ސިފައިން މިއަދު ފެންނަނީ ޕްރޮފެޝަނަލް ފޯސް އެއްގެ ގޮތުގައި: މިނިސްޓަރު

ނޮވެމްބަރު 3، 2020: ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނުވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިން މިއަދު ފެނިގެންދަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ޕްރޮފެޝަނަލް ފޯސް އެއްގެ ގޮތުގައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އައްޑަނަ މަޖައްލާގެ ހަފްތާ އަދަދެއްގައި މިނިސްޓަރު މާރިޔާ ލިޔުއްވާފައިވާ ލިއުއްވުމެއްގައި ވިދާޅުވީ ފާއިތުވެގެން މިދިޔަ އަހަރަކީ ސިފައިންގެ އިޖްތިމާއީ ހިދުމަތް ފުޅާ ދާއިރާއެއްގައި ހިންގި، ރައްޔިތުންގެ އިތުބާރާއި ލޯބި ސިފައިންނަށް އިތުރުވެގެން ދިޔަ އަހަރެއް ކަމަށެވެ.

އެގޮތުން ސިފައިންގެ ގާނޫނީ އޮނިގަނޑަށް ޒަމާނާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެނައުމާއި ޒަމާނީ އާލާތްތަކަށް އަހުލުވެރި ލަޝްކަރެއްގެ ގޮތުގައި ދެމިތިބުމަށް ސިފައިންނަށް އުގަންނައި ދިނުމުގެ ސިލްސިލާ ތަމްރީންތަކާއި ކޯސްތައް މިދިޔަ އަހަރުން ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި، ސިފައިންގެ ކޮންމެ ފަސް މީހެއްގެ ތެރެއިން ތިން މީހަކު ކޮންމެވެސް ދާއިރާއަކުން ތަމްރީނުކޮށްފައިވާ ކަމަށެވެ.

"މިއަދު މި ފެންނަނީ ސިފައިންނަކީ ޕްރޮފެޝަނަލް ފޯސް އެއްގެ ގޮތުގަ އެވެ. ސިޔާސީ ނުފޫޒުން ދުރުގައި ތިބި ބައެއް ކަމުގައި ތިޔަބޭފުޅުން ތިކޮށްދެއްވާ ހިދުމަތްތައް ހެޔޮ ހިތުން ބަލައިގަންނަމެވެ." މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، މިދިޔަ އަހަރު ނިންމާލަން ޖެހުނު ނަމަވެސް،2021 ވަނަ އަހަރާ ކުރިމަތި ލާފައި ވަނީ އާ އަޒުމަކާއި އުންމީދާ އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް