ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވާއި، އިންތިހާބު އަވަސް ކުރަން ޝިޔާމް ގޮވާލައިފި

ޝިޔާމް(ކ): ދައުރުގެ ބޭރުން ޖަލްސާ ބާއްވައި، އިންތިހާބު އަވަސް ކުރުމަށް އޭނާ ގޮވާލެއްވި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދައުރުގެ ބޭރުން ވީހާވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ގޮވާލައިފި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ މަޖިލީހުން ފާސް ކުރި ގާނޫނަކުންނެވެ. އެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އިންތިހާބު ނުބޭއްވޭނެ އެވެ. އަދި އެޗްޕީއޭ އިން އިންތިހާބު ބެއްވޭނެ މާހައުލެއް އޮތް ކަމަށް ކަނޑައަޅަން ޖެހެ އެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު "ސަން"އަށް ވިދާޅުވީ، އެގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ އިލެކްޝަންސް ކޮމިޝަނަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ބާރުތައް ހަނިކުރުން ކަމުގައި ދެކޭ ކަމަށެވެ. އެގޮތުން އޭނާ އެދެނީ ވީހާ ވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ގާނޫނު އިސްލާހުކޮށް، އިންތިހާބު ބޭއްވުމަށް އޮތް ހުރަސް ނައްތާލުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގު މި ނިގުޅައިގެނެވެނީ، އިންތިހާބު ނުބޭއްވި ލަސްވުމަކީ އެ ހައްގު ނިގުޅައިގަތުން. އެ ހައްގު ނިގުޅައިގަތުމަށް ގާނޫނުތަކުން ފުރުސަތު ހުރެއްޖެ ނަމަ، އަޅުގަނޑުމެން [މަޖިލީހުން] އެބަޖެހޭ މިހާރު ވަގުތު ކުޑަވަމުންދާތީ ގާނޫނު އިސްލާހުކުރަން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވައި ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު މަޖިލީހުން ކަަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވުމަށް ރަސްމީކޮށް އެދުމަށް އިދިކޮޅު ޕާލިމަންޓްރީ ގްރޫޕުގައި މަޝަވަރާކޮށް އެކަމަށް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެޗްޕީއޭގެ ނިންމުންތަކަކީ ވަރަށް ސިޔާސީ ނިންމުންތަކެއް ކަމަށެވެ. އެ ނިންމުންތަކުގެ ސަބަބުން އިދިކޮޅަށް ހަމަހަމަކަމާ އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށް ޝިޔާމް ފާހަގަ ކުރެއްވި އެވެ.

"ސަރުކާރު ނިސްބަތްވާ ޕާޓީގެ މެމްބަރުންނަށް އެކަނި ރަށްތަކަށް ދަތުރުކުރުމުގެ ހުއްދަ މި ލިބެނީ. އަޅުގަނޑުމެން އެތައް ފަހަރަކު އެދިގެން ވެސް އެޗްޕީއޭ އިން އެ ހުއްދަ ނުދޭ،" ޝިޔާމް ވިދާޅުވި އެވެ.

އެޗްޕީއޭ މެދުވެރިކޮށް ސަރުކާރުން އިންތިހާބު ނުބާއްވާ ލަސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެ އެވެ. އެގޮތަށް މަސައްކަތް ކުރަނީ ސަރުކާރަށް އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ނެތުމުން ކަމަށް ޝިޔާ ވިދާޅުވި އެވެ.

"އިންތިހާބުން ނުބާއްވަން އުޅޭނީ ބަލިވާނެތީ. އެއީ އިންތިހާބު ބަލިއްވެއްޖެ ނަމަ ސަރުކާރަށް އެނގޭ ސިޔާސީ ގޮތުން އެތެރެއިންނާއި ބޭރުން ޕްރެޝަރު އަންނާނެކަން. އަދި ރައީސް ޔާމީން ހައްޔަރުކޮށްގެން ގެންގުޅޭތީ އެކަމަށް ވެސް ޕްރެޝަރު އަންނަނާނެކަން،" ޝިޔާމް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހު ތިނަކަށް އިތުރުކޮށްފަ އެވެ. އެއާ އެކު ކުރިން މާޗު ހަ ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރި އިންތިހާބު އެ ތާރީހުގައި ދެން ނުބެއްވޭނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. މިހާރު އިންތިހާބު ބޭއްވެން އޮތީ ވެސް ގާނޫނު އިސްލާހުކޮށްގެންނެވެ.

ގާނޫނު އިސްލާހު ކުުރުމަށް ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ. ކޮމިޝަނުން މައިގަނޑު ގޮތެއްގައި އިސްލާހު ކުރުމަށް ހުށަހަޅާނީ، އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅުމުގައި ސީދާ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.

ގާނޫނު އިސްލާހު ކުރެވޭނީ މަޖިލިސް ފެބްރުއަރީ މަހު ހުޅުވުމުން ނުވަތަ ޗުއްޓީ މުއްދަތުގައި ދައުރުގެ ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.

މަޖިލީހުގެ ގަވާއިދުވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީޖުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް ސަބަބު ބަޔާންކޮށް، ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. އެގޮތުން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މަދުވެގެން 29 މެމްބަރުން އެ ޖަލްސާ ބާއްވަން އެދެން ޖެހޭނެ އެވެ.

ގާނޫނު އިސްލާހުކޮށްގެން ވީހާ ވެސް އަވަހަކަށް އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފަ އެވެ.

https://sun.mv/147545

comment ކޮމެންޓް