ސައުދީން ބޯޑަރުތައް ހުޅުވާލާ، އިންޓަނޭޝަނަލް ފްލައިޓުތައް ފަށައިފި

ސައުދީން ވަނީ އެގައުމުގެ ބޯޑަރުތައް އަލުން ހުޅުވާލާފަ -- ފޮޓޯ: އޭއެފްޕީ

ރިޔާޒް (ޖެނުއަރީ 3): ސައުދީ އަރަބިއާއިން މީގެ ދެ ހަފްތާ ކުރިން ބަންދުކުރި އެގައުމުގެ ބޯޑަރުތައް އިއްޔެ ހުޅުވާލާ، ބައިނަލްއަގުވާމީ ފްލައިޓުތައް އަލުން ފަށައިފި އެވެ.

ސައުދީން މިދިޔަ މަހުގެ 21ގައި އެގައުމުގެ ވަޔާއި އެއްގަމާއި ކަނޑުގެ ބޯޑަރުތައް ބަންދު ކުރީ އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއެންޓުގެ ސަބަބުންނެވެ. އަދި ފުރަތަމަ އެއް ހަފްތާއަށް އެ ފިޔަވަޅު އެޅުމަށް ފަހު މިދިޔަ ހޯމަ ދުވަހު އިތުރު ހަފްތާއަކަށް އެ މުއްދަތު އިތުރު ކުރި އެވެ.

ނަމަވެސް އިއްޔެ ސައުދީ އިންޓީރިއާ މިނިސްޓްރީން ވަނީ ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެގައުމުން އަލުން ބައިނަލްއަގުވާމީ ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، ވައިރަހުގެ އާ ވޭރިއެންޓް ފެނިފައިވާ ގައުމުތަކުން ސައުދީއަށް ދާ މީހުންނަށް އެ ގައުމަށް ވަދެވޭނީ އެހެން ގައުމެއްގައި 14 ދުވަސް ހޭދަ ކުރުމަށް ފަހު، ވައިރަހުގެ ނެގެޓިވް ޓެސްޓަކާ އެކު ކަމަށް ކަނޑައެޅުން ހިމެނެ އެވެ. އަދި އެހެން ގައުމުތަކުން ސައުދީއަށްދާ އެގައުމުގެ ރައްޔިތުންނަށް ސީދާ ގައުމަށް ދެވުނު ނަމަވެސް އެމީހުން ދެ ހަފްތާއަށް ކަރަންޓީނުވެ، ކޮވިޑް ޓެސްޓު ހަދަން ޖެހޭނެ އެވެ.

ސައުދީގައި މިހާތަނަށް 363،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 6,239 މީހަކު މަރުވެފައިވެ އެވެ. މިދިޔަ މަހު އެގައުމުން ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް ވެކްސިން ދޭން ފަށާފަ އެވެ.

comment ކޮމެންޓް