އިންތިހާބު އަވަސް ކުރަން ގާނޫނަށް އިސްލާހުތަކެއް އީސީން މަޖިލީހަށް ހުށަހަޅަނީ

މަޖިލީހުގެ ކޮމެޓީއެއްގައި އިލެކްޝަންސްގެ މެންބަރުން -- ފައިލް ފޮޓޯ/ އިލެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް، ގާނޫނަށް ގެންނަ ބޭނުންވާ އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން މަޖިލީހާ ހިއްސާކުރުމަށް ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ބާއްވަން ތާވަލް ކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. ނަމަވެސް ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިނަކަށް އިތުރުކޮށްފަ އެވެ.

މީގެ ކުރިން އީސީއިން ހާމަކޮށްފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނުގެންނަ ނަމަ، މާޗު މަހު އިންތިހާބު ބޭއްވުމަށް އީސީއިން މަސައްކަތް ކުރި ނަމަވެސް އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ އެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފު މިއަދު "ސަން"އަށް ވިދާޅުވީ، އެ ގާނޫނަށް އިސްލާހު ނުގެނެސް އަވަހަށް ކައުންސިލް އިންތިހާބު ބޭއްވެން ނެތް ކަމަށެވެ. ޝަރީފް ވިދާޅުވީ އެ ބަދަލުތައް ގާނޫނަށް ގެނައުމަށް ކޮމިޝަންގެ ފަރާތުން މިހާރު ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ހާއްސަ ގާނޫނުގައި ބުނާ ގޮތުން، އެއް އަހަރު ތެރޭ އިންތިހާބު ބޭއްވުމަށް އެ ގާނޫނުން ލާޒިމްކުރި ނަމަވެސް އިންތިހާބު ބޭއްވުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ނުވާނެ ކަމެއް ކަމަށް އެޗްޕީއޭއިން އިއުލާން ވެސް ކުރަން ޖެހެ އެވެ.

ޝަރީފު ވިދާޅުވީ، ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި އެކަން ކަމަށް ހައްލެއް ގެނައުމަށް ކޮމިޝަނުން ބޭނުންވާ ކަމަށެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވޭނެ ދުވަހެއް ނޭނގޭއިރު، އެ ހާލަތު ދެމި އޮތް ނަމަވެސް އިންތިހާބު ބޭއްވުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ކޮމިޝަނުން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ

"މައިގަނޑު ގޮތެއްގައި ގާނޫނަށް ގެންނާނެ އިސްލާހަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްކަމުގައިވިޔަސް ކަމާ ބެހޭ މުއައްސަސާއާ މަޝަވަރާކޮށްގެން އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅޭނެ ގާނޫނީ އޮނިގަނޑެއް ތައްޔާރު ކުރާނީ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނު އޮތް ގޮތުން މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. ޝަރީފު ވިދާޅުވީ، އެގޮތަށް ހުރި ތާރީހުތައްވެސް ބަދަލު ކުރުމަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.

ގާނޫނު އިސްލާހު ގެނެސްގެން ވިޔަސް، ވީހާވެސް އަވަހަށް ކައުންސިލް އިންތިހާބު ބޭއްވުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފަ އެވެ.

ޝަރީފު ވިދާޅުވީ، ރޭ ރައީސް ނަޝީދު އޭނާއަށް ގުޅުއްވައި އިންތިހާބު ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށެވެ. އަދި އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް ކޮމިޝަނުން ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯވެސް ސާފު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ދަންނަވާފައިވާނެ، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައާޅާނެ ގާނޫނީ ބާރު ކޮމިޝަނަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ބޭނުންވާ ވާހަކަ. އެ ޑްރާފް މަޖިލީހަށް ހުށަހެޅުމަށް [ރައީސް ނަޝިދު] ވަނީ ދަންނަވާފައި،" ޝަރީފު ވިދާޅުވިއެވެ.

އެ އިސްލާހުތައް މިއަދުގެ ވަގުތެއްގައި މަޖިލީހާ ހިއްސާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، އިންތިހާބާ ގުޅޭ ގޮތުން މާދަމާ ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ނިންމުންތައް ނިންމަވާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ޑްރާފްޓާ ގުޅޭގޮތުންވެސް ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބު ދެން ބޭއްވެން އޮތީ ގާނޫނު އިސްލާހުކޮށްގެން ކަމަށްވާއިރު، މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ.

ގާނޫނު އިސްލާހު ކުރެވޭނީ މަޖިލިސް ފެބްރުއަރީ މަހު ހުޅުވުމުން ނުވަތަ ޗުއްޓީ މުއްދަތުގައި ދައުރުގެ ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.

މަޖިލީހުގެ ގަވާއިދުވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީޖުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް ސަބަބު ބަޔާންކޮށް، ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. އެގޮތުން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މަދުވެގެން 29 މެމްބަރުން އެ ޖަލްސާ ބާއްވަން އެދެން ޖެހޭނެ އެވެ.

comment ކޮމެންޓް