ގަން، ފޮނަދޫ އަދި ދެއްވަދޫ އިން އައްޑޫ އަށް ގޮސްފައިވާނަމަ އަންގަން އެދެފި

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޑް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދު ފިޔަވާ، ކޮވިޑް19ގެ ސަބަބުން މޮނީޓަރިން އަށް ގެންގޮސްފައިވާ ތިން ރަށަކުން އައްޑޫ އަށް ދަތުރުކޮށްފައިވަނަމަ އެކަން އަންގަން އެދެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ލ. ގަން، ފޮނަދޫ އަދި ގއ، ދެއްވަދޫ އިން މި މަހުގެ އެކެއްގެ ފަހުން އައްޑޫ ސިޓީ އަށް ދަތުރުކޮށްފައިވާނަމަ އެކަން ލަސްނުކޮށް އަންގަން އެދޭ ކަމަށެވެ.

ކަނޑުމަގުން އަދި ވައިގެ މަގުންވިޔަސް އެ ރަށްތަކުން އައްޑޫ އަށް ގޮސްފައިވާ މީހުން އެރަށެއްގެ އެސްއެސްޑީ އަށް އެންގުމަށް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ. ސިޓީ ކައުންސިލުން ބުނީ މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުން އައްޑޫ ސިޓީގެ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅެކެއް ކަމަށެވެ.

ކޮވިޑް19ގެ ކްލަސްޓާ އެއް ފެނި ގއ، ދެއްވަދޫގެ އިތުރުން ލ.ގަން، ފޮނަދޫ އަދި ގއ ވިލިނގިލި އަދި އެ އަތޮޅު ދާންދޫ އޮތޯ މޮނިޓަރިންގައެވެ.

ދެއްވަދޫގައި މިދިޔަ ޑިސެމްބަރުން ފެށިގެން ކޮވިޑް ފެތުރިފައިވާ ކަމަށް ބެލެވޭއިރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނީ ދެއްވަދޫ ކްލަސްޓާ އިން 52 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެެވެ.

އެ ކްލަސްޓާއާ ގުޅިގެން 750 ސާމްޕަލެއް ނަގައިފައިވާ ކަމަށްވެސް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް