ޖާބިރު ގަވާއިދާ ހިލާފަށް ފުނަދުއަށް އެރި މައްސަލައެއް

މެމްބަރު ޖާބިރު މިއަދު ފުނަދޫގައި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހެނދުނު، ގަވާއިދާ ހިލާފަށް ށ. ފުނަދުއަށް އެރި މައްސަލައެއް ށ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.

ޖާބިރު އެރަށަށް ފައިބައިވަޑައިގެންފައި ވަނީ މިއަދު ހެނދުނު އެވެ. އަދި މާސްކް ނާޅުއްވާ ރަށު ތެރޭގައި ވަނީ އުޅުއްވައިފަ އެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު "ސަން" އަށް ވިދާޅުވީ ޖާބިރު އެރަށަށް ކައިރި ކުރީ ދަތުރުކުރެއްވި އުޅަނދުގެ އިންޖީނު މައްސަލައެއް ޖެހިގެން ކަމަށެވެ.

އަދި ރަށު ތެރެއަށް ނުފޭބުމަށް ކައުންސިލުން އެދުމުން، ރަށު ތެރެއަށް ފައިބައިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

"ދެން ފަހުން ވީގޮތެއް ނޭނގެ. ފަހުން ރަށު ތެރެއަށް ވެސް ފައިބައިގެން އުޅުއްވި. ރައްޔިތުންގެ ފަރާތުން ޝަކުވާ ވެސް އައި،" އޭނާ ވިދާޅުވި އެވެ.

އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ ޖާބިރު ޓެކްސީއެއްގެ ކުރީ ސީޓުގައި އިންނަވައިގެން ދަތުރުކުރެއްވި ކަމަށެވެ. އަދި މާސްކް ނާޅުއްވާ އުޅުއްވި ކަމަށާއި އަދި ރަށުގެ މީހުންނާއެކު ފޮޓޯ ނަންގަވައި ހެއްދެވި ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ޖާބިރު އެރަށަށް ވަޑައިގަތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހާއްސަ ހުއްދަ ނުނަންގަވައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގައިމުވެސް ކައުންސިލަކަށް ފޮނުވާފައެއް ނެތް ހާއްސަ ހުއްދައެއް،" އަހްމަދު އިބްރާހީމްފުޅު ވިދާޅުވި އެވެ.

ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ޒުމްރަތު "ސަން" އަށް ވިދާޅުވީ މިހާރު އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"ހާއްސަ ހުއްދައިގެ ދަށުން އަންނަ ބޭފުޅުން އުސޫލަށް ތަބާނުވޭ"

"ސަން" އާ ވާހަކަދައްކަވަމުން ފުނަދޫ ކައުންސިލްގެ ރައީސް ވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ވަޑައިގަންނަވާ ބޭފުޅުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުނުކުރާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ ހާއްސަ ހުއްދައިގެ ދަށުން ވަޑައިގަންނަވާ ބޭފުޅުން ފަޅުރަށްތަކަށް ޕިކްނިކް ގޮސް ހައްދަވާ ކަމަށެވެ. އަދި ރިސޯޓުތަކަށް ދިއުމާއި، ރަށުތެރެއަށް ނުކުމެ ރަށު މީހުންގެ ސައިކަލު ފަހަތުގައި ބުރުޖެހުން ފަދަ ކަންކަން ވެސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަ ހުއްދައިގެ ދަށުން މި އަންނަ އެއްވެސް ފަރާތެއް، ސަރުކާރުން މި އަންނަ އެއްވެސް ފަރާތެއް އޮންނަ އުސޫލުގެ ތެރެއިންނެއް ނޫން އުޅުއްވަނީ. އެކަމަކީ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮންނަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ ކައުންސިލްގެ ފަރާތުން ތަކުރާރުކޮށް އެފަރާތްތަކާ ބައްދަލުކޮށް، އެގޮތަށް އެކަން ނުކުރުމަށް އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެއްބާރުލުން ނުލިބޭ ކަމަށެވެ.

ހަމައެއާއެކު އެކަން އެޗްޕީއޭގެ ސަމާލުކަމަށް ވެސް އެތައް ފަހަރަކު ގެނެސްފައިވާނެ ކަމަށާއި، ނަމަވެސް އެޗްޕީއޭގެ ފަރާތުން ވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް