ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ގދ. ފަރެސްމާތޮޑާ---

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ. އެ ކުންފުނިން ބުނީ މަސައްކަތް ފެށުމަށް ޖެނުއަރީ އެއްވަނަ ދުވަހު ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

އެއާޕޯޓުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 144.88 މިލިއަން ރުފިޔާ އަށެވެ.

މަޝްރޫއުގެ ދަށުން އެ ރަށުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އެއްގެ އިތުރުން އޭޕްރަން އާއި ސާވިސްރޯޑު ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން އެއާޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވާ އެހެން އިންފްރާސްޓްރަކްޗާ ވެސް ތަރައްގީ ކުރާނެ އެވެ.

އެމްޓީސީސީ އަށް ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ނިންމާ އެކަމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ ކުރީ ސަރުކާރުގަ އެވެ. އެރަށުގެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ހަވާލުކުރީ ގަލްފް ކޮބްލާ ޓެންސާއާ އެވެ.

ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ތަރައްގީ ކުރާއިރު ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން ދެވޭ ސަރަހައްދެއްގައި އެއާޕޯޓު ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެވެ. ގދ. ކާޑެއްދޫގައި އެއާޕޯޓެއް ހިންގާއިރު ގއ. ކޫއްޑޫ އަދި މާވާރުލުގައި ވެސް އެއާޕޯޓެއް ހިންގަ އެވެ.

comment ކޮމެންޓް