ރައީސް ޔާމީންގެ އެއާޕޯޓް މަޝްރޫއު ބަލަން ރައީސް ސޯލިހް ވަޑައިގަތުމުން އިދިކޮޅުގެ ފާޑުކިޔުން

ރައީސް ސޯލިހު އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އާ ސީލްޕޭން ޓާމިނަލްގެ ތެރޭ ރައީސް މަޑުކޮށްލައްވައިގެން -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެލާނާ އިންޓނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ފެއްޓެވި ބިޔަ މަޝްރޫއުގެ މަސައްކަތްތައް ބައްލަވަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމުން އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

އިއްޔެ އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ އެއާޕާޓުގެ ފިއުލް ފާމް، ކާގޯ ޓާމިނަލް، ކާގޯ ޖެޓީ، އޭޕްރަން، ވީއައިޕީ ބިލްޑިން އަދި ސީޕްލޭން ޓާމިނަލަށް ވަޑައިގެން އެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރައްވައިފަ އެވެ.

އެކަމާ ގުޅޭގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އެންމެ ފަސް އަަހަރުން ކުރިއަށް ގެންދެވި ބިޔަ މަޝްރޫއުތައް ބައްލަވަން ރައީސް ސޯލިހް ވަޑައިގަންނަވަނީ ހުސްވަގުތު ފުރުއްވާ ފޮޓޯ ނެންގެވުމުގެ ބޭނުމުގައި ކަމަށެވެ.

"ސަރުކާރުގެ ކަންނެތްކަމުގެ ތަސައްވަރު ބަދަލެއް ނުކުރެވޭނެ،" ސައީދުގެ ޓުވީޓުގައި ވެއެވެ.

ރައިސް ޔާމީންގެ ސަރުކާރުގައި ފެށި ގާތްގަނޑައަށް 1.2 ބިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން ވީއައިއޭގައި އާ ފަސިންޖާ ޓާމިނަލަކާ، ފިއުލް ފާމެއްގެ އިތުރުން ކާގޯ ޓާމިނަލަކާ ވީއައިޕީ ބިލްޑިން އެއް އަދި އާ ސީޕްލޭން ޓާމިނަލެއް ގާއިމް ކުރާނެ އެވެ. މި މަޝްރޫއުގައި ހިމެނޭ އާ ރަންވޭގެ މަސައްކަތް މި ސަރުކާރު ފެށީ އިރު އޮތީ ނިމިފަ އެވެ.

ރައީސް ސޯލިހު އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އާ ސީލްޕޭން ޓާމިނަލްގެ ތެރޭ ރައީސް މަޑުކޮށްލައްވައިގެން -- ފޮޓޯ/ ރައީސް އޮފީސް

ފިއުލް ފާމްގެ ގިނަ މަސައްކަތްތައްވެސް ނިމުމަކާ ގާތްވެފައިވާއިރު މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރު ވާނެ އެވެ. ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު އެއް މިލިޔަން ލީޓަރަށް އިތުރުވާނެ އެވެ. އަދި ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު މިއާއެކު ހަމަޖެހޭނެ އެވެ.

އާ ސީޕްލޭން ޓާމިނަލް ނިމި އެތަން ކުއްޔަށް ދޭން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަދި އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތާއި އާ ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް އެބަދެ އެވެ.

comment ކޮމެންޓް