ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަނީ

އީސީގެ އިންތިހާބެއްގެ ވޯޓު ގުނުމުގެ ތެރެއިން --- ސަން ފޮޓޯ/ ފައިލް އަހުމަދު އަވްޝަން އިލިޔާސް

ރޯދަ މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރީ މާޗު ހައެއްގައެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްލަކުގެ ހާލަތު އެއް މަސް ދުވަހަށް އިތުރު ކުރުމުން އެ އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ ކޮވިޑް19ގެ ބަލިމަޑުކަމާއެކު މަޖިލީހުން ފާސް ކުރި ހާއްސަ ގާނޫނަކުންނެވެ. އެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އިންތިހާބު ނުބޭއްވޭނެ އެވެ. އަދި އެޗްޕީއޭ އިން އިންތިހާބު ބެއްވޭނެ މާހައުލެއް އޮތް ކަމަށް ކަނޑައަޅަން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު "ސަން"އަށް ވިދާޅުވީ، އެ ގާނޫނު އިސްލާހު ކުރުމަށް މަޖިލިހަށް ޑްރާފްޓެއް ހުށަހެޅުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އަދި ކޮމިޝަންގެ މިހާރުގެ އަމާޒަކީ ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯދަ މަސް ތެރެއަށް އިންތިހާބު ފޯލްވާނަމަ، އެއީ ވަރަށް ބޮޑު އުދަނގުލަކަށްވާނެ. އެހެންވެ މިހާރު އިލެކްޝަންސް އިން މަސައްކަތް މި ކުރަނީ ރޯދަ މަސްގެ ކުރިން އިންތިހާބު ބޭއްވުމަށް،" ޝަރީފް ވިދާޅުވި އެވެ.

ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރިލް 13 އެވެ. ހާއްސަ ގާނޫނު ބުނާގޮތުން މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ.

ޝަރީފު ވިދާޅުވީ، އެ މުއްދަތުގައި އިންތިހާބު ބޭއްވުމަކީ ދަތިކަމަކަށްވާނެތީ، ސިޔާސީ ޕާޓީތަކުންވެސް ރޯދަ މަހު އިންތިހާބު ބޭއްވުމަށް ބޭނުން ނުވާ ކަމަށެވެ. އޭގެ އިތުރުން އޮފިޝަލުންނަށްވެސް އެެއީ ވަރަށް ބޮޑު އުދަނގުލަކަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ރޯދަ މަސްތެރޭ އިންތިހާބު ނުބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯދަ މަހު އިންތިހާބު ނުބޭއްވޭނަމަ، ދެން އިންތިހާބު ބޭއްވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ރޯދަ މަހުގެ ފަހުން،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބު ދެން ބޭއްވެން އޮތީވެސް، ގާނޫނު އިސްލާހުކޮށްގެންނެވެ. ޝަރީފު ވިދާޅުވި ގޮތުގައި، ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާނީ، އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅުމުގައި ސީދާ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.

"މައިގަނޑު ގޮތެއްގައި ގާނޫނަށް ގެންނާނެ އިސްލާހަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްކަމުގައިވިޔަސް ކަމާ ބެހޭ މުއައްސަސާއާ މަޝަވަރާކޮށްގެން އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅޭނެ ގާނޫނީ އޮނިގަނޑެއް ތައްޔާރު ކުރާނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، އިންތިހާބާ ގުޅޭ ގޮތުން މާދަމާ ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ނިންމުންތައް ނިންމަވާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ޑްރާފްޓާ ގުޅޭގޮތުންވެސް ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އިސްލާހު ކުރެވޭނީ މަޖިލިސް ފެބްރުއަރީ މަހު ހުޅުވުމުން ނުވަތަ ޗުއްޓީ މުއްދަތުގައި ދައުރުގެ ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.

މަޖިލީހުގެ ގަވާއިދުވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީޖުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް ސަބަބު ބަޔާންކޮށް، ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. އެގޮތުން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މަދުވެގެން 29 މެމްބަރުން އެ ޖަލްސާ ބާއްވަން އެދެން ޖެހޭނެ އެވެ.

ގާނޫނު އިސްލާހުކޮށްގެން ވީހާ ވެސް އަވަހަކަށް އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފަ އެވެ.

https://sun.mv/147545

comment ކޮމެންޓް