ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ދެ މީހަކު އުމުރަށް ޖަލަށް

ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ --- ފޮޓޯ ފުލުހުން

ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ދެ މީހެއްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސ. މަރަދޫ، ޒިކުރާވިލާ، އިމްރާން ވަޖުދީއާއި ކ. މާލެ، މއ. ދޭލިޔާގޭ، އަލީ ޖިބުރީލް ހައްޔަރު ކުރީ ޕޯސްޓް އޮފީހުގެ ސްކޭނިން އޭރިގައި ހުރި ޕާރުސަލްތައް އެކްސްރޭ ސްކޭން ކުރަމުން ދަނިކޮށް އެހެން މީހެއްގެ ނަމުގައި ހުރި ޑޮކިއުމެންޓް އެންވަލޮޕެއްގެ ތެރެއިން މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ ތަކެއްޗާ ހަވާލުވުމަށްދާ ފަރާތެއް ހޯދުމަށް، 31 ޖެނުއަރީ 2018ގައި ފުލުހުން ހިންގި ކޮންޓްރޯލެ ޑެލިވަރީ އޮޕަރޭޝަނެއްގަ އެވެ.

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންނަކަން ފުލުހުންނަށް އެނގިގެން، އެ ތަކެއްޗާ ހަވާލުވާން އަންނަ މީހާ މެދުވެރިކޮށް، ދެން އެކަމުގައި ހިމެނޭ މީހުން ހޯދަން ރޭވިގެން ހިންގާ ބާވަތުގެ އޮޕަރޭޝަނެެވެ.

އިމްރާން އާއި ޖިބްރީލް ހިމެނޭ މައްސަލައިގައި ޕޯސްޓުން ގެނައި ޕާރުސަލް ފުލުހުން ލީ ވެލާނާގޭ ޕިކްޕޯސްޓުގެ ލޮކަރަކަށެވެ. އެއީ އެ ތަކެއްޗާ ހަވާލުވާން އަންނަނީ ކާކުތޯ ބެލުމަށެވެ. އެ ޕާރުސަލް ނަގަން އައީ އިމްރާން އެވެ. އޭނާ ކޯޑު ޖަހައި ޕާރުސަލް ނަގައިގެން ދިޔުމުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ.

އިމްރާން ފުލުހުން ގާތުގައި ބުނީ އެ ތަކެއްޗަކީ އެއީ ޖިބްރީލްގެ ތަކެތި ކަމަށެވެ. އެހެންވެ ފުލުހުން ޖިބްރީލް އެ ތަކެތި ނަގަން އަންނަންދެން ފުލުހުން ތިބީ އިމްރާންގެ ގޭގެ ތެރޭގަ އެވެ. އިމްރާން ދިރިއުޅުނު ގޭގައި ފުލުހުން ހަރަކާތްތެރިވަނިކޮށް، ޖިބްރީލް ވަނީ އެ ގެއަށް ގޮސްފަ އެވެ. އަދި އޭނާ ޕާރުސަލް ކަނޑައި އޭގެ ތެރޭގައި އޮތް ސިޓީ އުރަ ނަގަން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

ޖިބްރީލްގެ ޖީބުގައި އޮތް ތަޅުދަނޑިފައްޗެއް ބޭނުންކޮށްގެން ކޯޓު އަމުރެއްގެ ދަށުން އެ ގޭގެ ކޮޓަރިއެއް ހުޅުވައި ބަލާފާސްކުރަމުން ދަނިކޮށް އެ ކޮޓަރީގެ އަލަމާރިއެއްގެ ތެރޭގައި ހުރި ތިޖޫރިއެއްގެ ތެރޭގައި އޮތް ދެ ރަބަރު ޕެކެޓުން 10.45 ގްރާމުގެ ޑައިމޯފިން ފެނިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެ ތިޖޫރި ހުރި އަލަމާރީގެ ތެރެއިން ފެނުނު މާސްކަކުން ފެނުނު ޑީއެންއޭގެ ޕްރޮފައިލް އިމްރާން އާއި ޖިިބުރީލްގެ ޑީއެންއޭ ޕްރޮފައިލްއާ ދިމާވާ ކަމަށްވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އެ ތަނުން މަސްތުވާތަކެތި ބަންދު ކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ފެނުނު ކަމަށްވެ އެވެ.

ދައުލަތުގެ ފަރާތުން ދައުވާ ސާބިތު ކުރަން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެނީ އެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ތަހުލީލު ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް ތައްޔާރު ކުރި ފުލުހުންނެވެ. ދިފާއުން އެ މައްސަލައިގައި ހެކި ހުށަހަޅާފައި ވަނީ މާ ލަހުން ކަމަށް ބުނެ ހެކި ބަލައިގަނެފައި ނުވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، ދެވިހިފާފައި ނުވާ މީހެއްގެ އަތުގައި ހަތަރު ގްރާމަށް ވުރެ ގިނައިން ޑައިމޯފިން ފެނިއްޖެ ނަމަ އެ މީހަކު އަތުގައި އެ ތަކެތި ހުރީ ޓްރެފިކް ކުރަން ކަމަށް ބެލެވޭނެ އެވެ.

އެ މައްސަލައިގައި ފާހަގަކުރި އެއް ނުކުތާއަކީ ދައުވާ ކުރީ ކޮޓަރީގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ކަމާއި ޕޯސްޓު މެދުވެރިކޮށް ގެނައި ތަކެތީގެ ސަބަބުން ނޫން ކަމެވެ. އެެހެންކަމުން ތުހުމަތު ކުރެވުނު އަސްލު ފިލައިގެން ގޮސްފައިވާ ކަމަށާއި ދައުވާ ނުކުރެވޭނެ ކަމަށް ދިފާއުން ބުނެފައިވެ އެވެ. ނަމަވެސް، ހުކުމުގައި ވަނީ، ޕޯސްޓުން ގެނައި ތަކެތީގެ ވާހަކަ ދައުވާ ސީޣާގައި ބަޔާންކޮށްފައި އޮތީ ކަން ހިނގައިދިޔަ ގޮތް ބަޔާން ކުރަން ކަމަށެވެ.

އެ މައްސަލައިގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ދިފާއުން ބުންޏަސް އެ އެޕާޓްމެންޓަށް ވަނީ އިމްރާންގެ ހުއްދައާއެކު ކަމަށް ހުކުމުގައިވެ އެވެ. އަދި ހެކި ނަގާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

ފެނުނު މަސްތުވާތަކެތި އިމްރާނާއި ޖިބްރީލާ ނުގުޅުވޭ ކަމަށް ބުނި ނަމަވެސް، އެ މަސްތުވާތަކެތި ފެނުނު ކަބަޑުން ފެނުނު މާސްކުތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މަސްތުވާތަކެތި ފެނުނު އެޕާޓްމެންޓަކީ ހަމައެކަނި އިމްރާންއާއި ޖިބްރީލް އުޅޭ ތަނެއް ނޫން ކަމާއި އެހެން މީހުންވެސް އެތަނުގައި އުޅޭކަން ސާބިތުކުރުމަށް ދިފާއުން މަސައްކަތް ކުރި އެވެ. ނަމަަވެސް، ފުލުހުން އޮޕަރޭޝަން ހިންގި އިރުވެސް އެތަނުގައި ދިރިއުޅޭ އެހެން ފަރާތެއް އުޅޭކަން އެނގެފައި ނުވާ ކަމަށް ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އެ ދައުވާ އެ ދެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަަށް ސާބިތުވާ ކަމަށް ބުނެ، އެ ދެ މީހުން އުމުރަށް ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން މި މަހުގެ 11 ވަނަ ދުވަހު އެ މައްސަލައިގައި ހުކުމްކޮށްފައިވެ އެވެ. މައްސަލަ ބެއްލެވީ ގާޒީ ހަސަން ސައީދެވެ.

މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10،000،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އުމުރަށް ޖަލަށް ލުމުގެ މާނައަކީ 25 އަހަރަށް ޖަލަށްލުމެވެ.

comment ކޮމެންޓް