ރިސޯޓުތަކުގައި ކޮވިޑް އިތުރުވާތީ ސަމާލުވާން އަންގައިފި

ވީއައިއޭގައި ފަތުރުވެރިން -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ރާއްޖޭގެ ރިސޯޓުތަކުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނާތީ އެކަމަށް ހުރިހާ ފަތުރުވެރިކަމުގެ ހިދުމަތްތދޭ ތަންތަނުން ސަމާލުވުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އާ ޓްރެންޑެއް ފެންނަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ޓޫރިސްޓު ރިސޯޓުތަކާއި، ޓޫރިސްޓް އެސްޓަބްލިޝްމަންޓުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފަށާފައިވާ ކަމަށް ޝަހީދު ވިދާޅުވި އެވެ.

"އާންމުކޮށް މީގެކުރިން ޓޫރިސްޓު އެސްޓަބްލިޝްމަންޓުތަކުގައި ހާއްސަކޮށް ރިސޯޓުތަކުގައި އުޅެނީ ފަންސާސް ނޫނީ ފަސްދޮޅަސް ވަރަކަށް ޕޮޒިޓިވް ކޭސް،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު ރިސޯޓުތަކުގައި 108 ޕޮޒިޓިވް ކޭސް އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އެއީ 69 ފަތުރުވެރިންނާއި 39 ސްޓާފުންނެވެ.

އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި ޓޫރިސްޓު ރިސޯޓުތަކުގައި ޕޮޒިޓިވް ކޭސްތައް އިތުރުވާނެ ކަމަށް ކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ.

"އެއީ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުންދާ ދަނޑިވަޅެއް. ދެން ޓޫރިސްޓުން އަންނަނީ ވެސް ހައި ރިސްކް ގައުމުތަކުން،"

އެހެންކަމުން ޓޫރިސްޓު އެސްޓަބްލިޝްމަންޓްތަކުން މި ދަނޑިވަޅުގައި އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ރިސޯޓެއްގައި އައުޓްބރޭކެއް އަތުވެއްޖެ ނަމަ، ރިސޯޓު އޮޕަރޭޝަން ހުއްޓުމަކަށް އައިސް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

https://sun.mv/147640

އެހެންކަމުން ރިސޯޓުތަކުގައި ކޭސްތައް އަވަހަށް ދެނެގަތުން މުހިންމު ކަމަށާއި، ސްޓާފުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރެއްވި އެވެ.

މި ދުވަސްވަރު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަ އިރު، ޗުއްޓީ ހޭދަކުރަން ރާއްޖެއިން ބޭރަށް ދިޔަ ގިނަ އަދަދެއްގެ ދިވެހީން ވެސް ވަނީ އެނބުރި އަންނަން ފަށާފަ އެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މިވަގުތު ބިޔާދޫ އައިލެންޑް ރިސޯޓު (ކ. ބިޔާދޫ) އިން ކޮވިޑް19 އަށް ޕޮޒިޓިވް 17 މީހަކު ފެނިފައިވާ އިރު، ނިޔާމަ ރިސޯޓުގައި ވެސް 14 ޕޮޒިޓިވް މީހުން އެބަ ތިއްބެވެ.

އޭގެ އިތުރުން އެމްޕެރާ އެކްސްޕްލޯރާ ކިޔާ ސަފާރީ އަކުން 24 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނީ ދެ ކްރޫ މެމްބަރުން ފިޔަވައި ހުސް ފަތުރުވެރިންނެވެ.

comment ކޮމެންޓް