ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މެލޭޝިއާއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

މެލޭޝިއާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (ޖެނުއަރީ 12): މެލޭޝިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ރަސްގެފާނު އަބްދުﷲ އަހުމަދު ޝާހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފި އެވެ.

މެލޭޝިއާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވާ ގޮތުން ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީންގެ އެދުމުގެ މަތިން ރަސްގެފާނު ވަނީ އަންނަ އޮގަސްޓު މަހުގެ އެކަކާ ޖެހެންދެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފަ އެވެ. ނަމަވެސް އޭގެ ކުރިން ބަލި ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ނަމަ ކުއްލި ހާލަތު އުވާލާނެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އިއްޔެ ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގައި ބޮޑުވަޒީރު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުން އެގައުމުގައި ކޮންމެ ދުވަހަކު އެއްހާހަށް ވުރެ ގިނަ ކޭސް ފެންނަމުންދާ ކަން ފާހަގަ ކުރައްވާ، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ކެބިނެޓުން މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަސްގެފާނު އަބްދުﷲވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

"ގައުމުގައި ކޮވިޑް-19 ނުރައްކާތެރި މިންވަރަކަށް ފެތުރި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިފައިވާ ކަމަށް ރަސްގެފާނު އަބްދުﷲ ގަބޫލު ކުރައްވާ،" ގަނޑުވަރުގެ ބަޔާނުގައިވެ އެވެ.

މެލޭޝިއާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން، ގައުމީ ސަލާމަތަށް ނުވަތަ އިގުތިސާދަށް ނުވަތަ އިޖުތިމާއީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށް ރަސްގެފާނު ދެކިވަޑައިގަންނަވާ ނަމަ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުވެސް ކުއްލި ހާލަތު އިއުލާން ކުރަން ރަސްގެފާނުގެ އަރިހުގައި މުހިއްޔުއްދީން އެދިވަޑައިގެންނެވި އެވެ. ނަމަވެސް ރަސްގެފާނު އެކަމަށް ދެކޮޅު ހެއްދެވި އެވެ.

އޭރު މެލޭޝިއާގައި ސިޔާސީ ހަލަބޮލިކަން އުފެދި، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ އުމްނޯއިން ދިޔައީ ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންގޮސް، ބަޖެޓު ފާސް ކުރަން ވޯޓު ނުދޭނެ ކަމުގެ އިންޒާރު ދެމުންނެވެ. އަދި ބަޖެޓު ފާސް ނުކުރެވޭ ނަމަ އެއީ މުހިއްޔުއްދީންއަށް އިތުބާރު ނެތުން ކަމަށް ބެލެވި، އާއްމު އިންތިހާބަކަށް މަގުފަހިވުމުގެ ފުރުސަތު އޮތެވެ.

އޭގެ ފަހުން މިދިޔަ މަހު މެލޭޝިއާގެ ބަޖެޓު ފާސްކޮށްފައިވީ ނަމަވެސް އުމްނޯގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ވެރިކަން ކުރާ ކޯލިޝަނަށް ތާއިދު ނުކުރަން ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް މިހާރު ކުއްލި ހާލަތު އިއުލާން ކުރުމާ އެކު އެގައުމުގެ ޕާލިމެންޓު ބައްދަލުވުންތައްވެސް ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

މުހިއްޔުއްދީން ވިދާޅުވި ގޮތުގައި މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް އެގައުމުގެ ހުރިހާ ސަރަހައްދެއްގައި ކާފިއުއެއް އިއުލާން ނުކުރާނެ އެވެ. އަދި އެ ހާލަތު އިއުލާން ކުރުމުން، ސަރުކާރުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެއްޖެ ނަމަ ޕްރައިވެޓް ހޮސްޕިޓަލްތައް ސަރުކާރުގެ ބޭނުމަށް ދިނުމަށް އެންގެވުން ފަދަ އަމުރުތައް ރަސްގެފާނަށް ކުރެއްވޭނެ އެވެ.

މީގެ އިތުރުން، އިއްޔެ މުހިއްޔުއްދީން ވަނީ މެލޭޝިއާގެ ފަސް ސްޓޭޓަކާއި ތިން ފެޑެރަލް ޓެރިޓަރީ ފުރަބަންދު ކުރަން އަންގަވާފަ އެވެ. އެގޮތުން މިމަހުގެ 26އާ ހަމަޔަށް ފުރަބަންދު ކުރި ސަރަހައްދުތަކުގެ ތެރޭގައި ކުއަލަލަމްޕޫރާއި ސަބާހު، ސެލަންގޯ، ޕިނަންގް އަދި ޖޮހޯރު ހިމެނެ އެވެ.

މެލޭޝިއާގައި ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭ ކޮންމެ ދުވަހަކު 2،000އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި މިހާރު އެގައުމުގައި ތިބި ބަލި ޖެހިފައިވާ މީހުންގެ އަދަދު 28،554އަށް އަރަ އެވެ.

comment ކޮމެންޓް