ސަރަހައްދީ ގައުމުތަކުގެ ތެރެއިން ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ އަނެއްކާވެސް ދިވެހި ޕާސްޕޯޓަށް

ބަޔޯމެޓްރިކް ދިވެހި ޕާސްޕޯޓު--

ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި ދެކުނު އޭޝިއާގެ އެއްވަނަ ޕާސްޕޯޓަކަށް އަނެއްކާވެސް ދިވެހި ޕާސްޕޯޓު ހޮވިއްޖެ އެވެ.

މިއީ ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ މަގާމު ދިވެހި ޕާސްޕޯޓަށް ވިދިވިދިގެން ލިބުނު ތިންވަނަ އަހަރެވެ.

ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައިގެން އެކުލަވާލާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެއަށް "ވިސާ ފްރީ ސްކޯ"ގެ ގޮތުގައި ލިބިފައިވަނީ 85 ޕޮއިންޓެވެ. މާނައަކީި ދިވެހި ޕާސްޕޯޓުގައި ވިސާއާ ނުލައި ދުނިޔޭގެ 85 ގައުމަކަށް ދަތުރު ކުރެވޭނެ އެވެ.

އެއާއެކު އެ ލިސްޓުގެ ގްލޯބަލް ރޭންކިންގައި ރާއްޖެއަށް ލިބިފައިވަނީ 62 ވަނަ އެވެ. އެ ލިސްޓުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ރާއްޖެ އެވެ.

އިމިގްރޭޝަނުން ބުނީ އެ ލިސްޓުގައި ސަރަހައްދީ ގައުމުތަކުގެ އެއްވަނަ ރާއްޖެއަށް ލިބުނީ، ދިވެހި ޕާސްޕޯޓުގައި އެކުލެވޭ ސަލާމަތީ ކަންކަމާއި ޕާސްޕޯޓުގެ ސައްހަކަން ދުނިޔެއިން ބަލައިގަންނާތީ ކަމަށެވެ.

އެ ލިސްޓުގެ ގްލޯބަލް ރޭންކިންގެ އެންމެ ކުރީގައި އޮތް ޖަޕާނަށް ލިބިފައިވަނީ 191 ޕޮއިންޓެވެ. އަދި ދެވަނައިގައި އޮތް ސިންގަޕޫރަށް 190 ޕޮއިންޓް ލިބިފައިވާއިރު، 189 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޖާމަނީ އެވެ.

ކުރިން ބޭނުންކުރި އީ ޕާސްޕޯޓު އުވައިލުމަށްފަހު ސަލާމަތީ ގިނަ ސިފަތަކެއް ހިމެނޭ ބަޔޯމެޓްރިކް ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓު ބަދަލުކުރީ 2016ވަނަ އަހަރުގަ އެވެ. މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓުގައި މީހާގެ ފިންގަޕްރިންޓާއި ބަޔޮލޮޖިކަލް އެހެން މައުލޫމާތު ހިމެނޭނެ އެވެ.

ހެންލީ ޕާސްޕޯޓު އިންޑެކްސް އެކުލަވާލާފައިވަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ މައުލޫމާތަށް ބިނާކޮށްގެންނެވެ.

comment ކޮމެންޓް