އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ، 10 ތުއްތު ކުދިން މަރުވެއްޖެ

އިންޑިއާގެ ބަންޑާރާ ޑިސްޓްރިކްޓް ޖެނެރަލް ހޮސްޕިޓަލްގެ ނިއުބޯން ކެޔާ ޔުނިޓުގައި ފަރުވާ ދެމުން ދިޔަ 10 ކުޑަކުއްޖަކު ވަނީ އަލިފާނުގެ ހާދިސާއެއްގައި މަރުވެފަ -- ފޮޓޯ: އޭޕީ

ނާގްޕޫރު (ޖެނުއަރީ 9): އިންޑިއާގެ މަހާރާޝްތުރާގެ ބަންޑާރާ ޑިސްޓްރިކްޓް ޖެނެރަލް ހޮސްޕިޓަލްގެ ނިއުބޯން ކެޔާ ޔުނިޓުގައި ރޭ އަލިފާން ރޯވެ، 10 ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން ރޭ 2:00 ހާއިރު އެ ހޮސްޕިޓަލްގެ ނިއުބޯން ކެޔާ ޔުނިޓުން ދުން އަރަން ފެށުމުން ނަރުހަކު އެކަން ކަމާ ބެހޭ އިދާރާތަކަށް އެންގި އެވެ. އަދި އެ ޔުނިޓުގައި ތިބި ކުދިން ސަލާމަތް ކުރަން ހޮސްޕިޓަލުގެ މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް، އެތަނުގައި ހުރި ބައެއް ތަކެތި ގޮވުމުގެ ސަބަބުން އެކަމަށް ހުރަސް އެޅުނު ކަމަށެވެ.

އެ ހޮސްޕިޓަލްގެ ސިވިލް ސާޖަން ޑރ. ޕްރަމޯދު ކަންދޭ ވިދާޅުވި ގޮތުގައި އެ ހާދިސާގައި ހަތަރު ކުދިން މަރުވީ ފިހިގެންނެވެ. އަދި ބާކީ ކުދިން މަރުވީ އޮކްސިޖަން ސަޕްލައި ކެނޑުމުންނެވެ.

ޑރ. ކަންދޭ ވިދާޅުވި ގޮތުގައި އަލިފާން ރޯވި އިރު ޑިއުޓީގައި ތިބި މުވައްޒަފުން ވަނީ ހަތް ކުދިން ސަލާމަތްކޮށްފަ އެވެ. އަދި އެކުދިންނަށް ހޮސްޕިޓަލުގެ އެހެން ޔުނިޓުތަކުގައި ދަނީ ފަރުވާދެމުންނެވެ.

އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް، ހޮސްޕިޓަލުގެ އެހެން ބައިތަކަށް ފެތުރުން ހުއްޓުވީ ފަޔާ ބްރިގޭޑުންނެވެ.

އެ ހޮސްޕިޓަލުގައި އަލަށް އުފަންވާ ކުދިންނަށް ފަރުވާ ދޭ ވޯޑުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓުވުމުން ކަމަށް ބެލެވޭ ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ. އަދި އެ ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް