މިއަދާއި މާދަމާ ވިއްސާރަ ވާނެ

ވިއްސާރަވެ ކަނޑުގަދަވުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މެޓުން ބުނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް މިއަދު ވާރޭ ވެހޭނެ ކަމަށާއި މާދަމާ މެދު ރާއްޖެ ތެރޭގެ ރަށްރަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށާއި މެދުރާއްޖެ ތެރެއާއި ދެކުނަށް ވައި ބާރުވާނެ ކަމަށް މެޓުން ބުންޏެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފަކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.

މޫސުން ގޯސްވާނެތީ މެޓުން ވަނީ ޅ. އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.

މެޓުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބުރާސްފަތިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް