ދަނޑުގައި ހުޅުޖަހައިގެން އާ ޓާފް ދަނޑެއް ސަރުކާރުން ނުދޭނެ: މަހްލޫފް

ޔޫތް މިނިސްޓަރު މަހުލޫފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގއ. ވިލިނގިލީ ޔޫތު ސެންޓަރު ފުޓްސަލް ދަޑުގެ މެޓުތަކުގައި އަލިފާން ރޯކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، ހުޅު ޖަހައިގެން އެ ދަނޑުގައި ޓާފު އަޅައި ނުދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިލިނގިލީ ފުޓްސަލް ދަނޑުގައި ބަޔަކު ރޯކޮށްލީ އެ ދަނޑުގައި އަޅާފައި އޮތް މެޓުގެ ބަދަލުގައި ޓާފް އަޅައި ނުދީގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، ކަމަކާ ހިތްހަމަ ނުޖެހިގެން ދަނޑުގައި ރޯކޮށްލުމަކީ އެކަމަށް އޮތް ހައްލެއް ނޫން ކަމަށެވެ. އެހެން ކަންތައް ކުރި ނަމަވެސް ސަރުކާރުން އެކަމުގެ ޕްރެޝަރެއް ނުނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތަށް ކަންތައް ކޮށްގެން އިތުރު ޓާފެއް ސަރުކާރުން އަޅައި ނުދޭނެ. މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި ދަނޑުތައް ގަސްތުގައި ހަލާކުރުމުން ސަރުކާރުން އާ ދަނޑެއް އަޅައިދީފައި ނުވާނެ،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިކަމަކީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކުރި ނަމަވެސް ވަރަށް ޒިންމާދާރުކަން ކުޑަ އަދި ނާތަހުޒީބު އަމަލެއްގެ ގޮތުގައި މިިނިސްޓަރު ސިފަކުރެއްވި އެވެ. އަދި ދަނޑުގައި ހުޅު ޖަހައިގެން އާ ޓާފެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯސް ވިސްނުމެއް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް އެދަނީ ކުރިއަށް. އެ ދަނޑުގެ ސަބްބޭސް ހަދަން ހަވާލު ކުރި ފަރާތުން ކޮށްފައިވާ މަސައްކަތް އެންމެ ރަނގަޅު ނޫން ކަމަށް ފެންނާތީ އަލުން އެކަން ރަނގަޅުކުރަން ދިޔަ ވަގުތާ ހެދި އެކަން ލަސްވެގެން މިދިޔައީ،" ވިލިނގިލީގައި އަޅަމުންދާ ބޮޑު ފުޓުބޯޅަ ދަނޑާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަހްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މި ދަނޑުގައި ރޯކޮށްފައި ވަނީ އެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ގެ ހިތްހަމަ ނުޖެހުން ޔޫތު މިނިސްޓްރީއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިފަހުން ފުއާދުގެ ފޭސްބުކް އެކައުންޓްގައި އޭނާ ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރު ނިމުމުގެ ކުރިން ޓާފަށް ބަދަލު ކުރަން މިނިސްޓަރު މަހުލޫފް ވައުދުވެ ވަޑައިގަތް ކަމަށާއި އަދި އެ މަސައްކަތް ކުރުމަށް އެގްރީމެންޓްގައި ވެސް ސޮއި ކުރިކަމަށެވެ.

ފުއާދުގެ ޕޯސްޓް --

ނަމަވެސް މިނިސްޓަރު ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

"ފުޓްސަލް ދަނޑުގެ ޓާފް ބަދަލު ނުކުރާނެކަން ކައުންސިލަށް އޮންނާނީ އަންގާފައި. އެއީ ބޮޑު ފުޓުބޯޅަ ދަނޑެއް އަންނާތީ އެ ފުޓްސަލް ދަނޑު އެހެން ރަށަކަށް ދިނުމުގެ މަގުސަދުގައި. އެ ފެންވަރުގެ ފުޓްސަލް ދަނޑު ވެސް ނެތް އެތައް ރަށެއް އެބަހުރި،" މަހްލޫފް ވިދާޅުވި އެވެ.

ވިލިނގިލިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ފުޓްސަލް ދަނޑުގައި އަޅާފައިވާ މެޓުތަކުގެ 80 ޕަސެންޓް އަނދާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓުކުރީ މަގުމަތިން ހިނގާފައި ދަނިކޮށް މަންޒަރު ދުށް މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުޅިއަކުން ޕެޓްރޯލް ކަހަލަ އެއްޗެއް އަޅާފައި ރޯކޮށްފައި ހުރީ. އެއް ދިމާލަކުންނެއް ނޫން، އެކި ދިމަދިމާލުން ރޯކޮށްލާފައި ހުރީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

comment ކޮމެންޓް