ހައްމާދު: ކުރެހުމާއި ކުލައިގެ ދުނިޔެއެއްގައި

ހައްމާދު ކުރެހުމުގެ މަސައްކަތުގައި -- ފޮޓޯ: ހައްމާދު

އދ. މަހިބަދޫ އަށް އުފަން، މުހައްމަދު ހައްމާދު އޭނާގެ ދުވަހުގެ ބޮޑުބައި ހޭދަކުރަނީ ކުލަ ފިއްސާއި ކުލަތަކާއެކު އެވެ. މިއީ އެންމެ ކުޑައިރުއްސުރެ ކުރެހުމުގެ ދުނިޔެއަށް ލޯބިޖެހި އެ ދާއިރާ އިން ކުރިއަރަމުން އަންނަ އާޓިސްޓެއްގެ ވާހަކަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ފުލް ޓައިލް އާޓިސްޓެއްގެ ގޮތުގައި ހައްމާދު މަސައްކަތް ކުރަމުންދާއިރު މިވަގުތު ހުސްވެގެން ހުރީ ފްރީލާންސް އާޓިސްޓެއްގެ ގޮތުގަ އެވެ.

އަބަދުވެސް ކުރެހުމަށް ލޯބިކުރާ ހައްމާދަށް މި ދާއިރާ އަށް ބޮޑަށް ލޯ ހުޅުވުނީ އާއިލާ އާއި ދުރުގައި ރާއްޖެއިން ބޭރުގައި ކިޔަވަން ހުރި ދުވަސްވަރު އެވެ. އަމިއްލަ އަށް ދަސްކޮށް، ހުނަރު ތަރައްގީކޮށްގެން ކުރެހުމުގެ މަސައްކަތް ކުރަމުންދާތާ މިހާރު ހައެއްކަ އަހަރުވެއްޖެ އެވެ.

ހައްމާދު ކުރެހުމުގެ މަސައްކަތުގައި -- ފޮޓޯ: ހައްމާދު

"މި ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންގެ މަސައްކަތުން އިންސްޕަޔާވެގެން، ކުރިއަށްދާން ނިންމީ. 2015 އިން ފެށިގެން މި މަސައްކަތްކުރަނީ ފުލްޓައިމް އާޓިސްޓެއްގެ ގޮތުގައި. ކުރިން ބައެއް ރިސޯޓުތަކުގައިވެސް މަސައްކަތް ކުރިން. މިހާރު މިކުރަނީ އަމިއްލައަށް ފްރީލާންސް އާޓިސްޓެއްގެ ގޮތުގައި،" އޭނާ ބުންޏެވެ.

ހައްމާދު ހާއްސަ ވަނީ ޕޯޓްރެއިޓްސް ކުރެހުމަށެވެ. އެކަމަކު އެނޫން ކުރެހުންތައްވެސް އޭނާ ކުރަހަ އެވެ. އޮއިލްޕެއިންޓް، ވޯޓާކަލާ، ޗާކޯލް، ޕުޓީ އާޓް، ވޯލް އާޓް، ރެސިން އާޓްސް އިން ހައްމާދު ދަނީ އޭނާގެ ހުނަރު ދައްކަމުންނެވެ.

ހައްމާދުގެ މަސައްކަތެއް --- ފޮޓޯ: ހައްމާދު

"މަސައްކަތުގައި ބޮޑަށް ފޯކަސް މިކުރަނީ ޓޫރިސްޓުންނަށް. އެމީހުންގެ ފަރާތުން ރަނގަޅު ޕޭ އެއްވެސް ލިބޭ. މި ދުވަސްވަރު ފޭސްބުކް އަދި އިންސްޓަގްރާމުން ކްލަޔަންޓްސް ލިބެނީ. ރާއްޖެއިން ބޭރުގެ ދެ މީހަކާ ކޮލަބަރޭޓް ވެގެން ފުދޭވަރަކަށް ރަނގަޅަށް ދަނީ،" ހައްމާދު ބުންޏެވެ.

އާންމުކޮށް ޕޯޓްރެއިޓެއް ކުރަހާ ނިންމާލަން ހަތަރު ވަރަކަށް ގަޑިއިރު ހޭދަވާ ކަމަށް ހައްމާދު ބުންޏެވެ.

"ޑީޓެއިލްސް އާ ދެން އެ ބޭނުން ކުރާ ޕެއިންޓަކަށް ބަލާފަ އެއަށްވުރެ ގިނަ އިރުވެސް ނަގާފާނެެ،" ހައްމާދު ބުންޏެވެ.

ހައްމާދުގެ ކުރެހުމެއް -- ފޮޓޯ: ހައްމާދު

މީގެ ކުރިން ބަނޑޮހާއި ޖުމެއިރާ ވިޓަވެލި އަދި އަދާރަން ހުދުރަންފުށީގެ އާޓް ޝޮޕްގައި ހައްމާދު މަސައްކަތް ކުރި އެވެ. ހައްމާދުގެ ފުރަތަމަ ސޯލޯ އެގްޒެބިޝަން 2017 ގައި ބޭއްވި އިރު ރާއްޖޭގައި ބޭއްވި ގިނަ އާޓް އެގްޒިބިޝަން ތަކުގައި ހައްމާދުގެ ހުނަރު ވަނީ ފެނިގެން ގޮސްފަ އެވެ.

"އެންމެ ބޮޑު އެއް ކާމިޔާބީ އަކީ 2018 ވަނަ އަހަރު އަންވީލިން ވިޝަންސް އެގްޒިބިޝަނުގައި މޮސްޓް ވައިބްރަންޓް އާޓިސްޓަކަށް ހޮވުން،" ހައްމާދު ބުންޏެވެ.

އަމިއްލަ އާޓް ޝޮޕެއް ހުޅުވައި އޭނާގެ ހުނަރު މިހާރަށްވުރެ ބޮޑަށް ތަރައްގީކުރުމަކީ ހައްމާދުގެ އުއްމީދެވެ.

"ކޮވިޑްގެ ކަންތައް ހަމައަކަށް އެޅުނީމާ އަމިއްލަ އާޓް ޝޮޕެއް ހުޅުވަން ވިސްނަިއގެން މިހުރީ، ކުރިން ދިގުރަށުގައިވެސް އާޓް ޝޮޕެއް ހުޅުވައިގެން އުޅުނިން،" އޭނާ ބުންޏެވެ.

މި ފާއިތުވި ހަޔެއްކަ އަހަރު ކުރި އެކި މަސައްކަތުގެ ތެރެއިން ވެސް މިދިޔަ އަހަރުގެ އަންވެއިލިން ވިޝަން އެގްޒިބިޝަނަށް ކުރެހި ކުރެހުމަކީ އެންމެ ހިތްހަމަ ޖެހޭ މަސައްކަތް ކަމަށް ހައްމާދު ބުންޏެވެ.

އަންވެއިލިން ވިޝަންސް އެގްޒިބިޝަނަށް ހައްމާދު ކުރެހި ކުރެހުން -- ފޮޓޯ: ހައްމާދު

"މީގައި މި ކިޔައިދެނީ ރާއްޖެ އިސްލާމްވި ގޮތުގެ ފޯކްލޯގައި ކިޔާއުޅޭ ރަންނަމާރީގެ ވާހަކަ. އަންހެއްކުއްޖަކު ރަންނަމާރިއަށް ހަދިޔާ ކުރާ ވާހަކަ. އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ ރާއްޖެ ވަޑައިގެން ރާއްޖެ އިސްލާމްކުރެއްވި ގޮތުގެ ވާހަކަ،" ހައްމާދު ބުންޏެވެ.

ކުރެހުމުން ފެންނަނީ ރަތް ލިބާހެއްގައި ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާގެ ފަހަތުން އަރަތްބަކު، މީހަކާ ސަލާމްކުރާ ތަނެވެ. މިއީ މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަ ޖެހޭ އެއް މަސައްކަތް ކަމަށް ހައްމާދު ބުންޏެވެ.

"މިގޮތަށް މި ކުރިއަށް ދެވެނީ އާއިލާ އައި ރައްޓެހިންގެ ފަރާތުން ލިބޭ އެއްބާރުލުމާ ހިތްވަރާއެކު. ހާއްސަކޮށް މަންމަ އާއި ބައްޕަ. ކުރާހިތުން ކުރާ މަސައްކަތެއް ކުރަން ގާތް މީހުންގެ ފަރާތުން އެ ލިބޭ ސަޕޯޓަކީ ކުރިއަށް ދާން ލިބޭ އެންމެ ބޮޑު އެއް ހިތްވަރު،" ހައްމާދު ބުންޏެވެ.

comment ކޮމެންޓް