ކޯސްޓްގާޑަށް 41 އަހަރު ފުރިއްޖެ

ކޯސްޓްގާޑުގެ 41 ވަަނަ އަހަރީގެ ދިދަ ނެގުން -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިދުމަތަށް 41 އަހަރު ފުރިއްޖެ އެވެ.

އެކަން ފާހަގަކުރުމަށް ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ވަނީ ދިދަ ނެގުމުގެ ރަސސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޯސްޓްގާޑުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެގޮތުން ހިން ހުޅުމާލެ ފަޅު ސާފުކުރުމުގެ ޕްރޮގްރާމަކާއި ކ.ގާފަރުގައި އެމްއެންޑީއެފް ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލާއި ކޯސްޓްގާޑު ގުޅިގެން ހިންގާ މެޑިކަލް ކޭމްޕެއް ހިންގާނެ ކަމަށް ބުންޏެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފެދުނީ ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތަޢާރަފްކުރި ތާރީހު ކަމުގައިވާ 1980 ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިދުމަތް އެދުވަހު ފަށާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާއެކު އެވެ.

ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރައްދު ހިމާޔަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ މުހިންމު އެއް މަސައްކަތަށް ވާއިރު، ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދީ އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމުގައި ރައްޔިތުންނާއި ގާތުން 24 ގަޑިއުރު އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

comment ކޮމެންޓް