ސައުދީ އަރަބިއާގެ ވަލީއަހުދަށް ކޮވިޑް-19 ވެކްސިން ދީފި

ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން -- ފޮޓޯ: އެސްޕީއޭ

ރިޔާޒު (ޑިސެމްބަރު 26): ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިލް ސަލްމާންއަށް ކޮވިޑް-19 ވެކްސިން ދީފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އިން ރިޕޯޓު ކުރި ގޮތުގައި ވަލީއަހުދު ވެކްސިން ޖެއްސެވުމުން ހެލްތު މިނިސްޓަރު ތައުފީގު އަލް ރާބިއާ ވަނީ ގައުމުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށް ދިނުމަށް ވަލީއަހުދު ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަކީ ވަލީއަހުދުގެ 2030ގެ ތަސައްވަރުގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"ވިޝަން 2030ގެ ފްރޭމްވޯކުގައި ބައްޔެއް ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ ސިޔާސަތު ހިމެނޭ، އޭގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ރައްޔިތުންގެ ސިއްހަތަށް އެންމެ ބޮޑު އިސްކަމެއް ދީ، ރައްކާތެރި އަދި ބައިނަލްއަގުވާމީ ހުއްދަ ލިބިފައިވާ ވެކްސިން ރައްޔިތުންނާއި ރަށްވެހިންނަށް ފޯރުކޮށްދީފައިވޭ،" ހެލތު މިނިސްޓަރު އަލް ރާބިއާ ވިދާޅުވި އެވެ.

ސައުދީ ވަލީއަހުދުގެ އިތުރުން ކޮވިޑް-19 ވެކްސިން ޖެއްސެވި ދުނިޔޭގެ އެހެން ލީޑަރުންގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ހިމެނެ އެވެ.

ސައުދީ އަރަބިއާއިން ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް ވެކްސިން މި މަހުގެ 17ގައި އެގައުމުގެ ރައްޔިތުންނަށް ދޭން ފަށާފަ އެވެ. އަދި އެގައުމުން ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައި ވަނީ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު މީހުންނަށެވެ. އެއަށް ފަހު ވެކްސިން އާއްމުކޮށް ދޭން ފަށާނީ 50 އަހަރުން މަތީގެ މީހުންނަށް ދީ ނިމުމުންނެވެ.

ސައުދީ އަރަބިއާގައި މިހާތަނަށް 362،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 6,159 މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް