މުޅި ރާއްޖެއަށް ވިއްސާރަ، މޫސުމަށް ސަމާލުވާން އަންގައިފި

ވިއްސާރަވެ ކަނޑުގަދަވުން: ވިއްސާރަވެ، ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ބޯކޮށް ވާރޭވެހި ގުގުރާނޭކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގައިފަ އެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.

އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނު ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ، ކަމަށާއި އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވުން އެކަށީގެންވެ އެވެ.

އެމްއެންޑީއެފް އިން ވެސް ވަނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް