މާލެ ސަރަހައްދަށް ދިމާވެފައި އޮތް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވެމްކޯއިން ނުކުތީ 2016ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގަ އެވެ. ވެމްކޯގެ ހިދުމަތަށް ފަސް އަހަރު ފުރޭއިރު، ވެމްކޯއިން ވަނީ ފަހަރުވެރި އެތައް ކާމިޔާބީތަކެއް ހޯދައި، ސާބިތުކަމާއެކު އާންމުންނަށާއި ތިމާވެށި ރައްކާތެރި ކުރުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ވެމްކޯ އުފައްދައިގެން ފުރަތަމަ އަހަރުގައި އެކުންފުނީގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ވީ އެންމެ އަވަހަކަށް ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ. އަދި ދުރާލާ ވިސްނައިގެން ހިދުމަތްތަކުގެ ބިންގާ އެޅީވެސް ފުރަތަމަ އަހަރުގެ ތެރޭގަ އެވެ.
ކުނި މެނޭޖު ކުރުމުގެ ބުރަ މަސައްކަތާ ހަވާލުވެގެން ވެމްކޯއިން އެންމެ ފުރަތަމަ ކުރި ކަމަކީ މާލޭގެ ކުނި ލޭންޑިން ކްރާފްޓެއް މެދުވެރިކޮށް ރަށުން ބޭރު ކުރުމެވެ. އަދި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވެމްކޯއިން އަމިއްލަ އެކްސްކެވޭޓަރު ފްލީޓެއް ހަމަކުރި އެވެ.
ވެމްކޯއިން މާލޭގައި ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަން ފެށުމާއެކު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތްވެސް އެކުންފުންޏާ ހަވާލުކުރި އެވެ. ހަމައެއާއެކު ރ. ވަންދޫގެ ރީޖަނަލް ވޭސްޓް ޓްރާންސްފާ ފެސިލިޓީ އަމަލީ ގޮތުން ބޭނުންކުރަން ފެށުމަށްޓަކައި ބ. އަތޮޅާއި ރ. އަތޮޅުގެ ރަށްތަކުގައި އުކާލާނެ ގޮތެއް ނެތި ގިނަވެފައި ހުރި ކުނިތައް ކަލެކްޓް ކުރި އެވެ. ހާއްސަ ޕްރޮޖެކްޓެއްގެ ގޮތުގައި ހުޅުމާލޭގެ ވޭސްޓް ޔާޑުވެސް ވެމްކޯއާ ހަވާލުކުރީ 2016ވަނަ އަހަރުގަ އެވެ. އަދި އެއަށްފަހު މާލޭގައި ދެ ކަލެކްޝަން ޕޮއިންޓާއި މާލޭ ސިނާއީ އަވަށުގައި އެއް ޓްރާންސްފާ ޕޮއިންޓްވެސް ހަމަ އެ އަހަރުގެ ތެރޭގައި ވެމްކޯއިން ގާއިމުކުރި އެވެ.
ޖެހިގެން އައި އަހަރު މާލޭއިން ކުނި ނެގުމުގެ މަސައްކަތުގައި ބޭނުންކުރަން އެންމެ ފެންވަރު ރަނގަޅު އުޅަނދުފަހަރުގެ ފްލީޓެއް ވެމްކޯއިން ގެނަ އެވެ. އަދި ގޭބިސީތަކުން ކުނި ނެގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްޓަކައި ޖޮބް ފެއާއެއް ކުރިއަށްގެންދިޔަ އެވެ. ވެމްކޯގެ މަޝްހޫރު ހޮޓްލައިން ނަންބަރު 1666 ތައާރަފުކޮށް، ކޯލް ސެންޓަރު ގާއިމުކުރީ ވެސް ހަމަ އެ އަހަރުގަ އެވެ. އަދި ވެމްކޯގެ ކުނި އުކުމުގެ ހިދުމަތުގައި ރަޖިސްޓްރީވާން ފުވައްމުލަކުގެ ގޭބިސީތަކަށް ހުޅުވާލުމުގެ އިތުރުން 2017ގެ ޑިސެމްބަރު މަހު ވިލިމާލޭގައި ވޭސްޓް މެނޭޖްމަންޓުގެ މަސައްކަތް ވެމްކޯއިން ފަށައިގަތެވެ.
ދެހާސް އަށާރަވަނަ އަހަރަކީ ވެމްކޯއިން ގިނަ އަދަދެއްގެ އައު ހިދުމަތްތަކެއް ތައާރަފުކުރި އަހަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- ކޯލް އެންޑް ޕިކްއަޕް ސާވިސް (ކެޕްސް) ލައިޓްގެ ހިދުމަތް ތައާރަފުކުރުން
- މާލޭގައި ތާޑް ޕާޓީ ޕޭމަންޓް އައުޓްލެޓުތައް ގާއިމުކުރުން
- ކުނީގެ މިންވަރު މޮނީޓަރުކޮށް، ކަލެކްޓްކޮށް އަދި ކަލެކްޝަން މަސައްކަތް އަވަސްކުރަން 'ވެށިފާރަ'ގެ ނަމުގައި ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކުރުން
މީގެ އިތުރުން 2018ވަނަ އަހަރުގެ ތެރޭގައި ވެމްކޯއިން ވަނީ މާލޭ ސިނާއީ އަވަށުގައި ޕްލާސްޓިކް ރީސައިކްލިން ލެބެއްވެސް ހުޅުވާފަ އެވެ.
ހަމައެއާއެކު މާލޭގައި ދެމުންދިޔަ ހުރިހާ ހިދުމަތްތަކެއް އައްޑޫއާއި ފުވައްމުލަކަށް ފުޅާކޮށް ސައުތު ރީޖަނަލް ހެޑް އޮފީހެއް ހުޅުވި އެވެ. ސްކޫލްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް ވެމްކޯއިން ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެ ޕްރޮގްރާމުތަކުގައި އެކި ސްކޫލްތަކުން ޖުމުލަ 315 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
ރ. ވަންދޫގައި އިންސިނަރޭޓަރެއް ގާއިމުކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ހަކަތަ އުފައްދަން ވެމްކޯއިން ފެށީ 2019ވަނަ އަހަރުގަ އެވެ. އަދި ވިލިމާލޭގައި އެކުންފުނިން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ވިލިމާލޭގެ ގޭބިސީތަކަށް އަމާޒުކޮށްގެން ސާވޭއަކާއި ވޭސްޓް އޮޑިޓެއް ވެމްކޯއިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ވެމްކޯއިން ކުރާ ޕްލާސްޓިކް ރީސައިކަލް އަދި އެހެނިހެން މަސައްކަތްތައް އާންމުންނަށް ދައްކާލުމަށްޓަކައި އުކުޅަސް ފެއާ 2019ގައި ވެސް ވެމްކޯއިން ބައިވެރިވި އެވެ.
ނިމިދިޔަ 2020ވަނަ އަހަރުގެ ބޮޑު ބައެއް ކޮވިޑް19 ޕެންޑެމިކްގެ ތެރޭގައި ވޭތުވެގެންދިޔައިރު، ވެމްކޯއިން އޮތީ އެފަދަ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ގޭބިސީތަކުން ކުނި ނެގުމުގެ އިތުރުން ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައިގެން ވެމްކޯއިން ވަނީ މެޑިކަލް ސެންޓަރުތަކާއި މޮނީޓަރިން ހާލަތަށް ގެނައި ގޭބިސީތަކަށް ވެސް ފަސްޖެހުމެއް ނެތި ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.
ޕެންޑެމިކްގެ ތެރޭގައި އާންމުންނަށް ލުޔެއް ހޯދައިދިނުމަށްޓަކައި ވެމްކޯގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނަ އެވެ. އަދި ރަޖިސްޓްރީ ކޮށްފައިތިބި ގޭބިސީތަކާއި ރަޖިސްޓްރީ ނުކުރާ ގޭބިސީތަކާ މެދު އެއްވެސް ތަފާތު ކުރުމެއް ނެތި ވެމްކޯއިން ވަނީ ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. ވެމްކޯގެ މި ހިދުމަތް އެއް ދުވަސް ފިޔަވައި މުޅި އަހަރުގެ ހުރިހާ ދުވަހަކު އާންމުންނަށް ވަނީ ފޯރުކޮށްދީފަ އެވެ. ހިދުމަތް ފޯރުކޮށް ނުދެވުނީ މާލެ އިމަޖެންސީކޮށް ލޮކްޑައުންއަކަށް ދިޔަ އޭޕްރީލް 16ވަނަ ދުވަހުގަ އެވެ.
ވެމްކީގެ ހިދުމަތްތަކަށް ފަސް އަހަރު ފުރިފައިވާއިރު، 3500 މީހުންނަށް އެކުންފުނިން ވަނީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފަ އެވެ. އޭގެ ތެރެއިން މިހާރު އެކުންފުނީގައި ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންގެ ނިސްބަތުން 85 ޕަސެންޓަށްވުރެ ގިނައީ ދިވެހި މުވައްޒަފުންނެވެ. އަދި ކުންފުނީގެ މެނޭޖްމަންޓަކީ 100 ޕަސެންޓު ދިވެހި މެނޭޖްމަންޓެކެވެ.
މާލެ ސިޓީ ކައުންސިލާ ގުޅިގެން ވެމްކޯއިން އަހަރުގެ ހުރިހާ ދުވަހަކު ކުނި ނެގުމުގެ މަސައްކަތް ކުރުމުގެ އިތުރުން ހަފުތާއަކު ހަ ދުވަހު މާލެއާއި ވިލިމާލޭގެ މަގުތައް ސާފުކޮށްދެ އެވެ. ދެކުނު ރީޖަންގައި ހިމެނޭ އައްޑޫއާއި ފުވައްމުލަކުގައި ވެމްކޯއިން ހިދުމަތް ދެމުންދަނީ މާލެގައި ބޭނުންކުރާ ފަދަ ފްލީޓަކުންނެވެ.
ވެމްކޯއަކީ އެތައް ބައެއްގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކުންފުންޏެކެވެ. އެގޮތުން ވެމްކޯއިން ދަނީ ކޮންމެ ދުވަހަކުވެސް 30،000އަށް ވުރެ ގިނަ ގޭބިސީތަކާއި 9،000އަށްވުރެ ގިނަ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. މިއާއެކު ކުރު މުއްދަތެއްގެ ތެރޭގައި ވެމްކޯ ވެގެން ގޮސްފައިވަނީ އާންމުން އެކުންފުނީގެ ހިދުމަތްތަކުގެ އަގުވަޒަންކުރާ އަދި ބަލައިގަންނަ ކުންފުންޏަކަށެވެ.