އިންތިހާބު މޮނިޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ދޭން ނިންމައިފި

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މޮނީޓަކުރަން ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު "ސަން" އަށް ވިދާޅުވީ ކުރިން ބޭރުގެ އޮބްޒާވަރުން ބައިވެރިނުކުރާ ގޮތަށް ވާހަކަ ދެކެވުނު ނަމަވެސް، މިހާރު އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ވެސް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

ބޭރުން އިންތިހާބު އޮބްޒާވްކުރަން އަންނަ ފަރާތްތަކަށް ވަކި ގައިޑްލައިން އެއް އެކުލަވާލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑާ ގުޅިގެން ލަސްކުރުމަށް ފަހު، ދެން ބާއްވަން އުޅުނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ.

އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އަދިވެސް އެ ހާލަތު އުވާލެވޭނެ ދުވަހެއް ނޭނގޭތީ، ސަރުކާރުގެ ފަރާތުން މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިހާބު ބޭއްވޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެކަމަށް ޓަކައި ދައުރުގެ ބޭރުން މި މަހުގެ 13ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ މިހާރު އެޖެންޑާކޮށްފަ އެވެ.

comment ކޮމެންޓް