ދިރިއުޅުން ރަހުނުކޮށްފައި، ދިވެހީންނަށް ދަންތުރައެއް!

މާލޭގެ އިމާރާތެއްގައި މީހަކު މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަހު މުސާރަ ޖަމާވުމާ އެކު ބޭންކުން ނަގާފައިވާ ލުއި ލޯނަށް ފައިސާ ކަނޑާލަ އެވެ. ކުރިޑިޓަށް ނަގާފައިވާ ފަހުގެ ފޯނާއި ލެޕްޓޮފަށް އަދި ސައިކަލަށް ފައިސާ ދައްކާފައި ކުއްޔަށް އުނިކޮށްލީމާ މުސާރައިން ފަހަށް ރައްކާ ކުރާނެ އެއްޗެއް ގިނަ ދިވެހިންގެ ނޯވެ އެވެ.

ޖަމާވާ ކުޑަ މުސާރަކޮޅުން ހިތްހަމަ ޖެހުމެއް ލިބެނީ ހިނދުކޮޅަކަށެވެ. ހިންދިރުވާލާފައި އެ ހުރިހާ ދަރަންޏަކަށް ފައިސާ ދައްކާ ނިމޭއިރު ބޭންކު އެކައުންޓުގައި އެއްޗެއް ނޯވެ އެވެ. މިއީ މިއަދު ދިވެހިންގެ ހާލަތެވެ. ދިވެހިން އުޅެން ޖެހިފައިވާ "މޯގޭޖު ދިރިއުޅުމުގެ" ވާހަކަ އެވެ.

މިއަދު ދިވެހިން ހާއްސަކޮށް ޒުވާނުން އުޅެން ޖެހިފައިވާ މޯގޭޖު ނުވަތަ ދަރަނިވެރި ދިރިއުޅުމަކީ އެމީހުންގެ މައްޗަށް މަޖުބޫރުކޮށްފައިވާ ދިރިއުޅުމެކޭވެސް ބުނެވިދާނެ އެވެ. ކުރީގެ ޖީލުތަކާއި ސަރުކާރުތަކުން ދުރާލާ ނުވިސްނައި ކުރި ކަންކަމުގެ އަދަބު ލިބެމުންދަނީ މިހާރު މިއޮތް ޒުވާން އާބާދީއަށެވެ.

މަޖުބޫރު ހިޖުރައަކުން ބަނދެވިފައި

މާލޭގެ ކުލި އިންތިހާއަށް ބޮޑު ނަމަވެސް ރަށްރަށުގައި އަސާސީ ހިދުމަތް ލިބޭނެ ގޮތެއް ނެތުމުން މާލެއަށް ހިޖުރަކުރި މީހުންގެ އާބާދީ، އަސްލު މާލެ މީހުންނަށްވުރެ ގިނަ އެވެ. އެހެން ނަމަވެސް މިކަން ކުރިން އޮތީ މިގޮތަކަށް ނޫނެވެ.

ހިޖުރަ ކުރުމުގައި މިހާރު މިއޮންނަ ލުއި ގޮތްތައް ފަހިވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

އޭގެ ކުރިން މާލޭގައި ހުރެވެނީ އެ ރަށެއްގެ ރަށު އޮފީހުން "ކުޑަ ސިޓީ" ހިފައިގެން އައިސް މާލެ މުނިސިޕަލްޓީއިން ހުއްދަ ދޫކުރުމުންނެވެ. ނަމަވެސް 1990ގެ ކުރީކޮޅުގައި ދިން ލުޔާއެކު ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އަމިއްލަ ވަޒަނުން ލިބެން ނެތް ތައުލީމާއި ބޭސްފަރުވާ ފަދަ އަސާސީ ހިދުމަތްތައް ހޯދަން ރަށްރަށުގައި ތިބި މީހުން އަރައި ފުރައިގެން މާލެއަށް ޖަމާވާން ފެށީ އެހިސާބުންނެވެ.

ޖެނުއަރީ 6، 2021: މާލޭ ނޯތު ހާބަރު-- ސަން ފޮޓޯ

އެހެން ނަމަވެސް ހިޖުރަ ކުރި ބޭނުން ފުރިހަމަ ކުރެވުނުއިރު ކަމަކުދާކަށް ނެތެވެ. މިއޮތީ އަމިއްލަ ވަޒަނުން ބޭރުގައި ދިރިއުޅުމެއް ފެށިފަ އެވެ. "މޯގޭޖު" ދިރިއުޅުމަށް މުޅި ހަޔާތް ވަނީ ފެތިފަ އެވެ. އެހާ ގިނަ ދުވަހު އެހެން ތަނެއްގައި ދިރިއުޅުމުން، އަމިއްލަ ވަޒަނުގައި ހުރި ގެވެސް ހުރީ ވީރާނާވެ، އިންސާނަކަށް ދިރިނޫޅެވޭ ހާލަތަކަށް ވެއްޓިފަ އެވެ. ގެ އަލުން މަރާމާތު ކުރަން ބޭނުންވާ ވަރަށް ފައިސާއެއް ނެތެވެ. ސަލާންޖަހާ ނާށިގަނޑު ހިފައިގެން އަނެއްކާ ދާން ޖެހެނީ ކޮންމެވެސް ބޭންކަކާ ދިމާއަށެވެ.

ހައްލު ކުރަން "ބޭނުން ނުވާ" ކުލީގެ މައްސަލަ!

މޯގޭޖު ދިރިއުޅުމުގައި ދިވެހިން ކުރާ ހަރަދުތަކަށް ވަކިވަކިން ބަލާލާއިރު، އެންމެ ބޮޑު އަދަދެއް ޖީބުން ހަރަދުވަނީ ކުލި ދެއްކުމަށެވެ. މި މައްސަލަ އެންމެ ބޮޑީވެސް ވެރިކަންކުރާ މާލޭގަ އެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ހައުސްހޯލްޑް އިންކަން އެންޑް އެކްސްޕެންޑިޗާ ސާވޭ (ހައިސް) 2019ގެ ނަތީޖާ ދައްކާ ގޮތުގައި ރާއްޖޭގެ ޖުމުލަ އާބާދީގެ 47.4 ޕަސެންޓު މީހުން ދިރިއުޅެނީ މާލޭގަ އެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަކީ ކުއްޔަށް އުޅޭ މީހުންނެވެ.

ކުލީގެ މައްސަލައަކީ ކޮންމެ ސަރުކާރަކުންވެސް ހައްލުކޮށްދޭނެ ކަމަށް ވައުދުވެ، ކުރަން ފެއިލުވެފައިވާ ކަމެކެވެ. ކޮންމެ ފަހަރަކުވެސް ވަކި ކޮޅަކު ނުޖެހި، ކުލީގެ އަގު ދަށް ނުކުރެވި މައްސަލަ ދިގުލައިގެން ދަނީ އެވެ. މައްސަލަ ހައްލު ނުވެގެން އުޅެނީ، ޒިންމާދާރު މަގާމުތަކުގައި ތިއްބެވީ މި މައްސަލައިގައި އަމިއްލަ މަސްލަހަތު އޮންނަ ބޭފުޅުންނަށް ވުމުންނޭ ވެސް ބުނެވިދާނެ އެވެ.

ކުލި ކޮންޓްރޯލު ކުރަން ބަލާއިރު، މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މަހުޖަނުން ފަދަ ނުފޫޒުގަދަ ފަރާތްތަކުން މާލެއާއި އެ ނޫންވެސް ރަށްރަށުން ގެދޮރާއި ބިމާއި ގަނެފައިހުރި މިންވަރު ނޭނގެ އެވެ. ކުލި ކޮންޓްރޯލު ކޮށްފިނަމަ ގެއްލުންވާނީވެސް އެ ބޭފުޅުންގެ ޖީބުތަކަށެވެ. ކުލި ކޮންޓްރޯލު ކުރާނެ އުސޫލެއްހާ ހިސާބުވެސް ހެދިފައި ނެތީވެސް މި ސަބަބާހުރެއޭ ބުނެވިދާނެ އެވެ.

އޭޕްރީލް 2، 2020: މާލެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ


މާލޭގައި ބިމު ކުލި ބޮޑު ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ކޮންޓްރޯލް ނުކޮށް ދޫކޮށްލާފައި އޮތުމުން ކުލި ބޮޑުވެގެން ގޮސް، އަތް ނުފޯރާ ފަށަށް ވަނީ އަރާފަ އެވެ. ބަލިމަޑުކަމުގެ މި ދަތި ދުވަސްވަރުވެސް މާލޭގެ އެންމެ "ޕްރައިމް" އެއް މަގު ކަމަށްވާ މަޖީދީމަގުން ވިޔަފާރި ބޭނުމަށް ތަންތަން ކުއްޔަށް ދޫކުރާ އަގަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. ޖާގަ ތަނަވަސް ތަނެއް ނަމަ އުޅެނީ ލައްކައަކުން މަތީގަ އެވެ.

ފްލެޓުތަކުގެ އަގަށް ބަލާއިރު، އަމިއްލަ ކުންފުނިތަކުން ޒަމާނީ ފުލެޓުތައް ކިތަންމެ ވަރަކަށް ތަރައްގީ ކުރިޔަސް އެތަންތަން ގަންނާނެ ފެންވަރު ގިނަ އާންމު ރައްޔިތުންގެ ގަޔަކު ނެތެވެ. ހައުސިން، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމްވެސް މީގެ ކުރިން މި މޭރުމުން ވާހަކަ ދައްކަވާފައި އެބަހުއްޓެވެ. މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ޑިމާންޑު ބޮޑުކޮށް އޮތްއިރު، ކުންފުނިތަކުން އެޕާޓްމަންޓު ވިއްކާ އަގު ކޮންމެވެސް ވަރަކަށް ތިރިކޮށްގެން ނޫނީ މިކަން ހައްލުވާނެ ގޮތެއް އޮތްހެން ހީ ނުވެ އެވެ.

ކުއްޔަށް އުޅޭ މީހާގެ ހައްގު ކަށަވަރު ނުވޭ!

މާލޭގެ އާބާދީގެ ބޮޑު ބައެއް ކުއްޔަށް ދިރިއުޅޭއިރު، ކުލި ކޮންޓްރޯލު ނުކުރާ ހާލުގައި ކުއްޔަށް ހިފާ ފަރާތްތަކުގެ ހައްގުތައްވެސް ކަށަވަރު ކުރެވިފައި ނެތެވެ. ނިކަމެތި މީހާއަށް ނިކަމެތި ގޮތެވެ. ތަނެއް ކުއްޔަށް ހިފަނީ އެގްރީމަންޓެއް ހަދައިގެންނެވެ. މިއީ ދެ ފަރާތުގެ މަސްލަހަތުވެސް ހިމެނޭ ލިޔުމެކެވެ. ގާނޫނެއް، ގަވާއިދެއް ނެތުމުން ކުއްޔަށް ހިފާ ފަރާތުގެ ހައްގުގައި އޮންނަ ހަމައެކަނި އެއްޗަކީވެސް އެ އެއްބަސްވުމެވެ. ނަމަވެސް، އެއްބަސްވުން ހަދައި ނިމޭއިރު އެ އެއްބަސްވުންވެސް އޮންނަނީ ކުއްޔަށް ހިފާ ފަރާތާ ދެކޮޅަށެވެ.

އެގްރިމަންޓުތަކުގައި ފެންނަ އެންމެ އާންމު އިބާރާތަކީ، އެޑްވާންސާއި ސެކިއުރިޓީ ޑިޕޮސިޓުގެ ވާހަކަ އެވެ. މިއީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ނަގާ، ދެ ނަމެއް ކިޔާ އެކައްޗެކެވެ. މިކަމަށް ހައްލެއް ނުހޯދުމާ އެއްވަރަށް ދެރައީ، ތަން ދޫކޮށްލާފައި ނުކުންނައިރު އެ ފައިސާކޮޅުން އެންމެ ލާރިއެއްވެސް އަނބުރާ ނުދޭތީ އެވެ.

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ކުރިން އުޅުނު ގެއަށް އަޅުގަނޑު ދިނިން ދެ މަހުގެ އެޑްވާންސާއި އެއް މަހުގެ ސެކިއުރިޓީ ޑިޕޮސިޓާއެކު ޖުމުލަ 45،000 ރުފިޔާ. ތަނުން ނިކުތްއިރު ހަމަ އެ އަދަދަށް ކޯޓޭޝަނެއް ހަދާފައި ދީފައި ބުނެފި، މިވަރު އެބަ އަރައޭ މަރާމާތުތަކަށް. އެޑްވާންސާއި ސެކިއުރިޓީ ޑިޕޮސިޓުން އަނބުރާ ދޭން ޖެހޭ ފައިސާއެއް ނެތޭ." މާލޭގައި ކުއްޔަށް ދިރިއުޅޭ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއީ އަބަދުވެސް ތަކުރާރުވާ މައްސަލައެކެވެ. ދިހަވަރަކަށް އަހަރުގެ މުއްދަތެއްގައި ހަތަރު ގެއެއްގައި ކުއްޔަށް އުޅުނުއިރު އެއްވެސް ތަނަކުން އެޑްވާންސަށް ދިން ފައިސާ މުޅިން އެއްކޮށް އަނބުރާ ނުދެ އެވެ.

ތަނެއް ކުއްޔަށްދޭއިރު، އެޑްވާންސްގެ ގޮތުގައި ގިނަވެގެން ނެގޭނެ އަދަދެއްވެސް ކަނޑައެޅިފައި ނެތެވެ. އަދި އެ ފައިސާ އަނބުރާ ދޭން ޖެހޭ އުސޫލެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ފެންނަން ނެތެވެ. މަރާމާތުކުރަން ކަމަށް ބުނެ ފައިސާ ނުދޭއިރު، މަރާމާތުކުރިތޯ ނުކުރޭތޯވެސް ބެލޭނެ ގޮތެއް ނޯވެ އެވެ.

ފްލެޓަށް ޝަރުތު ހަމަވާ ކަމަކަށް ނުވި!

ހަޔާތުގެ ބޮޑުބައި މާލޭގައި ކުއްޔަށް ހޭދަކުރި މީހަކު "ސަން"އަށް އޭނާގެ ވާހަކަ ކިޔައިދެމުން ބުނީ، ސަރުކާރުން ފްލެޓަށް އިއުލާނުކުރާ ކޮންމެ ފަހަރަކުވެސް ފްލެޓަށް އެދި ހުށަހަޅާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެކަން ކާމިޔާބު ނުވާ ކަމަށް އޭނާ ބުންޏެވެ.

"ރައީސް ނަޝީދުގެ ސަރުކާރުން ފެށިގެން އަޅުގަނޑު ފްލެޓަށް އެދި ހުށަހަޅަން. ޕޮއިންޓްވެސް ލިބޭ ވަރަށް މަތިން. އެންމެ ފަހުން ފަހަރު ލިބުނީ 87 ޕޮއިންޓް. ދިރިއުޅޭ ގެ ބަލަންވެސް އައި. އެފަހަރު 30 ޕޮއިންޓް ލިބުނު މީހަކަށް ފްލެޓެއް ދިން ވާހަކައެއްވެސް އަޑުއެހިން. އެކަމަކު އަޅުގަނޑަށް ފްލެޓެއް ލިބޭ ކަމަކަށް ނުވޭ."

ކޮންމެ ވެރިކަމެއް ބަދަލުވާއިރަށް އަލުން ފްލެޓު ދޫކުރުމުގެ ކަންކަން ފަށާތީ އެކަމާ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކޮންމެ ފަހަރަކު ވެރިކަމެއް ބަދަލުވާއިރަށް މި ޖެހެނީ އަލުންބަލުން ފޯމު ލާން. ފަހަރަކަށްވުރެ ފަހަރެއް، ފޯމުވެސް އޮންނަނީ އުނދަގޫކޮށްފައި. ދެން ލާ ފަހަރަކު އަޅުގަނޑުގެ ނުހުންނާނެ 18 އަހަރަށްވުރެ ހަގު ކުއްޖެއްވެސް. އެހެންވީމަ ޕޮއިންޓް ލިބޭވަރުވެސް މަދުވާނެ ދެން." އޭނާ ބުންޏެވެ.

ޝަރުތު ހަމަވާ އެތައް ބަޔަކު ފްލެޓެއްގެ އިންތިޒާރުގައި ތިބިއިރު، ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ފްލެޓު ދީފައި ހުންނަ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ފްލެޓު ހޯދަން ސްޓަންޓް ޖައްސާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

ވަޒީފާ ދެނީ ދޭނެ ބަޔަކަށް، ތައުލީމު ބޭކާރު؟!

ތައުލީމު ހާސިކުކުރާ ޒުވާނުންގެ އަދަދު އަހަރަކަށް ފަހު އަހަރެއް ދަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް އެ ތައުލީމުގެ ބޭނުން ހިފާނެ ފުރުސަތު ރާއްޖޭގައި ވަރަށްވެސް ހަންޏެވެ. ތައުލީމު ހާސިލުކުރާ ދާއިރާއާ ގުޅޭ ވަޒީފާއެއް ނުލިބޭ މައްސަލަ އެހާ ބޮޑެވެ.

"ވިޔަފާރިވެރިއެއް އަތުން ސްޕޮންސާ ހޯދައިގެން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކިޔަވަން ދިޔައީ. ޑިގްރީ ނިންމާފައި އައިސް އެތައް ވަޒީފާއަކަށް އެޕްލައި ކުރެވިއްޖެ. ކިޔެވި ދާއިރާއިން ވަޒީފާއެއް ނުލިބުނީމަ މިހާރު މިއުޅެނީ ކްލިނިކެއްގައި." ވަޒީފާ ނުލިބޭތީ "ސަން"އާ ކަންބޮޑުވުން ހިއްސާކުރި މީހަކު ބުންޏެވެ.

އޭނާ ބުނީ އޭނާ މިހާރު އެ އަދާކުރަމުންދާ ވަޒީފާއަކީ އޭނާ އަމިއްލައަށް ދަސްކުރި ހުނަރަކުން ލިބުނު ވަޒީފާއެއް ކަމަށާއި ބޮޑު ހޭދައަކާއި އެތައް ވަގުތެއް ވޭތުކޮށްގެން ބީރައްޓެހި ގައުމަކަށް ގޮސް ހޯދި ތައުލީމުން ވީ ފައިދާއެއް ނެތް ކަމަށެވެ.

"ކުޑައިރުއްސުރެ ގޭގައި ގްރެފިކްސް ޑިޒައިނިންއާއި ފޮޓޯ ނެގުން ދަސްކުރީ އަމިއްލައަށް. ދެން އަމިއްލައަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މަސައްކަތް ހިއްސާކުރަން. އެކަމާ ގުޅުންހުރި ވަޒީފާއެއްގައި މިއުޅެނީ. ކިޔެވި ދާއިރާއާ އެއްވެސް ގުޅުމެއް ނެތް." އޭނާ ބުންޏެވެ.

ޒުވާނުންގެ ތެރޭގައި މިގޮތަށް އުޅޭ އެތައް ބަޔަކު އެބަތިއްބެވެ. ބޮޑެތި ލޯނުތައް ނަގައިގެން ކިޔަވައި ނިންމައިގެން ވަޒީފާއެއް ލިބޭނެކަމުގެ އުންމީދެއް ނެތެވެ. ވަޒީފާ ދެނީ ދޭނެ ބަޔަކަށެވެ. އުސޫލެއްގެ ގޮތުން އިއުލާނު ކުރަން ޖެހޭތީ ވަޒީފާގެ ފުރުސަތު އޮތް ކަމަށް އިއުލާނު ކުރި ނަމަވެސް، އޭގެ މާ ކުރިން ވަޒީފާ ދޭނެ ފަރާތް އޮންނަނީ އެތެރެ އެތެރެއިން ކަނޑައަޅައި ނިންމާފަ އެވެ. ބޭކާރުވަނީ ވަޒީފާއަށް އެދި އުންމީދާއެކު ހުށަހަޅާ މީހުންގެ ވަގުތެވެ.

ދަރަނިވެރިވުން ނޫން ގޮތެއް ނޯވޭ!

މޯގޭޖު ދިރިއުޅުމުގައި ދެން ހިމެނެނީ އަގު ބޮޑެތި އެންމެ ފަހުގެ ޒަމާނީ ސައިކަލުތަކާއި ކާރުފަދަ އެއްގަމު އުޅަނދެވެ. ރާއްޖެއަށް އެތެރެކުރާ އެއްގަމު އުޅަނދުފަހަރުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ ސައިކަލުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 100 ޕަސެންޓު ނަގަ އެވެ.

މިސާލަކަށް ބޭރުން 25،000 ރުފިޔާއަށް ގަންނަ ސައިކަލު މިތަނަށް އެތެރެ ކުރެވެނީ 25،000 ރުފިޔާ ދައުލަތަށްވެސް ދައްކައިގެންނެވެ. އެއްފަހަރާ ފައިސާ ދައްކައިގެން ގަންނަ ނަމަ، ކަސްޓަމަރު އެއަށް 70.000 އެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ސީދާ ޑީލާޝިޕުން ނުވަތަ ބޭންކެއް މެދުވެރިކޮށް ގަންނަ ނަމަ އެ އަދަދު ލައްކައަކަށް ނުވަތަ އެއަށްވުރެ މައްޗަށްވެސް އަރަ އެވެ.

ވެލާނާގެ ސަރަހައްދުގައި ހަދާފައިވާ ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ނެތުމުން، ސައިކަލަށް ބަރޯސާވާ މިންވަރު މިހާބޮޑުވެފައިވީ ނަމަވެސް، ދުވަހެއް ދުވަހަކަށް ސައިކަލުތަކުގެ އަގު ދަނީ ބޮޑުވަމުންނެވެ. ސައިކަލު ގަންނަ އަދަދު ކުޑަކޮށްވެސް މަދެއް ނުވެ އެވެ. ގިނަވެގެން އެތެރެ ކުރެވޭނެ ލިމިޓެއްވެސް ކަނޑައަޅާފައި ނެތެވެ. ވިޔަފާރިވެރިންނަށް ގެނެވުނު ވަރަކަށް ގެނެސް ވިއްކަންވީ އެވެ. ހުރިހާ ފައިދާއެއް އޮތީ ދައުލަތަށާއި ސައިކަލު ވިއްކާ ފަރާތްތަކަށެވެ.

މިކަން ކޮންޓްރޯލު ކުރަން އުޅުމުގެ ބަދަލުގައި ކޮންމެ ސަރުކާރަކުންވެސް ބަލަނީ އައު ބާވަތެއްގެ ފީއެއް ނަގައި، އިތުރު ބޮލުގެ ރިހުމެއް އާންމުންނަށް ދެވޭތޯ އެވެ. ގައުމުގެ ހާލަތަށް ބަލާއިރު، ސައިކަލު ވިއްކާ އަގާއި ނަގާ ފީތަކާ ދިރިއުޅުމުގެ ހާލަތާ ބައްދަލުތޯ ބެލުމަކީ މުހިންމު ކަމެކެވެ.

ކޮންމެ ކަމަކަށް ލޯނު!

ދިރިއުޅުމުގެ ހަރަދު ބޮޑުކަމާއި ލިބޭ އާމްދަނީ ކުޑަވުމުގެ ނަތީޖާއަކީ ފަހަށް ރައްކާ ނުކުރެވި، ކުރަން ޖެހޭ ކަންކަން ކުރަން ބޭންކުތަކުން ދަރަންޏަށް ފައިސާ ނަގަން ޖެހުމެވެ. ކައިވެންޏެއް ކުރަންވިޔަސް، ހަނީމޫންއަށް ދާން ވިޔަސް ނަގަނީ ލޯނެކެވެ. ހަރުމުދާ ގަންނަން ވިޔަސް ނަގަނީ ލޯނެކެވެ. އަދި ގޯތިގެދޮރު ގަތުމާއި އިމާރާތް ކުރުމުގެ ހަރަދުތައް ވެސް ހަމަޖައްސާލަނީ ލޯނަކުންނެވެ.

ހަރަދު ހަމަޖައްސަން ލޯނަށް މިހާބޮޑަށް ބަރޯސާވާއިރު، ބޭންކުތަކުން ލޯނު ނެގޭނެ ފަހި ގޮތްތަކެއް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ. ފަސޭހަވީ ވަރަކީ، މިހާރު ބޭނުން ތަނަކު، ބޭނުން ވަގުތެއްގައި އަމިއްލަ ސްމާޓްފޯނުންވެސް ލޯނަކަށް އެދެވިދާނެ އެވެ. ދަރަންޏަށް ފައިސާ ނެގުމަކީ ބޮލުގައި އެޅޭ ކިހާބޮޑު ކަމެއްކަން ގިނަ ފަހަރަށް ހަނދާން ނުހުންނަނީ މި ސަބަބާހުރެ އެވެ.

އެހެން ނަމަވެސް ބޭންކުތަކުން ލުއި ނުކޮށްދެނީ އިންޓްރެސްޓް ރޭޓެވެ. ދިގު މުއްދަތަކަށް ބަހާލައިގެން ލޯނު ނަގާއިރު، މަހުން މަހަށް ދައްކާ އަދަދު ކުޑަވި ނަމަވެސް، ލޯނު ދައްކާ ނިމޭއިރު ނެގި އަދަދުގެ ދެތިން ގުނަ އިތުރަށް އޮންނަނީ ދައްކަން ޖެހިފަ އެވެ. މީގެ ފައިދާ އޮތީ ބޭންކުތަކަށެވެ. އެކަން ބޭންކުތަކުގެ މާލީހިސާބުތައް ބަލައިލުމުންވެސް ފެންނާނެ އެވެ.

މޯގޭޖު ދިރިއުޅުމުގެ ނަތީޖާ

މަޖުބޫރު ވެގެންވިޔަސް އަދި އެ ނޫން ސަބަބުތަކާހުރެ ވިޔަސް މޯގޭޖު ދިރިއުޅުމުގެ އަސަރު ރާއްޖެއިން، ހާއްސަކޮށް މާލެއިން ވަނީ ފެންނަން ފަށާފަ އެވެ. ރާއްޖޭގެ އާބާދީގައި އެކި އުމުރުފުރާގެ ގުރޫޕުތައް ބެހިފައިވާ ގޮތަށް ބަލާއިރު 31 ޕަސެންޓުގެ ހިއްސާއަކާއެކު އެންމެ ބޮޑީ ޒުވާނުންގެ އާބާދީ އެވެ. އަދި 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ އާބާދީގެ 29 ޕަސެންޓެވެ. ހަރުފުރައިގެ މީހުން (36-64) ހިއްސާކުރަނީ އާބާދީގެ 30 ޕަސެންޓެވެ.

ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތް--

މޯގޭޖު ދިރިއުޅުމެއްގައި އުޅެން ޖެހުމުގެ ނަތީޖާއަކީ އާބާދީގައި ޒުވާނުންނާއި ކުޑަކުދިންގެ އާބާދީ މަދުވެ، ހަރު ފުރައިގެ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވުމެވެ. މިހެން ދިމާވާ ސަބަބުތަކަށް ބަލާއިރު، މިކަން ބެލެންސް ވުމަށްޓަކައި ޒުވާނުން ކައިވެނިކޮށް ދިރިއުޅުމެއް ފަށަން އެބަޖެހެ އެވެ.

ކައިވެނިކުރަން ބޭނުންވި ނަމަވެސް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލުވުމުން ކައިވެނި ކުރަން ފަސްޖެހޭ މީހުން މަދެއް ނޫނެވެ. ކައިވެނިކުރާ ޒުވާނުން ތިބެނީ ހަރަދުތައް ބޮޑުކަމުން ދަރިން ހޯދަން ފަސްޖެހިފަ އެވެ. މިގޮތަށް މިކަން ހިނގަމުންދާނަމަ، ކުޑަކުދިންގެ އާބާދީ ދަށްވެ، މިހާރު އޮތް ޒުވާނުންގެ އާބާދީ ޖެހިގެން އޮތް އުމުރުފުރުއިގެ ގުރޫޕަށް ދާއިރު އަންނަން އޮތް ޒުވާނުންގެ އާބާދީ ކުޑަވާނެ އެވެ.

މިއުޒިކް ޝޯވްއެއް ބަލަން ގޮސްތިބި ޒުވާނުންތަކެއް-- ސަން ފޮޓޯ/

ޖަޕާނުން މިހާރުވެސް ފެންނަމުންދާ މަންޒަރަކީ މިއީ އެވެ. ޖަޕާނަކީ މުޅި ދުނިޔެއިންވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އެގައުމުގައި މިހެން ދިމާވާން މެދުވެރި ބައިވަރު ސަބަބުތަކުގެ ތެރޭގައި ކައިވެނި ފަސްކުރުން/މަދުވުން އަދި މުސާރައާއި އުޖޫރަ ދަށްވުން ހިމެނެ އެވެ.

އާބާދީ ބެލެންސުން ކަޓައި، އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް މާބޮޑަށް އިތުރުވުމަކީ ސަރުކާރަށް ހަރަދު ބޮޑުވާނެވެސް ކަމެކެވެ. ސަބަބަކީ އޭގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ ޕެންޝަނަށް ކުރާ ހަރަދުވެސް ބޮޑުވެގެންދާނެ އެވެ. ދުރު ރާސްތާގައި މިކަމުން ނުކުންނާނެ އިޖުތިމާއީ މައްސަލަތައްވެސް އެހާ ބައިވަރު އެބަހުއްޓެވެ. ވަކި އުމުރަކަށް ދިއުމުން ކޮންމެ މީހަކުވެސް މަސައްކަތުގެ މާހައުލުން ވީއްލޭނެ އެވެ. އަދި ކުޑަކުދިންނާއި ޒުވާނުންގެ އާބާދީ ދަށްވެ، އާބާދީ ބެލެންސުން ކަޓައިފިނަމަ، ވަޒީފާތަކަށް ބޭނުންވާ ވަރަށް މީހުން ނުލިބި، ހުސް ވަޒީފާތައް ގިނަވާނެ އެވެ.

މޯގޭޖު ދިރިއުޅުމުން ރައްޔިތުން ސަލާމަތް ކޮށްދީ، ފަހި ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރުންވެސް ކޮށްދޭން ޖެހޭ ކަމެކެވެ. ރާއްޖޭގައި އޮތް، "މޮޅު މީހާއަށް މޮޅު ގޮތް، ނިކަމެތި މީހާއަށް ނިކަމެތި ގޮތް" އުސޫލަށް ނިމުމެއް ގެންނަން އެބަޖެހެ އެވެ. ޖުމުލަ ހައްލެއް ހޯދަން އަހަރުތަކެއް ނަގާފާނެ އެވެ. އެހެން ނަމަވެސް ހަރުދަނާ އުސޫލުތަކުން މިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެނެވިދާނެ އެވެ. އެކަމަކު އެ ހަރުދަނާ ސިޔާސަތު ހޯދައި ދޭނީ ކާކު ހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް