މިދިޔަ އަހަރު އާމްދަނީއަށް ވުރެ އިތުރަށް 13 ބިލިއަން ރުފިޔާ ހަރަދުކުރި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ނިމުނު އިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 14.5 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެއަށް ވުރެ އިތުރަށް 13 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްްހިސާބުތަައް ދައްކާގޮތުން ޑިސެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ހަދަރު ހުރީ 27.3 ބިލިއަން ރުފިޔާގަ އެވެ.

މިދިޔަ އަހަރަށް ލަފާކޮށް 35.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް، ކޮވިޑް19ގެ ހާލަތާއެކު އައި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ބަޖެޓު ކުޑަކޮށް، ހަރަދުތައް ވެސް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ކުރިން ލަފާކުރި 29.9 ބިލިއަން ރުފިޔާގެ އާމްދަނީގެ ބަދަލުގައި ލަފާކޮށްފައިވަނީ 15 ބިލިއަނުގެ އާމްދަނީ އެއް މިދިޔަ އަހަރު ލިބޭނެކަމަށެވެ. މުޅި ބަޖެޓުގެ ގޮތުގައި 31 ބިލިއަން ފަހުން ވަނީ ހަމަޖައްސައިފަ އެވެ.

ފިނޭންސްގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރު ޓެކްސް އާމްދަނީ އިން ލިބުނީ 10.6 ބިލިއަން ރުފިޔާ އެވެ. އޭގެ ކުރީ 2019 ވަނަ އަހަރު ޓެކްސް އާމްދަނީ އަށް 16.5 ބިލިއަން ރުފިޔާ ލިބުނެވެ. އަދި މިދިޔަ އަހަރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ލިބުނުއިރު 2019 ވަނަ އަހަރު 6.5 ބިލިއަން ރުފިޔާ ލިބުނެވެ.

މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ދައުލަތުންދޭ އިނާޔަތްތައް ދިނުމަށް މިދިޔަ އަހަރުގެ ބަޖެޓުން 9.84 ބިލިއަން ރުފިޔާ ހޭދަކުރު އިރު 2019 ވަނަ އަހަރު ވަނީ 9.83 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ދައުލަތުގެ ދަތުރުތަކަށް 2020 ވަނަ އަހަރުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 141.3 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ދަތުރުހޭދަ އަށް 230.7 މިލިއަން ހޭދަވެފައި ވެއެވެ.

މިދިޔަ އަހަރު އާސަންދަ އަށް ހޭދަކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު އާސަންދަ އަށް 1.3 ބިލިއަން ހޭދަވެފައި ވެއެވެ.

ދައުލަތުން އަދާކުރަންޖެހޭ ލޯނުތައް އަދާކުރުމަށް 2020 ވަނަ އަހަރު ނިމުނު އިރު 1.18 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސްގެ ހިސާބުތައް ދައްކައެވެ.

comment ކޮމެންޓް