ސައުދީގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ މުއްދަތު އިތުރުކޮށްފި

ސައުދީ ރަސްގެފާނުގެ ޕޯސްޓަރެއް ކުރިމަތިން މާސްކު އަޅައިގެން ހުރި މީހަކު ހިނގާފައި ދަނީ -- ފޮޓޯ: ރޮއިޓާސް

ރިޔާޒް (ޑިސެމްބަރު 28): ސައުދީ އަރަބިއާގެ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ މުއްދަތު އެގައުމުން އަނެއްކާވެސް ހަފްތާއަކަށް އިތުރުކޮށްފި އެވެ.

ސައުދީން މިދިޔަ ހޯމަ ދުވަހު އެގައުމުގެ ބޯޑަރުތައް އެއް ހަފްތާއަށް ބަންދު ކުރީ އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއެންޓުގެ ސަބަބުންނެވެ. އަދި އަނެއްކާވެސް އެ މުއްދަތު އިތުރު ކުރަން ނިންމީ، އެހެން ގައުމުތަކަށްވެސް މިހާރު ފެތުރިފައިވާ އެ ވޭރިއެންޓުގެ ސަބަބުން ކަމަށް އިންޓީރިއާ މިނިސްޓްރީގެ ބަޔާނެއްގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ސައުދީގެ ބޯޑަރުތައް ބަންދު ކުރި ނަމަވެސް ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އެގައުމުން ފުރައިގެން ދެވޭނެ އެވެ. އަދި ބައެއް ހާއްސަ ހާލަތުގައި މީހުންނަށް އެގައުމަށް ވަންނަން ހުއްދަ ދޭނެ އެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއެންޓް މިހާރު ވަނީ މެދުއިރުމަތިން ވެސް ފެނިފަ އެވެ. އެގޮތުން އުރުދުން އާއި ލުބުނާނުން ވަނީ އެ ދެ ގައުމުން އާ ވޭރިއެންޓް ފެނިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިހާރު 50އަށް ވުރެ ގިނަ ގައުމުން ވަނީ އިނގިރޭސިވިލާތާ ދެމެދު ކުރާ ދަތުރުތަކަށް ހުރަސް އަޅާފަ އެވެ.

ސައުދީގައި މިހާތަނަށް 362،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި، ބަލީގައި 6,185 މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް