ސީއެމްބިއުލާންސް އެކްސިޑެންޓުގައި އަނިޔާވި މީހަކު އައިސީޔޫގައި

ރޭ ކަނޑުމަތީގައި އެކްސިޑެންޓުވި ލޯންޗަށް ގެއްލުންވެފައި --

ރޭ ކަނޑުމަތީގައި ސީ އެމްބިއުލާންސަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ރޭ ދަންވަރު އިތާފުށި ކައިރި ކަނޑުމަތިން އެކްސިޑެންޓުވީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލަންސް ލޯންޗަކާއި މާލެއިން ފުރައިގެން ދަތުރުކުރި "ޑްރީމް" ނަމަކަށް ކިޔާ ލޯންޗެކެވެ. އެއީ މާލެއާ ފ. ފީއައްޔާ ދެމެދު ދަތުރު ކުރާ ލޯންޗެކެވެ. ރޭގެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ 1:00 އެހާކަންހާއިރެވެ.

އެ ހާދިސާގައި ސީ އެމްބިއުލާންސުގައި ތިބި ދެ މީހުންނާއި ލޯންޗުގައި ހުރި މީހަކަށް އަނިޔާވި އެވެ. އެ ތިން މީހުންނަށްވެސް ފަރުވާ ދެނީ އައިޖީއެމްއެޗްގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، އަނިޔާވި ތިން މީހުންގެ ތެރެއިން 43 އަހަރުގެ ފިރިހެނަކަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

ދެން އަނިޔާވި ދެ މީހުންނަށް އިމަޖެންސީ ރޫމްގައި ފަރުވާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.

އެކްސިޑެންޓުވި ސީއެމްބިއުލާންސް އެކްސިޑެންޓުވީ ބަލި މީހަކު ގޮވައިގެން މާލެއަށް ދަތުރުކުރަނިކޮށެވެ. އެކްސިޑެންޓުގައި އެ ބަލި މީހާއަށް އަނިޔާއެއް ނުވެ އެވެ. އެ ސީއެމްބިއުލާންސްގައި އަށް މީހަކު ދަތުރު ކުރި އެވެ. ލޯންޗުގައި ދަތުރު ކުރީ ދެ މީހުންނެވެ.

comment ކޮމެންޓް