ވީއައިއޭ ތަރައްގީގެ މަޝްރޫއު ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ރައީސް ސޯލިހު އިއްޔެ ވީއައިއޭ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.

ރައީސް ސޯލިހު އިއްޔެ ވަނީ ވީއައިއޭ އަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައިފަ އެވެ.

ރައިސް ޔާމީންގެ ސަރުކާރުގައި ފެށި ގާތްގަނޑައަށް 1.2 ބިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން ވީއައިއޭގައި އާ ފަސިންޖާ ޓާމިނަލަކާ، ފިއުލް ފާމެއްގެ އިތުރުން ކާގޯ ޓާމިނަލަކާ ވީއައިޕީ ބިލްޑިން އެއް އަދި އާ ސީޕްލޭން ޓާމިނަލެއް ގާއިމް ކުރާނެ އެވެ. މި މަޝްރޫއުގައި ހިމެނޭ އާ ރަންވޭގެ މަސައްކަތް އޮތީ ނިމިފަ އެވެ.

ފިއުލް ފާމްގެ ގިނަ މަސައްކަތްތައްވެސް ނިމުމަކާ ގާތްވެފައިވާއިރު މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރު ވާނެ އެވެ. ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު އެއް މިލިޔަން ލީޓަރަށް އިތުރުވާނެއެވެ. އަދި ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު މިއާއެކު ހަމަޖެހޭނެ އެވެ.

އިއްޔެ އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ އެއާޕޯޓުގައި އަދި އެއަރޕޯޓާ ގުޅިފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެއާޕޯޓަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ އެއާޕޯޓުގެ އެރައިވަލް ޓާމިނަލް އަށް ވަޑައިގަންނަވާ، އެމްއޭސީއެލް އާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް، އަދި އިމިގްރޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ރައީސް ވަނީ ކޮވިޑްގެ ހާލަތުގައި އެ މުވައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ހިދުމަތްތެރިކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، އެ މުވައްސަސާތަކަށް ކުރިމަތިވާ ދަތިތައް އޮޅުއްފިލުއްވައި، ކުރިއަށް އޮތް ތަނުގައި ހިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ސްޕީޑް އަވަސްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ރަ މަޝްވަރާކުރެއްވި އެވެ.

އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި އެއަޕާޓުގެ ފިއުލް ފާމް، ކާގޯ ޓާމިނަލް، ކާގޯ ޖެޓީ، އޭޕްރަން، ވީއައިޕީ ބިލްޑިން އަދި ސީޕްލޭން ޓާމިނަލަށް ވަޑައިގެން އެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ވަނީ ސާފު ކުރައްވައިފަ އެވެ.

comment ކޮމެންޓް