ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރާ އިރު އިންޑިއާއިން އިސްކަން ދޭނީ ލަންކާއަށް

އިންޑިއާއިން ވަނީ އޮކްސްފޯޑް-އެސްޓްރާޒެެނެކާގެ ވެކްސިން އާއި އެގައުމުގެ ބާރަތު ބަޔޯޓެކްއިން އުފެއްދި ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ -- ފޮޓޯ: ގެޓީ

ދިއްލީ (ޖެނުއަރީ 7): އިންޑިއާގައި އުފައްދާ ކޮވިޑް-19 ވެކްސިންތައް އެކްސްޕޯޓު ކުރަން ފަށާ އިރު އެގައުމުން ސްރީލަންކާއަށް އިސްކަން ދޭނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އޮފީހުން ބުނި ގޮތުގައި ޖަޔަޝަންކަރު އެފަދައިން ވިދާޅުވީ އެގައުމަށް ވަޑައިގެން ރައީސާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ. އަދި ޖަޔަޝަންކަރު ވަނީ "އިންޑިއާގެ ވެކްސިންތައް ހޯދުމަށް ލަންކާގެ ޝައުގުވެރިކަން އޮތް މިންވަރު" އެނގިލައްވާ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ ވިދާޅުވި ގޮތުގައި އިންޑިއާއިން ގެންގުޅޭ "އަވަށްޓެރިން ފުރަތަމަ" ސިޔާސަތުގެ ސަބަބުން، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި މި ސަރަހައްދުގެ ސިއްހީ ދާއިރާއަށާއި އިގުތިސާދުތަކަށް ރަނގަޅު އަސަރުތައް ކޮށްފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އިންޑިއާއިން ވަނީ، އެގައުމުގެ ބާރަތު ބަޔޯޓެކްއިން އުފެއްދި ކޮވިޑް ވެކްސިނާއި އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއި ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން އެގައުމުގައި ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އެ ދެ ވެކްސިންގެ ޑޯޒްތައްވެސް އިންޑިއާގައި އުފައްދަ އެވެ.

އިންޑިއާގެެ ފެޑެރަލް ހެލްތު ސެކްރެޓަރީ ރާޖޭޝް ބޫޝާން ވިދާޅުވި ގޮތުގައި ވެކްސިންއަށް ހުއްދަ ދޭތާ 10 ދުވަސް ފަހުން ވެކްސިން ދޭން ފަށަން އެގައުމުން ވަނީ ތައްޔާރުވެފަ އެވެ. އަދި އޭގެ ދެ ހަފްތާ ތެރޭ ވެކްސިންތަކުގެ ޑޯޒްތައް އެކްސްޕޯޓު ކުރަން ފަށާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިންޑިއާގައި އޮކްސްފޯޑް ވެކްސިންގެ ޑޯޒްތައް ތައްޔާރު ކުރާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)ގެ ސީއީއޯ އަދަރު ޕޫނަވާލާ ވިދާޅުވި ގޮތުގައި އެ އިންސްޓިޓިއުޓުން ސަރުކާރަށް ވެކްސިންގެ ފުރަތަމަ 100 މިލިއަން ޑޯޒް ވިއްކާނީ ކޮންމެ ޑޯޒްއަކަށް 200 ރުޕީސް (2.74 ޑޮލަރު) ޖެހޭ ގޮތަށެވެ. ނަމަވެސް އެއަށް ފަހު ވެކްސިންގެ އަގު ބޮޑު ކުރާނެ އެވެ. އަދި ފުރަތަމަ ވެކްސިން އެކްސްޕޯޓު ކުރަން ހަމަޖެހިފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ކަމަށާއި އޭގެ ތެރެއިން ބައެއް ޑޯޒްތައް ހިލޭ ދޭ އިރު އެހެން ޑޯޒްތައް ވިއްކާނީ ކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް