ދެ ފަހަރަށް އަޒުލު ކުރި ފުރަތަމަ ރައީސަކަށް ޓްރަމްޕް

އެމެރިކާގެ ކޮންގްރެސްގެ ހައުސްއިން ރައީސް ޑޮނަލްޑް ޓްރަމްޕް އަޒުލު ކުރަން ނިންމާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖެނުއަރީ 14): އެމެރިކާގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދެއްވި ކަމަށް ބުނެ އެގައުމުގެ ކޮންގްރެސްގެ ތިރީގެއިން ރައީސް ޑޮނަލްޑް ޓްރަމްޕް އަޒުލު ކުރަން ފާސްކޮށްފި އެވެ.

ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި އިއްޔެ ނެގި ވޯޓުގައި ޓްރަމްޕް އަޒުލު ކުރަން 232 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް ވޯޓު ދެއްވީ 197 މެމްބަރުންނެވެ.

"އެމެރިކާގެ ރައީސް ވެސް ހުންނަވަނީ ގާނޫނަށް ވުރެ މަތީގައި ނޫންކަން މިއަދު ހައުސްގައި ހިމެނޭ ޕާޓީތަކުން ގުޅިގެން ވަނީ ދައްކުވައިދީފައި،" ހައުސްގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ނޭންސީ ޕެލޯސީ ވިދާޅުވި އެވެ.

ޓްރަމްޕް އަޒުލު ކުރުމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޓްރަމްޕް އަޒުލު ކުރުމަށް ހައުސްއަށް ހުށަހެޅި ސަބަބުތަކުގައިވާ ގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ކޮންގްރެސްއަށް ވަދެ ހަމަނުޖެހުން ހިންގުމުގެ ކުރިން ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި ނަތީޖާ ގަބޫލުކޮށްގެން ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ކޮންގްރެސް އިމާރާތުގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދެވޭ ފަދަ އިތުރު ވާހަކަތައް ދައްކަވައިފަ އެވެ.

އެމެރިކާގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް، ދެ ފަހަރު އަޒުލު ކުރި ރައީސަކަށްވެ ވަޑައިގަތުމުން ޓްރަމްޕް އެކަމާ ބެހޭ ގޮތުން އަދި އެއްޗެކޭ ވިދާޅުނުވެ އެވެ. ނަމަވެސް އިއްޔެ ވައިޓް ހައުސްގެ ޓުވިޓާ އެކައުންޓުގައި ޕޯސްޓު ކުރި ވީޑިއޯއެއްގައި އޭނާ ވަނީ ކޮންގްރެސް އިމާރާތަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ހައުސްގައި އިއްޔެ ނެގި ވޯޓަށް ފަހު ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދެން ފޮނުވާނީ ސެނެޓަށެވެ. އަދި ސެނެޓުގައި އެ މައްސަލާގައި ޝަރީއަތެއް ކުރިއަށްގެންގޮސް، ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާ ދެން ރައީސް ކަމަށް ވާދަ ކުރުން މަނާ ކުރެވިދާނެ އެވެ.

ސެނެޓުގައި އެ މައްސަލަ ބަލާނެ ކަމަށް ބެލެވެނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން ވެރިކަމުގެ ހުވާ ކުރައްވާ ފަހުންނެވެ. އަދި ސެނެޓަށް އަލަށް ހޮވުނު މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގަ އެވެ. އޭރުން ސެނެޓުގެ އަގުލަބިއްޔަތު އޮންނާނީ ޑިމޮކްރެޓިކް ޕާޓީއަށެވެ.

އެމެރިކާގެ ކޮންގްރެސްގެ ތިރީގެއިން ޓްރަމްޕް އެންމެ ފުރަތަމަ އަޒުލު ކުރީ 18 ޑިސެމްބަރު 2019ގަ އެވެ. އެއީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގަ އެވެ.

އެއީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އޭރު ވާދަ ކުރައްވަމުން ގެންދެވި ބައިޑެންގެ ތަހުގީގެއް ހިންގުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ގާތުގައި ޓްރަމްޕް އެދިލެއްވި ކަމުގެ ދައުވާގަ އެވެ. އަދި ޒެލެންސްކީއަށް ޕްރެޝަރު ކުރުމުގެ ގޮތުން ޔޫކްރެއިންއަށް އެމެރިކާއިން ދޭ އެހީ ހިފެހެއްޓި ކަމަށް ވެސް އޭރު ޑިމޮކްރެޓިކް މެމްބަރުން ވިދާޅުވި އެވެ.

މީގެ އިތުރުން އެމައްސަލައިގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ދިނުމަށާއި ވައިޓް ހައުސްގެ މުވައްޒަފުން އެތަހުގީގުގައި ބައިވެރިވުން ޓްރަމްޕް ހުއްޓުވުމުން، އެއީ ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް އޭރު ކުރި ދައުވާތަކުގައި އޮތެވެ.

އޭރު އެ މައްސަލަ ހައުސްއިން ސެނެޓަށް ފޮނުވުމުން، ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮތް ސެނެޓުން ނިންމީ ޓްރަމްޕް އަޒުލު ނުކުރުމަށެވެ. އެގައުމުގައި ރައީސް މަގާމުން ދުރު ކުރެވޭނީ 100 ސެނެޓަރުންގެ ތެރެއިން 67 ސެނެޓަރުންގެ ތާއިދާ އެކު އެވެ.

އެމެރިކާގެ ކޮންގްރެސް އިމާރާތަކުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ފަސް މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ފުލުހަކު ވެސް ހިމެނެ އެވެ.

comment ކޮމެންޓް