ލޯކަލް ކައުންސިލް އިންތިހާބު އެޕްރީލް 3ގައި ބާއްވަން ނިންމައިފި

ޖެނުއަރީ 31، 2020: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓުލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބާއްވަން ތާވަލުކުރަން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ނިންމައިފި އެވެ.

އެކަން ހާމަކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. މިދިޔަ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑާ ގުޅިގެން ލަސްކުރުމަށް ފަހު، ދެން ބާއްވަން އުޅުނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ.

އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ އަންނަ މަހުގެ ތިނަކަށް އިތުރުކޮށްފަ އެވެ.

އެއާއެކު މާޗު މަހު އިންތިހާބު ނުބޭއްވޭނެކަން ވަނީ ޔަގީންވެފަ އެވެ.

ރޭ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސަންސެޓް ގާނޫނު ކަމަށެވެ.

އަދި އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް، ގާނޫނަށް ގެންނަ ބޭނުންވާ އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން މަޖިލީހާ ހިއްސާކުރުމަށް ވަނީ ތައްޔާރުވެފަ އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމަށް އެންމެ މަދުވެގެން ވެސް އީސީއަށް 60 ދުވަހާ 70 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ.

"އެއީ ތައްޔާރީތައް ވުމަށްޓަކައި. އޭގެ ތެރޭގައި ބައެއް މުއްދަތުތަކަކީ ގާނޫނުން ލާޒިމުކުރާ މުއްދަތުތަކެއް. އެ މުއްދަތުތަކެއް ކުރުގަޅުވަލައިގެން ނުގެންދެވޭނެ. އެހެންވީމަ އެ މުއްދަތުތައް އޮންނަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން އޮފިޝަލުން ނެގުމަށާއި އޮފިޝަލުން ތަމްރީނުކުރަން އިތުރު މުއްދަތެއް ބޭނުންވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ގާނޫނު އޮތް ގޮތުން މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. ޝަރީފު މީގެކުރިން ވިދާޅުވީ، އެގޮތަށް ހުރި ތާރީހުތައްވެސް ބަދަލު ކުރުމަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެން ކަމުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހު އިންތިހާބު ބާއްވަން ޖެހެ އެވެ.

ޝަރީފް ރޭ ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި ގާނޫނު އިސްލާހުވެގެން އޭޕްރީލް ތިން ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށެވެ.

އިންތިހާބު ދެން ބޭއްވެން އޮތީ ގާނޫނު އިސްލާހުކޮށްގެން ކަމަށްވާއިރު، މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ.

ގާނޫނު އިސްލާހު ކުރެވޭނީ މަޖިލިސް ފެބްރުއަރީ މަހު ހުޅުވުމުން ނުވަތަ ޗުއްޓީ މުއްދަތުގައި ދައުރުގެ ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.

މަޖިލީހުގެ ގަވާއިދުވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީޖުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް ސަބަބު ބަޔާންކޮށް، ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. އެގޮތުން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މަދުވެގެން 29 މެމްބަރުން އެ ޖަލްސާ ބާއްވަން އެދެން ޖެހޭނެ އެވެ.

comment ކޮމެންޓް