އަހަރުގެ ފުރަތަމަ ހަފްތާގައި 20،000 ފަތުރުވެރިން ރާއްޖެ އައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް --- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 20،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 2،945 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އެވެ. ފުރަތަމަ ހަފްތާގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 20،612 އެވެ.

އެ މުއްދަތުގައި އެންމެ ގިނައިން ޒިޔާރަތް ކުރީ މި މަހުގެ ދެވަނަ ދުވަހާއި ތިން ވަނަ ދުވަހު އެވެ. މި މަހުގެ ދެވަނަ ދުވަހު 4،160 ފަތުރުވެރިން ޒިޔާރަތް ކުރި އިރު ތިން ވަނަ ދުވަހު 4،195 ފަތުރުވެރިން ރާއްޖެ އައެވެ.

މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ގައުމުން 5،331 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. އެ ގައުމުން 1،816 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

އިންޑިއާއަކީ މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެވެ. މިދިޔަ އަހަރު ނިމުނުއިރު އިންޑިއާ އިން 62,905 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީ މާކެޓް ޝެއާ ޕަސެންޓުން ބަލާނަމަ 11.3 ޕަސެންޓެވެ.

އޭގެ ކުރީ އަހަރު އިންޑިއާއަކީ ރާއްޖޭގެ ދެވަނަ މާކެޓެވެ. އޭރު އެއްވަނައިގައި އޮތީ ޗައިނާ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ޗައިނާ ޓޫރިސްޓުން ގެނައުން ހުއްޓާލިފަހުން މިހާތަނަށް ޗައިނާގެ ފަތުރުވެރިން އަންނަން ފަށައިފައެއް ނުވެ އެވެ.

މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރެއް ކޮށްފަ އެވެ. ދަތުރުފަތުރުކުރުން މަނާވުމާއެކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އަންދާޒާ ކުރި ވަރަށް ވުރެ ބޮޑުތަކުން ދަށަށް ދިޔަ އެވެ. މިިދިޔަ އަހަރު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދަކީ 555،399 އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ލީޑިން ޑެސްޓިނޭޝަން އެވޯޑުވެސް މި ފަހުން ރާއްޖެއަށް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން، ޓްރެވަލް ގައިޑް، ލޯންލީ ޕްލެނެޓުން އެކުލަވާލި މިއަހަރު އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރަން ބޭނުންވާ ހަ މަންޒިލް ތެރޭގައިވެސް ރާއްޖެ ވަނީ ހިމެނިފަ އެވެ.

comment ކޮމެންޓް