އެއް މަހުގެ ކުލީގެ ބަދަލުގައި ފްރަންްޓް ލައިނާސްއަށް ހިލޭ ކޮފީ

ކައިލް މެލްވިންގެ ކޮފީ ހައުސް--ފޮޓޯ:ސީއެންއެން

އެމެރިކާގެ ކެންޓަކީގައި ހުންނަ މި ކުޑަ ކޮފީޝޮޕް ހުޅުވުނީ ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރުމުގެ ދެތިން މަހެއް ކުރިން ޖެނުއަރީ 2020ގަ އެވެ. އަލަށް ހުޅުވި ނަމަވެސް ބަލިމަޑުކަން ފެތުރުމުގެ ކުރިން ވިޔަފާރި ކުރިއަށްދިޔައީވެސް ރަނގަޅަށެވެ.

ނަމަވެސް ކޮވިޑާއި އެކު މިފަދަ ކުދި ވިޔަފާރިތައް މުލުން ލުހެލިއިރު، ކިރިޔާވެސް ކެތްކޮށްލެވުނީ ހާލަތަށް ބަލައި ވިޔަފާރިއަށް ގެނައި ބަދަލުތަކާއި ދުރުވިސްނުމާއި އެކު އެވެ. ތަނުގެ ވެރިޔާ ކައިލް މެލްވިން އާއި ޕާޓް ޓައިމްކޮށް މަސައްކަތްކުރާ އިތުރު މީހަކު ފިޔަވާ އެހެން އެއްވެސް ސްޓާފަކު އެތަނުގައި ނުތިބޭއިރު، މިދިޔަ އަހަރުތެރޭ ތަން ބަންދުކުރީ މެލްވިން އަށް ކޮވިޑްޖެހި ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓް ކުރީކޮޅާއި ހިސާބަށް އެކަންޏެވެ.

ކުރެވެން ހުރި ހުރިހާ މަސައްކަތަކާއި އެކު، އެއިރެއްގެ އޮޔާ ވަޔަށް ބަލައި ވިޔަފާރި ދަމަހައްޓަމުން އައީ ތަނުގެ ކުއްޔާއިވެސް އެކީ އެވެ. ނަމަވެސް ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ ނޮވެމްބަރު މަހާއި ހިސާބަށެވެ. ވިޔަފާރި ބަނގުރޫޓް ވެދާނެ ކަމުގެ ބިރާއި އެކު، ނޮވެމްބަރު މަސްތެރޭ ތަނުގެ ވެރިޔާއާ ވާހަކަދައްކާ މުޅީން ތަފާތު ޕްލޭނެއް އެކުލަވާލީ އެ ހިސާބުންނެވެ.

މެލްވިން ބުނާގޮތުގައި އޭނާގެ ހުށަހެޅުމަކަށްވީ ޑިސެމްބަރު މަހުގެ ކުލީގެ ބަދަލުގައި އެ ފައިސާ ބޭނުންކޮށްގެން ފްރަންޓް ލައިނާސް އަށް ހިލޭ އެއްމަސް ދުވަސް ވަންދެން ކޮފީ ދިނުމެވެ. މިކަމަށް ލޭންޑް ލޯޑްވެސް ރުހި ގަބޫލުވި އެވެ.

އެއާއިއެކު ފްރަންޓް ލައިނާސްގެ ބޮޑު ތަރުހީބެއް ލިބެން ފެށިކަމަށް މެލްވިން ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވެ އެވެ. މެލްވިންގެ ބައްޕައަކީވެސް ކޮވިޑްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހަކަށްވާއިރު، ބައްޕަގެ ރަށްޓެހިންވެސް ވަރަށް ގިނައިން ކޮފީއަށް އާދެ އެވެ. އަދި ގިނަފަހަރުތަކުގައި ޓިޕްސްވެސް ދީ އުޅެ އެވެ.

މީގެއިތުރުން ނަރުހުންނާއި، ޑޮކްޓަރުންނާއި ފަސްޓް ރެސްޕޮންޑާސް އަދި ކޮވިޑްގައި ދަތިތަކާއި ކުރިމަތިލާންޖެހުނު ކުދިވިޔަފާރިތަކުގެ ވެރިންނަށްވެސް މެލްވިންގެ މި ހިދުމަތް ލިބިގެންދެ އެވެ.

ލިބުނު ބޮޑު ތަރުހީބާއި އަދި އުފެދެންފެށި ގުޅުންތަކުގެ ސަބަބުން ޑިސެންބަރު ނިމި މި ޖެނުއަރީގައިވެސް މި ހިދުމަތް ދެނީ ދެމުންނެވެ.

comment ކޮމެންޓް