ދައުރުން ބޭރުން މިމަހު 13 ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިމަހު 13 ވަނަ ދުވަހު ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފި އެވެ.

އެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ލޯކަލް ކައުންސިލު އިންތިހާބު ނުބޭއްވި ލަސްވަމުން ދާތީ އިންތިހާބު ބޭއްވޭނޭ ގޮތް ހެދުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ތަކުގެ މަސައްކަތް ކުރުމަށެވެ.

ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައިވަނީ މިމަހު 13 ވަނަ ދުވަހުގެ ރޭ 8:30 ގަ އެވެ.

އެ ޖަލްސާގައި އޮންނާނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން ކަމަށް އެޖެންޑާ ގައި ވަނީ ބުނެފަ އެވެ.

މެންބަރު އަލީ ނިޔާޒު "ސަން" އަށް މިއަދު ވިދާޅުވީ އިސްލާހުތަކެއް ގެންނަން ހުށަހެޅުއްވީ ލޯކަލް ކައުސިލުތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް ކަމަށެވެ. އެ ގާނޫނަށް ގެންނަން ހުށަހަޅާ މައިގަނޑު އިސްލާހު ތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތް ނަމަވެސް އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އިންތިހާބެއް ބާއްވާނަމަ ތައްޔާރުވުމަށް ދޭން ޖެހޭ ތާރީހުގެ މުއްދަތުތައް ކުރު ކުރުމަށް އެ އިސްލާހުގައި ހުށަހަޅާފައިވާނެ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. އެގޮތުން ވޯޓުލާން ރެޖިސްޓްރީ ކުރުމާއި ވޯޓާސް ލިސްޓު އިއުލާނު ކުރުން ފަދަ ކަންކަމަށް ދީފައިވާ މުއްދަތުތައް ކުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދޭ ގޮތަށް އިސްލާހުކުރަންވެސް ވަނީ ހުށަހަޅާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ފެށޭ މާޗު މަހު އެވެ. ނަމަވެސް ސިއްހީ ކުލި ނުރައްކަލުގެ ހާލަތު ޖެނުއަރީ ފަހެއްގެ ނިޔަލަށް އުވާލާފައި ނުވާތީ އިންތިހާބު އެ ތާރީހުގައި ބޭއްވޭގޮތް ނުވީ އެވެ. ގާނޫނަށް ބަދަލު ގެންނަން ހުށަހެޅީ އެހެންވެ އެވެ.

comment ކޮމެންޓް