އިހުތިޖާޖުގެ ތެރެއިން ހަތަރު އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދުގެ އިހުތިޖާޖުގެ ތެރެއިނ -- ފޮޓޯ/ ޕީޕީއެމް

މިއަދު ޖެންޑީ މިނިސްޓްރީ ކުރިމަތީގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހަތަރު އަންހެނުން ފުލުހުންފގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޕީޕީއެމް އިން ބުނީ މިއަދު މިނިސްޓްރީ ކައިރީގައި އިހުތިޖާޖު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު، ޖެންޑާ މިނިސްޓަރާ ބައްދަލުކުރަން އެދި ފޮނުވި ސިޓީއަށް ޖަވާބުދީފައި ނުވާތީ އާއި ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ހޯދުމަށް ގޮވާލުމަށް ކަމަށެވެ.

ޝުއޫރުފާޅުކޮށް ބޯޑުތަކާ އެކު ކުރިއަށް ގެންދިޔައީ ސުލްހަވެރި އިހްތިޖާޖެއް ކަމަށް ޕީޕީއެމް އިން ބުންޏެވެ.

ފުލުހުން ބުނީ އިހުތިޖާޖުގެ ތެރެއިން ހަތަރު އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މި މަހުގެ ހަތް ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ވެސް އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް ފަހުން އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ޖެންޑާ މިނިސްޓްރީނ ބުނީ ޕީޕީއެމްގެ ފަރާތުން ޖެންޑާ މިނިސްޓަރާ ބައްދަލުކުރަން އެދި ފޮނުވި ސިޓީ 20 އޮކްޓޫބަރުގައި ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މިނިސްޓަރު ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، ފަހުގެ ތަރީހެއްގައި އެ ފަރާތާ މުއާމަލާތު ކުރާނެ ވާހަކަ 22 އޮކްޓޫބަރު 2020ގައި އީމެއިލް މެދުވެރިކޮށް އަންގާފައި ވާނެ ކަމަށެވެ.

އަދި އެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިނިސްޓްރީން ފުރިހަމަކުރާނެ ކަމަށާއި އެ ފަރާތްތަކާ ބައްދަލުކުރާނެ ކަމަށް ވެސް ޖެންޑާއިނ ބުންޏެވެ.

comment ކޮމެންޓް