މިރެއިން ފެށިގެން ކުނި ނެރޭނީ 10 ޖަހާއިރު

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނަގާ ގަޑިއަށް މިރެއިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.

މި ބަދަލާއެކު މީގެ ކުރިން މެންދުރު 12:00 އިން 2:00 އަށް ގޭގެއިން ކުނި ނެރެމުން އައި ގަޑިއަށް ބަދަލު ގެނެސް މިރެއިން ފެށިގެން ގޭގެއިން ކުނި ނެރެން ޖެހޭނީ 10:00 އިން 12:00 އާއި ދެމެދުއެވެ.

މީގެ ކުރިން ވެމްކޯ އިން ގޭގޭގެ ފަންގިފިލާތަކަށް އަރައިގެން ކުނި ނެގިނަމަވެސް ކޮވިޑް19ގެ ހާލަތާ ގުޅިގެން ކުނި ނެގުމަށް ބަދަލު ގެނެސް ގޭގޭގެ ތިރިއަށް ކުނި ނެރެފައި ބަހައްޓާގޮތަށް ނިންމިއެވެ.

މިގޮތަށް ބޭރަށް ކުނި ނެރެފައި ބަހައްޓާއިރު، ކުނި ނުނެގި ގިނަ އިރުތަކެއް ވަންދެން މަގުތަކުގައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މަގުތަކުގައި ގިނަ އިރު ވަންދެން ކުނިތައް ހުރުމުގެ ސަބަބުން މަގުމަތީ ވަސް ދުވައި، ބުޅާތައް ކޮތަޅު ހާވައި މަގުތަކަށް ކުނި އެޅޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

މި ޝަކުވާތަކަށް ހައްލު ގެނައުމަށް ކުނި ނެގުމުގައި އަމަލުކުރަމުންދާ ގޮތަށް ބަދަލު ގެންނަން މާލެ ސިޓީ ކައުންސިލާ ވެމްކޯ އިން ވަނީ މަޝްވަރާ ކޮށްފައެވެ.

އެ މަޝްވަރާތަކަށްފަހު ކުނި ނަގަން ފަށާ ގަޑިއަށް ބަދަލު ގެންނަން ނިންމައި، މި ބަދަލަށް މިރެއިން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.

އަދި މިހާރެކޭ އެއްގޮތަށް ދެން ވެސް ވެމްކޯއިން ހިދުމަތް ފޯރުކޮށްދޭނީ އިމާރާތުގެ ބޭރުން، ދޮރުމަތިން ކަމަށާއި ވެމްކޯގެ މުވައްޒަފުން ވަކިވަކި ފަންގިފިލާތަކަށް ނާރާނެކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯއިން ކުނި ނަގަން ފަށާނީ މެންދަމު 12:00ގެ ފަހުންނެވެ.

ވެމްކޯއިން ބުނީ ދަންވަރު ކުނި ނެގުމާއި މަގުތައް ކުނި ކެހުމުގެ ސަބަބުން ފަތިސް ނަމާދަށް ހޭލަން ވާއިރަށް މަގުތައް ސާފުކުރެވޭނެ ކަމަށެވެ.

މި ބަދަލާއެކު ވެމްކޯގެ ސްޓާފުންނަށް ވަރަށް ބޮޑަށް ބުރަ ވާނެކަން ފާހަގަކޮށް ވެމްކޯއިން ވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެދިފައެވެ.

comment ކޮމެންޓް