އަދުނާން ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް --

މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސަށް ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ފުލުހުންގެ މުވައްޒަފުންތަކެއް ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރަށް އުނިކަން ލިބޭގޮތަށް "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް"ގެ ނަމުގައި ރިޕޯޓެއް ތައްޔާރު ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އަދުނާން ވަޒީފާއިން ވަކި ކުރީ އޮގަސްޓު 7، 2012ގަ އެވެ.

އެ މައްސަލައިގައި އޭނާ ދައުވާ ކުރުމުން ސިވިލް ކޯޓުން ނިންމާފައި ވަނީ އޭނާ ވަކި ކުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، އެ ނިންމުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދުނާންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން ވަނީ އޭނާއާ އެއްކޮޅަށް މައްސަލަ ނިންމައިފަ އެވެ.

އަދުނާން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމާމެދު ސުޕްރީމް ކޯޓުގައި ދައުލަތުންވެސް ވަނީ އެއްބަސްވެފަ އެވެ.

އަދުނާން ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުގައި ނިންމީ އޭނާ ތަހުގީގުގައި ހަނުހުރެފައިވުމުން އެއީ އޭނާ ވަޒީފާއިން ވަކި ކުރެވޭނެ ސަބަބެއް ކަމަށް ބަލަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވާގޮތުން، ފުލުހަކު ވަޒީފާއިން ވަކި ކުރެވޭނީ އެ ފުލުހަލު ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ކޮށްފިކަން ސާބިތުވުމުން އަދި، އެ ފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއަށް ފެންނަ ނަމަ އެވެ.

ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ ކޯޓުން ބަލަންޖެހޭ ދެ ކަމެއްވެސް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.

ފުރަތަމަ ކަމަކަށް، ޑިސިޕްލިނަރީ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެކި އެ ބޯޑުގެ ކުރިމަތީގައި އެ ވަގުތު ހުރިކަން ނުވަތަ ނޫންކަން ބަލަން ޖެހެ އެވެ. ދެވަނަ ކަމަކަށް، ވަޒީފާއިން ވަކިކުރި މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައިވާކަން ނުވަތަ ނޫންކަން ބަޔާންކުރަން ޖެހެ އެވެ.

ނަމަވެސް، އަދުނާން ވަޒީފާއިން ވަކި ކުރީ ތަހުގީގަށް ކޮން މައުލޫމާތެއް ނުވަތަ ހެއްކެއް ހުށަހެޅިފައިވުމުންކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އަދުނާންގެ މައްޗަށް ތުހުމަތު ކުރެވުނު އަމަލު ސާބިތުވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްކަން ނުވަތަ ނޫންކަން އެއްވެސް މަރުހަލާއެއްގައި ދައުލަތުން ސާފުކޮށްދީފައި ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ. ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތް ކަމަ އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައިވާކަން ނުވަތަ ނޫންކަންވެސް ދައުލަތުން އެއްވެސް މަރުހަލާއެއްގައި ސާފުކޮށްދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އަދުނާން ވަކިކުރީ ގޯސްކޮށް ކަމަށް ހުކުމް ކުރިޔަސް، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ސުޕްރީމް ކޯޓުން އަންގާފައެއް ނުވެ އެވެ.

އެއީ އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ދަށު ކޯޓުގައި އަދުނާން އެދިފައި ނެތުމުންނެވެ. ދަށު ކޯޓުގައިި އެދިފައި ނެތް ކަމަކަށް މަތީ މަރުހަލާއިން ފަރުވާ ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މި މައްސަލަ ބެއްލެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

comment ކޮމެންޓް