ޕީޕީއެމް ބައިބައިކުރަން ކުރާ ކޮންމެ މަސައްކަތެއް ވާނީ ބޭކާރު: އަދުރޭ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް ބައިބައިކުރަން ކޮންމެ ބަޔަކު މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެއީ ބޭކާރު ކަމެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމް ބައިބައިވަމުންދާ ކަމަށާއި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ނެތް ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެއްވެސް ތާކުން ތާކު ޖެހޭ ވާހަކަތަކެއް ނޫން އެއީ. ޕީޕީއެމްގެ ލީޑަޝިޕަށް ރައީސް ޔާމީންގެ ފުރިހަމަ ތާއީދު އެބައޮތް. ދެން ޕީޕީއެމް ބައިބައިކުރަން މަސައްކަތް ކުރޭ އަބަދުވެސް. އެހެންނަމަވެސް އެކަމެއް ނުވާނެ. ޕީޕީއެމް ބައިބައިކުރަން ކޮންމެ ބަޔަކު މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތެއް ވާނީ ބޭކާރު،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް ބައިބައިކުރަން މަސައްކަތްކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އަދީބަށް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަދީބާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމީހުންނަށް [ޕީޕީއެމްގެ ލީޑާޝިޕަށް] އަދީބަށްވުރެ ރައީސް ޔާމީން މުހިންމުވީމަ ރައީސް ޔާމީނަށް ދިމާވި މި އުނދަގޫ ދަނޑިވަޅުގައި ވެސް ރައީސް ޔާމީނާއެކު އެ ތިބީ،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ މިހާރުގެ އަމާޒަކީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ދުވަސްވަރެއްގައި ބޭއްވި ނަމަވެސް، ކައުންސިލް އިންތިހާބަށް ޕީޕީއެމް އޮތީ ތައްޔާރަށް ކަމަށާއި ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް، ކައުންސިލް އިންތިހާބަށް ތައްޔާރުވާން މަސައްކަތް ކުރަމުންދަނީ އެމަނިކުފާނުގެ ލަފާފުޅާއެކުގައި ކަމަށެވެ.

"އެމަނިކުފާނުގެ ފުރިހަމަ ލަފަޔާ މަޝްވަރާޔާއެކު އިންތިހާބަށް ތައްޔާރުވަމުން މިދަނީ. ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ވޯޓުން ނަތީޖާ ނެރެދެއްވުމަށް،" އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް