އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް އެޅުމަށް އަމިއްލަ ފަރާތްތަކުން 50 މިލިއަނުގެ އެހީއެއް!

ސްވިމިން ޕޫލްއަޅަން ބިން ސާފުކުރަން ރަޝީދު ކާޕެންޓްރީއިން ފެށުން--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުނު ކުޅިވަރާ ގުޅުން ހުރި ކަންކަމުގެ ތެރޭގައި ނުނިމި އޮތް ހަމައެކަނި ކަންތައް ކަމަށްވާ އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް ކޮމްޕްލެކްސް އެޅުމަށް އަމިއްލަ ފަރާތްތަކެއްގެ އެހީއާ އެކު 50 މިލިއަނަށް ވުރެން ގިނަ ރުފިޔާ އެކަމަށް ހޭދަކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ބުނެފި އެވެ.

ރާއްޖޭގައި މިހާތަނަށް އެޅިގެންދާ އެންމެ ފުރިހަމަ އެއް ކުޅިވަރު ވަސީލަތް ކަމަށްވާ އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލުގެ ހުވަފެނަށް ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެކަން ނުފެށި އޮތީ އެކަމަށް ބޭނުންވާ ޖާގައިގެ ބޮޑު ބިމެއް މާލޭ ސަރަހައްދުން ހަމަ ނުޖެހިގެން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މެދަކާ ހިސާބުގައި ކުރީގެ އެއް ނަމްބަރު ކޮށީގެ ބިން ސާފުކޮށް 50 އަހަރަށް އެ ޕޫލް ހެދުމަށް ސަރުކާރުން ސްވިމިންގް އެސޯސިއޭޝަނަށް ވަނީ ބިން ހަވާލުކޮށްފަ އެވެ.

ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް އަލީ "ސަން" އަށް ވިދާޅުވީ، ސަރުކާރުން އެ އެސޯސިއޭޝަނާ ބިން ހަވާލުކުރީ އެ އެސޯސިއޭޝަނުން އަމިއްލައަށް އެކަން ކުރާނެ ގޮތެއް ހަމަޖައްސައިގެން އެކަން ކުރުމަށް ކަމަށެވެ. އަދި އެގޮތުން ޒަމާނީ ފެންވަރެއްގެ ޕޫލަކާއި އެހެނިހެން ފެސިލިޓީތައް ގާއިމު ކުރުމަށް ބޭނުންވާ ފަންޑް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަޅާ ޕޫލް ގާއިމު ކުރުމަށް ލަފާކޮށްފައިވާ 50 މިލިއަނަށް ވުރެން ގިނަ ރުފިޔާ މިހާރު ވަނީ އަމިއްލަ އެކި ފަރާތްތަކުގެ އެހީއާ އެކު ހަމަޖެހިފައި. މިވަރުގެ ބޮޑު ޙަރަދެއް މިކަމަށް ހޭދަވާނެ ކަމަށް އަޅުގަނޑުމެން އަންދާޒާ މިކުރަނީ 50 މީޓަރުގެ ސްވިމިންގް ޕޫލަކާއި، ވާމް އަޕް ޕޫލެއްގެ އިތުރުން ގިނަ ފެސިލިޓީތަކެއް ވެސް ގާއިމު ކުރާ ގޮތަށް. އޭގެ ތެރޭގައި ކުޅިބަލާނެ ޕްލެޓްފޯމަކާއި، ޖިމެއް ވެސް ހިމެނޭ." އިސްމާއީލް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްވިމިންގް ޕޫލުގެ އިމާރާތް އެޅިގެންދާނީ ދެ ފަންގިފިލާއަކަށް ކަމަށެވެ. އެގޮތުން ދެ ވަނަ ފަންގިފިލާގައި ހުންނާނީ މުބާރާތް ބާއްވާ އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް ކަމަށާއި އެއީ 12،000 މީހުންގެ ތަނަވަސް ޖާގަ އާ އެކު ހެދިގެންދާނެ ޕޫލަކަށްވާ އިރު، އެންމެ ތިރީގައި އޮންނާނީ ވާމް-އަޕް އަދި ވާމް-ޑައުން ކުރާނެ އިތުރު 50 މީޓަރުގެ ޕޫލެއްގެ އިތުރުން ޖިމްގެ ވަސީލަތާއި ވެހިކަލް ޕާކިންނެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މިކަމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާ ކަމެއް، ހާއްސަކޮށް ރިޔާސީ ވައުދުފުޅެއް ވެސްމެ، އެހެން ކަމުން ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] އާއި ޔޫތު މިނިސްޓަރު މަހްލޫފް މިކަމުގައި ވަރަށް ހާއްސަކަމެއް ދީގެން ވަރަށް ގާތުން އަންނަނީ ކަންކަން ބައްލަވަމުން،"

ރާއްޖޭގައި ސްވިމިންގް އެސޯސިއޭޝަން އުފެދުނުތާ 46 އަހަރު ވެފައިވާ އިރު، މީގެ ކުރިން އެންމެ ބޮޑު ދަތިކަމަކަށް އެ އެސޯސިއޭޝަނުން ފާހަގަ ކުރަމުން އައި ކަމަކީ ކުޅުންތެރިން ތަމްރީން ކުރުމަށާއި މުބާރާތަައް ތައްޔާރުވާނެ ރަނގަޅު ޕޫލެއް ނެތް ކަމުގެ ޝަކުވާ އެވެ. އެއާ އެކު ކުރީ ސަރުކާރުން ހުޅުމާލޭގައި ސްވިމިންގް ކޮމްޕްލެކްސްއެއް ގާއިމުކޮށް އެކަމަށް ހައްލެއް ހޯދައިދޭން ކުރި މަސައްކަތް ނާކާމިޔާބުވީ އެ ޕޫލުގައި މުބާރާތް ބޭއްވޭ ވަރަށް ލޭން ނެތުމާއި، ވާމް އަޕް ޕޫލެއް ނެތުމެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ޕޫލުގެ މަސައްކަތް ފެށިގެންދާނެ. އުންމީދަކީ ލަސްވެގެން 18 މަސް ދުވަހުގެ ތެރޭގައި ކޮމްޕްލެކްސްގެ ޕޫލް ބޭނުންކުރަން ފެށުން."

comment ކޮމެންޓް