އޭސީޕީ ފައިރޫޝް ފުލުހުންގެ ހިދުމަތުން ވަކިވެއްޖެ

ޑރ. ފައިރޫޝް މިއަދު ރިޓަޔާ ކުރެއްވުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ޓްވިޓާ

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ފައިރޫޝް ރިޓަޔާކޮށް އެކަމުގެ ލިޔުން ހަވާލުކުރާ ފޮޓޯއާ އެކު ކޮމިޝަނަރު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފައިރޫޝް ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކާމިޔާބަށް ވެސް އެދިވަޑައިގެންނެވި އެވެ.

ފައިރޫޝް ރިޓަޔާ މި ކުރެއްވީ ފުލުހުންގެ އާ ގާނޫނަކަށް އަމަލު ކުރަން ފެށިތާ ދުވަސްކޮޅެއް ނުވެ އެވެ. އެގޮތުން އެ ގާނޫނުގައި ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާ އެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެމްޑީޕީން އަންނަނީ މި ސަރުކާރުގައި އަލުން ފައުރޫޝް ފުލުހުންގެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނުމުން އެކަމަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް