު ނުލަފާހިނިގަނޑެއް ޖަހައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

"ކަލޭ ކިތަންމެ ވަރެއް ކުރިޔަސް އަހަރެން މަރައެއް ނުލެވޭނެ. އަޅެ ކަލޭ އަހަރެން މަރައިލަބަލަ" ޝިންޝިނާ ބުނެލިއެވެ.

"ކަލޭ ހީކުރަނީ އެހެންކަމަށްތަ؟ އަހަރެންނަށް ކަލޭ އަންދައިނުލެވޭނޭ ކަމަށްތަ؟"

"އާނ... ކަލޭ މިތަނުގައި ހުރެ އަޅެ އަހަރެން އަންދައިލަބަލަ. ތިއުޅެނީ އިތުރު ބައެއްގެ ފުރާނަ ދުއްވައިލަންތަ؟"

ޖިންނީގެ ވާހަކަ ހުރި ގޮތުން ޖިނާންގެ އިތުރުން އަޔާން ހާސްވިއެވެ. ރަފްހާން ހާސްވި ނަމަވެސް އޭނާ އިނީ އެ އިޙްސާސްތައް އަމިއްލަ މީހާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްގެންނެވެ.

"ކަލޭ ތި އިންސާނާގެ ހަށިގަނޑު ދުލެއް ނުކުރާނަންތަ؟" ފިރާޤު ސުވާލުކޮށްލިއެވެ.

"އާނ... އަހަރެން ދުވަހަކުވެސް ދުލެއް ނުކުރާނަން..."

"ކީއްވެ؟" ފިރާޤު ސުވާލުކޮށްލިއެވެ.

"އަހަރެން އަރްޒަން ދެކެ ލޯބިވާތީ... ވަރަށް ބޮޑަށް ލޯބިވާތީ... އަހަންނަށް ވުރެ ބޮޑަށް އެހެން މީހަކަށް އޭނާ ދެކެ ލޯތްބެއް ނުވެވޭނެ!" ޖިންނި ބުނެލިއެވެ.

"ކަލޭ ތި އިންސާނާ ދެކެ ލޯބިވާނަމަ ތި އިންސާނާއަކަށް ގެއްލުމެއް ނުދޭނެ" ފިރާޤު ބުނެލިއެވެ.

"އަހަރެން އަރްޒަންއަކަށް ގެއްލުމެއް ނުދެން. އަހަރެން ގެއްލުން ދެނީ އަރްޒަންއަށް ގެއްލުން ދޭން އުޅޭ ކޮންމެ މީހަކަށް... ހަހަހަ!" ޝިންޝިނާ ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ.

"އަދި އަހަރެމެން ދެމެދަށް ވަންނަން އުޅޭ ކޮންމެ މީހަކަށް. ކަލެއަށް އަހަރެން އަންދައެއް ނުލެވޭނެ. މިތަނުގައި ހުރެ އެކަން ކަލެއަކަށް ނުކުރެވޭނެހަހަހަ" ޝިންޝިނާ ބުނެލިއެވެ.

"ކުރެވޭނެ! ކަލޭ ތިއުޅެނީ އަހަންނަށް ބިރު ދައްކަންތަ؟" ފިރާޤު ސުވާލުކޮށްލިއެވެ.

"ހަހަ. ކަލޭ ތީ އަހަންނަށް އެއްވެސް މީހެއް ނޫން. އަހަރެން ކަލޭ ދެކެ ބިރެއް ނުގަނޭ... ހަހަ. އަހަރެން މިއައީ ކަލެއަށް އިންޒާރެއް ދޭން. މިވަގުތަށް އަހަރެން މި ހަށިގަނޑު ދޫކޮށްލާނަން. އެކަމަކު އެނބުރި އަހަރެން އަންނާނީ ކަލޭގެ ފުރާނަވެސް ދަަމައިގަންނަން" ޝިންޝިނާ އަރްޒަންގެ ހަށިގަނޑު ދޫކޮށްލިއެވެ.

އެރޭ ފިރާޤުމެން ކައިރީގައި ތިބެފައި ޖިނާންމެން ދިޔައީ އަރްޒަންއާއެކު ޒީޝާންއާ ދެމީހުން އުޅޭ އެޕާރޓްމެންޓަށެވެ.

ޖިނާންއާއި އަޔާންގެ އިތުރުން އިރުފާން ދިޔައީއެތައް އިރަކު އަރްޒަން ކައިރީގައި މަޑުކޮށްގެން ތިބެފައެވެ. މިރޭވެސް އަރްޒަން ނިދީ ސޯފާގައެވެ. ޒީޝާން އާއެކު ނިދަން އަރްޒަން ބޭނުންނުވީއެވެ.

މެންދަމުން އަލިވެ ދެއެއް ޖަހައިފިއެވެ.

ސިޓިން ރޫމުގައި ދިއްލާފައި ހުރި ބޮކި ދެފަހަރަކު ނިވި ދިއްލުނެވެ. އެއަށްފަހު ސިޓިން ރޫމްތެރެއަށް ދުންތައް ވެރިވާން ފެށިއެވެ. އަރްޒަން ދެފަރާތަށް ފުރޮޅިލީ އޭނާއަށް ފިނިވަމުން ދިޔައީތީއެވެ. ފިނިފިނި އަތެއްގެ ބީހުން އަރްޒަންއަށް އިޙްސާސްކުރެވެން ފެށިއެވެ. އަންހެން ކުއްޖެއްގެ އިސްތަށިތައް އޭނާގެ މޫނުގައި ކޭތެން ފެށިހެންވެސް ހީވިއެވެ. އޭނާގެ ގައިގެ އެތަން މިތަނުގައި އެމީހަކު ބީހެމުން ދިޔައެވެ.

*****

އަރްޒަންއަށް ދެލޯ ހުޅުވައިލެވުނުއިރު އޭނާއަށް އޮވެވުނީ ގަސްބޯ ޖަންގައްޔެއްގައެވެ. ތަނުގައި ވި އަނދިރިކަމާއެކު ވެސް ހަނދުވަރުގެ އަލިން ކޮންމެވެސް ވަރެއްގެ ފަނޑު އަލިކަމެއް އެތަނަށް ފެތުރިފައި ވެއެވެ. އަރްޒަން ތެދުވެ އޭނާގެ ގައިން ވެލިތައް ފޮޅައިލިއެވެ. ވަށައިގެން އޭނާ ބަލައިލިއެވެ. ފެންނަނީ ނާމަންކަމާއި ބިރުވެރިކަމެވެ. އިރުއިރުކޮޅަކާ ކާޅެއް ގޮވައިލާ އަޑު އިވިލައެވެ. އަރްޒަން މަޑުފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ފަންގެގަނޑެކެވެ. އެތަން ހުރީ ފީވެ ހަލާކުވާން ކައިރިވެފައެވެ. ވަށައިގެން ބެލި ނަމަވެސް އޭނާއަށް އެތަނުން ނުކުމެވޭނޭ އެއްވެސް މަގެއް ނުފެނުނެވެ. މަޑުމަޑުން އަރްޒަން އެ ގެގަނޑާ ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. ކާލު ތަކުގެ ގޮވުމުގެ އަޑު ގަދަވިހެން ހީވިއެވެ. މީހަކު ކައިރީގައި ހުންނަ ކަމުގެ އިޙްސާސްއާއެކު އަރްޒަންއަށް އިރުއިރުކޮޅަކާ ފަހަތްވެސް ބަލައިލެވެއެވެ. މީހަކު ފެންނާކަށް ނުހުރެއެވެ. ބައެއްފަހަރު އެމީހަކު އޭނާގެ ކަރުދޮށަށް ފުމެލާހެންވެސް ހީވެއެވެ.

މަޑުމަޑުން ހިނގަމުން ދިޔަ އަރްޒަން ގެ ފައިގައި އެއްޗެއް އަޅައިގަތުމާއެކު އޭނާއަށް ފަޔާ ދިމާ ބަލައިލެވުނެވެ. އެ ފަނޑު އަލިކަމުގެ ތެރެއިން ވެސް އޭނާގެ ލޮލުގައި އެތަނުގައި އޮތް ގަބުރު ކަށިގަނޑު އަޅައިގަތެވެ. ބިރުގަނެ ސިހުނު ވަރުން އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެއާއެކު މީހަކު އޭނާގެ ވާއަތުގައި ހިފެއްޓި ކަމުގެ އިޙްސާސް އަރްޒަންއަށް ކުރެވުނެވެ. އޭނާ މަޑުމަޑުން އެ ދިމާލަށް އެނބުރިލިއެވެ. ކުރިމަތީގައި ހުރީ ޒީޝާންއެވެ. މަޑުމަޑުން ޒީޝާންގެ ދެލޯ ހުދުކުލައަކުން ދިއްލެއް ފެށިއެވެ. އެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އެ ދެލޮލުން ފެންނަނީ ބުނެދޭން ނޭނގޭ ފަދަ ވިދުމެކެވެ. އޭނާ ހުރީ ސީދާ އަރްޒަންގެ ލޮލަށް ބަލަހައްޓައިގެންނެވެ. އަރްޒަންއާ ކައިރިވަމުން ދިޔަ ވަރަކަށް އަރްޒަންގެ ހިތުގެ ތެޅުން ދިޔައީ އިންތިހާ ބާރުވަމުންނެވެ.

އަރްޒަންގެ މޫނާ މޫނު ޖެހޭހާ ކައިރިއަށް އެމީހަކަށް އާދެވުނުފަހުން އޭނާއަށް ސިހުން ލިބި އެ އަތް ފޮޅުވައިލެވުނެވެ.

(ނުނިމޭ)

comment ކޮމެންޓް