އިންތިހާބަށް އިދާރީ މީހުން ހޯދަން އިއުލާނުކޮށްފި

މޭ 6، 2017 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިދާރީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލްތަކުގެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބާއްވަން ތާވަލުކުރަން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ވަނީ ނިންމައިފަ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އިންތިހާބުގެ ޓާސްކް ފޯހަށް އަދި އިންތިހާބަށް ބޭނުންވާ އިދާރީ މީހުން ހޯދަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވާ ކަމަށެވެ.

މި އަހަރު ޓާސްކް ފޯހަށް 150-200 ދެމެދުގެ އަދަދަކަށް މީހުން ބޭނުންވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިދާރީ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލެވޭނީ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިފަހަރު އިދާރީ މީހުން ހޯދުން ޗެލެންޖަކަށް ވާނެކަން ޝަރީފް ފާހަގަކުރެއްވި އެވެ. ޝަރީފް ވިދާޅުވީ އިދާރީ މީހުން ނެގުމަށް ވިއްސަކަށް ދުވަސް ބޭނުންވާނެ ކަމަށެވެ. އަދި ތަމްރީނު ކުރުމަށް ވެސް އިތުރު މުއްދަތު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް19ގެ ހާލަތާ ގުޅިގެން މިފަހަރު ވިސްނާފައި އޮތީ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ބޭނުންވާ މީހުން ހޯދުމަށް ކަމަށާއި، ކަންކަން ރާވަމުން އަންނަނީ އެއް ރަށުން އަނެއް ރަށަށް މީހުން ނުފޮނުވަން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށް ގެންދަން އެ ގައުމުތަކުގެ ސަރުކާރުން ހުއްދަ ދޭނެތޯ ބަލަން ފޮރިން މިނިސްޓްރީ އާއެކު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ގޮތެއް ކަނޑައެޅޭނީ އެ މަޝްވަރާތަކަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެގޮތަށް ރިސޯޓުތަކުގައި ވޯޓުލުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކަމާބެހާ ފަރާތްތަކާ އެކު މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑާ ގުޅިގެން ލަސްކުރުމަށް ފަހު، ދެން ބާއްވަން އުޅުނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ.

އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. މިހާރު ސަރުކާރުން އަންނަނީ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް