އިންތިހާބު އަވަސް ކުރާ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި، ބަހުސް މިމަހު 17ގައި

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން: އިންތިހާބު އަވަސް ކުރާ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައި -- ފޮޓޯ/ މަޖިލިސް

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކޮވިޑް19ގެ ބަލިމަޑުކަމާއެކު، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ. އެހެން ނަމަވެސް މިހާރު ބިލު ހުށަހެޅީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށެވެ.

މަޖިލީހުގެ ދައުރުން ބޭއްވި މިރޭގެ ޖަލްސާގައި އޮތީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ، މިރޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއެކު އެ ބިލުގެ އިބްތިދާއީ ބަހުސް ބޭއްވުމަށް އޮންނާނީ މިމަހު 17 ވަނަ ދުވަހު ކަމަށެވެ.

"އަޅުގަނޑު ގަސްތު ކުރަނީ 17 ޖެނުއަރީގައި ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވާހަކަ ދައްކަވަންދެން ޖަލްސާ ކުރިއަށް ގެންދަވަން،" އީވާ ވިދާޅުވި އެވެ.

އެހެން ކަމުން އިބްތިދާއީ ބަހުސް އެއް ދުވަސް ތެރޭ ނިންމާލެވޭނެއެވެ. އިބްތިދާއި ބަހުސަށްފަހު، ދެން ބިލު ދާނީ ކޮމިޓީ މަރުހަލާއަށެވެ. ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތަކާއެކު ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ކޮމިޓީ މަރުހަލާއަށްފަހު ތިން ދުވަސް ދޭން ޖެހެއެވެ. އެއަށްފަހު މެމްބަރުންގެ އިސްލާހުތަކާއެކު ބިލު ވޯޓަށް އަހާނެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން އަޑުގަދަ ކުރާ އަޑުވެސް އިވުނެވެ. އެހެން ނަމަވެސް އެއްވެސް މެމްބަރެއްގެ ނަން ނުއިއްވައެވެ.

އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި ބިލު ފަރުމާކޮށްފައިވަނީ އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރުކޮށެވެ. އެގޮތުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ކޯޓަށް މައްސަލަތައް ވެއްދުމުގެ މުއްދަތުތައް ވަނީ ކުރުކޮށްފައެވެ.

ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސްތެރޭގައި އަލުން އިންތިހާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މަސައްކަތް ފަށަނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވެ އެވެ.

މިހާރު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގައެވެ.

https://sun.mv/147753

comment ކޮމެންޓް