ދައުރުން ބޭރުން މަޖިިލިސް ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރަކު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަނީ ޖެނުއަރީ 15 ވަނަ ދުވަހު ކަމަށެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމެޓީގެ އިލެކްޝަން ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކުރުުމުން އިންތިހާބު ބޭއްވިފައެއް ނުވެއެވެ.

އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. ނަމަވެސް ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިނަކަށް އިތުރުކޮށްފަ އެވެ.

އިންތިހާބު ބޭއްވުމަށް ގާނޫނަށް ބަދަލު ގެންނަންޖެހޭއިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އޭޕްރީލް ތިންވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތާރީހަށް އިންތިހާބު ބޭއްވޭނީ ގާނޫނަށް ހުށަހަޅާ އިސްލާހުތައް މި ޖެނުއަރީ މަސް ނިމުމުގެ ކުރިން ފާސް ކުރެވިގެން ކަމަށެވެ.

ހާއްސަ ގާނޫނުގައި ބުނާ ގޮތުން، އެއް އަހަރު ތެރޭ އިންތިހާބު ބޭއްވުމަށް އެ ގާނޫނުން ލާޒިމްކުރި ނަމަވެސް އިންތިހާބު ބޭއްވުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ނުވާނެ ކަމެއް ކަމަށް އެޗްޕީއޭއިން އިއުލާން ވެސް ކުރަން ޖެހެ އެވެ.

ޝަރީފު ވިދާޅުވީ، ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި އެކަން ކަމަށް ހައްލެއް ގެނައުމަށް ކޮމިޝަނުން ބޭނުންވާ ކަމަށެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވޭނެ ދުވަހެއް ނޭނގޭއިރު، އެ ހާލަތު ދެމި އޮތް ނަމަވެސް އިންތިހާބު ބޭއްވުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ކޮމިޝަނުން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ

"މައިގަނޑު ގޮތެއްގައި ގާނޫނަށް ގެންނާނެ އިސްލާހަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްކަމުގައިވިޔަސް ކަމާ ބެހޭ މުއައްސަސާއާ މަޝަވަރާކޮށްގެން އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅޭނެ ގާނޫނީ އޮނިގަނޑެއް ތައްޔާރު ކުރާނީ،" ޝަރީފް ވިދާޅުވި އެވެ.

ގާނޫނު އޮތް ގޮތުން މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. ޝަރީފު ވިދާޅުވީ، އެގޮތަށް ހުރި ތާރީހުތައްވެސް ބަދަލު ކުރުމަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.

ގާނޫނު އިސްލާހު ގެނެސްގެން ވިޔަސް، ވީހާވެސް އަވަހަށް ކައުންސިލް އިންތިހާބު ބޭއްވުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަވާއިދުވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީޖުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް ސަބަބު ބަޔާންކޮށް، ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. އެގޮތުން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މަދުވެގެން 29 މެމްބަރުން އެ ޖަލްސާ ބާއްވަން އެދެން ޖެހޭނެ އެވެ.

comment ކޮމެންޓް