އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކާ އޮންލައިންކޮށް ލިބޭނެ

މީރާ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރާނެ އާ ސްޓިކާ އެއް ތައާރަފުކޮށްފި އެވެ.

މީރާ އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކާ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މީރާއިން ބުނީ އެކެއް ޖެނުއަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކާ ދޫކުރާނީ އީމެއިލް މެދުވެރިކޮށް، އަމިއްލައަށް ޕްރިންޓްކުރެވޭނެ ގޮތަށް ކަމަށެވެ.

މީގެ އިތުރުން، އެއްގަމު އުޅަނދުގެ އަހަރީ ފީ މީރާގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް ޖެނުއަރީ އެކަކުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ މި ސްޓިކާ ކަމަށާއި، ނަމަވެސް، 31 ޑިސެންބަރު 2020 ގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރާނެ ކަމަށްވެސް މީރާ އިން ބުންޏެވެ.

އަހަރީ ފީ ސްޓިކާއަށް ގެނައި ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދަން ފަސޭހަ ވާނެ ކަމަށް މީރާ އިން ބުންޏެވެ. އަދި ސްޓިކާގައިވާ ކިޔުއާރު ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ކަމަށާއި، ވެހިކަލް ފީ ދައްކައިފައިވާކަން ބަލާ، ކަމާބެހޭ އިދާރާތަކުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ އެ އޮތޯރިޓީ އިން އަކީ އަބަދުވެސް މަސައްކަތް ކުރަނީ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މީރާއިން ފޯރުކޮށްދޭ މައިގަނޑު ހުރިހާ ހިދުމަތެއް މިހާރު މީރާއަށް ނުގޮސް އޮންލައިންކޮށް ލިބޭނެކަމަށް މީރާއިން ބުންޏެވެ.

comment ކޮމެންޓް